
ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

އާމިނަތު ޝަޒްލާ - 14 ޖުލައި 2026 - 10:59
ރާއްޖޭގެ ޖަލުތަކުގެ ރައްކާތެރިކަމާއި، ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ހިންގި ޚާއްސަ ޖޮއިންޓް އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިދިޔަ ޖޫން މަހުގެ 22 އިން ފެށިގެން މި ޖުލައި މަހުގެ 13 އާ ހަމައަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ ޖަލުތަކުގެ ސަލާމަތީ ނިޒާމު ހަރުދަނާކޮށް، ޖަލުތަކަށް ވަގަށް ވައްދާ ތަކެއްޗާއި މަނާ ތަކެތި ހޯދުމަށް ހިންގުނު މުހިންމު ހަރަކާތެކެވެ. ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަން ހިންގާފައިވަނީ މާލެ، ހުޅުމާލެ، ކ. މާފުށި އަދި ކ. ހިންމަފުށީގެ ޖަލުތަކުގައެވެ.
ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ފުލުހުންގެ އެކި ދާއިރާތަކުން ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ. މީގެ ތެރޭގައި އެސްއޯގެ ސްވަޓް ޓީމާއި، ކޭނައިން (ކުއްތާ) ޔުނިޓުގެ އިތުރުން މާލެ އާއި ހުޅުމާލެ ޕޮލިސް، ޑްރަގް އެންފޯސްމަންޓް އަދި މެރިން ޕޮލިހުން އަމަލީގޮތުން ބައިވެރިވެފައިވެއެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން އޮޕަރޭޝަން ކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާޤު އާދަމްފުޅު ވިދާޅުވީ، ތިން ހަފުތާއަށް ދެމިގެންދިޔަ މި ބޮޑު ހަރަކާތުގައި ފުލުހުންގެ އެކިއެކި ޑިޕާޓްމަންޓުތަކުން ފޯރުކޮށްދިން އެއްބާރުލުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރި މަސައްކަތުން، އޮޕަރޭޝަނުން ބޭނުންވި ހެޔޮ ނަތީޖާ ހާސިލުކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވި ގޮތުގައި، ޖަލުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ފުލުހުންނާ ގުޅިގެން މިހާތަނަށް ހިންގި އޮޕަރޭޝަންތަކަށް ބަލާއިރު، މިއީ އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ އެއް އޮޕަރޭޝަނެވެ.
މި އޮޕަރޭޝަންގެ އެކި މަރުހަލާތަކުގައި ޕްރޮޓެކްޓިވް ސެކިއުރިޓީ، މީޑިއާ، އިންޓެލިޖެންސް، ފޮރެންސިކްސް، މޭޖަރ ކްރައިމް އިންވެސްޓިގޭޝަން އަދި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުންވެސް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ފުލުހުންގެ މައުލޫމާތުތަކުން ދައްކައެވެ. މިފަދަ އޮޕަރޭޝަންތަކަކީ ޖަލުތަކުގެ އަމާންކަން ދެމެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގޭ މުހިންމު ހަރަކާތްތަކެކެވެ.
ގުޅުން ހުރި ޙަބަރުތައް

ޖޭއެސްސީން ބޭނުންވެއްޖެ ނަމަ އިސްފަނޑިޔާރުން ވަކިކުރެވޭ ގޮތް ހަދައިފި
8 ގަޑިއިރު ކުރިން

ތިނަދޫ އަލުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބަތަށް ޚާއްސަ ލޯގޯއެއް އިފްތިތާޙްކޮށްފި
9 ގަޑިއިރު ކުރިން

ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރި: ފުރަތަމަ ބުރުގެ މަޝްވަރާތައް ނިންމާލައިފި
9 ގަޑިއިރު ކުރިން

ސައިބަރ ކުރައިމް އިތުރުވެއްޖެ، ގިނައީ އޮންލައިން ޝޮޕިންގް އަދި ސޯޝަލް މީޑިއާ ސްކޭމް: ފުލުހުން
9 ގަޑިއިރު ކުރިން


.gif&w=3840&q=75)