logo

ކްރިޕްޓޯ އާމްދަނީގެ ގޮތުގައި ޓްރަމްޕަށް 1.4 ބިލިޔަން ޑޮލަރު ލިބިއްޖެ

profile

މުޙައްމަދު ފަޟްލޫން - 02 ޖުލައި 2026 - 10:34

ފާއިތުވި އަހަރުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް، ކްރިޕްޓޯކަރަންސީ އާއި މީޑިއާ ކުންފުނިތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން އެތައް މިލިއަން ޑޮލަރެއްގެ އާމްދަނީއެއް ލިބިވަޑައިގެންފައިވާކަން ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ.

https://wamco.com.mv/

އެމެރިކާގެ އޮފީސް އޮފް ގަވަރންމަންޓް އެތިކްސްއިން ވަނީ ޓްރަމްޕާއި ނައިބު ރައީސް ޖޭޑީ ވޭންސްގެ އަހަރީ މާލީ ބަޔާންތައް އާންމުކޮށްފައެވެ.

ޖުމްލަ 927 ސަފުހާގެ މައްޗަށް އެކުލެވޭ މި ލިޔެކިޔުންތަކުގައި، 2025 ވަނަ އަހަރާ ހަމައަށް ޓްރަމްޕަށް ލިބިވަޑައިގެންފައިވާ ހަރުމުދަލާއި އާމްދަނީގެ ތަފްސީލުތައް ހިމަނާފައިވެއެވެ.

މި ރިޕޯޓުގައިވާ ގޮތުން، ޓްރަމްޕްގެ އާއިލީ ކްރިޕްޓޯކަރަންސީ ވިޔަފާރިން 1.4 ބިލިއަން އެމެރިކާ ޑޮލަރު ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން، ޓްރަމްޕާއި އޭނާގެ ދަރިކަލުން ހިއްސާވާ ވޯލްޑް ލިބަޓީ ފައިނޭންޝަލް އިން 500 މިލިއަން ޑޮލަރު އަދި އޭނާއަށް ނިސްބަތްވާ މީމް ކޮއިންއަކުން 635 މިލިއަން ޑޮލަރު ލިބިވަޑައިގެންފައިވާކަން ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުން ދައްކާ ގޮތުގައި ޓްރަމްޕްގެ އާމްދަނީގެ ބޮޑު ބައެއް މިހާރު ހިއްސާކުރަނީ ޑިޖިޓަލް އެސެޓުތަކުންނެވެ. އަދި އޭނާގެ ބައްޕާފުޅުގެ ފަރާތުން ވާރުތަވި ރިއަލް އެސްޓޭޓް ވިޔަފާރިން ލިބޭ އާމްދަނީއަށް ވުރެ، ޑިޖިޓަލް އެސެޓްތަކުން ލިބޭ އާމްދަނީ މިހާރު ވަނީ އިތުރުވެފައެވެ.

މި ހާމަވި މައުލޫމާތުތަކާއެކު، ޓްރަމްޕްގެ ސިޔާސަތުތަކަށް އަމާޒުވާ ފާޑުކިޔުންތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ޑިމޮކްރެޓުންނާއި އޭނާގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ޓްރަމްޕް ގެންދަވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އަމިއްލަ މަންފާ ހޯއްދަވަމުންނެވެ.

ފޯބްސް މެގަޒިންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެކަނިވެސް ޓްރަމްޕްގެ މިލްކިއްޔާތު ވަނީ ތިންގުނައަށް އިތުރުވެފައެވެ.

އެއީ 2.4 ބިލިއަން ޑޮލަރުން 6 ބިލިއަން ޑޮލަރަށް އުފުލިފައިވާ މިންވަރެކެވެ.

ޖަނަވަރީ 2025 ގައި ދެވަނަ ދައުރަކަށް އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ޓްރަމްޕް ވަނީ ކްރިޕްޓޯކަރަންސީއަށް މަގުފަހިވާނެފަދަ ހަރުދަނާ ސިޔާސަތުތަކެއް ތަޢާރަފުކުރައްވާފައެވެ.

ޓްރަމްޕްގެ މައިގަނޑު ތަސައްވުރަކީ އެމެރިކާއަކީ ދުނިޔޭގެ ކްރިޕްޓޯ މަރުކަޒު ކަމުގައި ބައްޓަންކުރުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk