
ސައިބަރ ރެޒިލިއަންސް ވަރުގަދަކުރުމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭ: ލަޠީފް

އާމިނަތު ޝަޒްލާ - 02 ޖުލައި 2026 - 11:06
މޯލްޑިވްސް 2.0' ގެ އަމާޒަށް ދަތުރުކުރަމުންދާއިރު، ސައިބަރ ރެޒިލިއަންސް ނުވަތަ ސައިބަރ ހަމަލާތަކުން ރައްކާތެރިވެ، އަލުން އިއާދަވުމުގެ ގާބިލުކަން ވަރުގަދަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، ރިޓަޔަރޑް ލެފްޓިނެންޓް ކަރނަލް އިބްރާހީމް ލަޠީފް ވިދާޅުވެއްޖެއެވެ.
'ސައިބަރ ސެކިއުރިޓީ އެންޑް ސައިބަރ ރެޒިލިއަންސް އޮސްޓްރޭލިއާ އެވޯޑްސް ފެލޯޝިޕް 2026' ކާމިޔާބުކަމާއެކު ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލަޠީފް ފާހަގަކުރެއްވި ގޮތުގައި، މިޒަމާނުގައި ސައިބަރ ސެކިއުރިޓީއަކީ ހަމައެކަނި ޓެކްނޮލޮޖީއާ ގުޅުންހުރި ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ދައުލަތް ހިންގުމުގެ މުޅި ނިޒާމާ ގުޅިލާމެހިފައިވާ، ގައުމީ ފެންވަރުގެ މުހިންމު އިސްތިރާޖީ ދާއިރާއެކެވެ.
މީގެއިތުރުން، މިއީ ދިވެހިރާއްޖެ ޑިޖިޓަލްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ތައާރަފްކުރެއްވި 'މޯލްޑިވްސް 2.0' ސިޔާސަތު ތަންފީޒުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ފެލޯޝިޕަކީ ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ދައުލަތުގެ މުއައްސަސާތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އިތުރަށް ވިދާޅުވީ، ސައިބަރ ސެކިއުރިޓީއަކީ ގައުމީ ސަލާމަތާއި، ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރާއި، ގައުމުގެ އިގްތިސާދީ ކުރިއެރުމާ ސީދާ ގުޅިފައިވާ ކަމެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ޑޭވިޑް ޖެސަޕް ވިދާޅުވީ، މި ތަމްރީނު ޕްރޮގްރާމް ނިމުމަކީ ބައިވެރިންގެ އަމަލީ މަސައްކަތް ފެށޭ ފެށުން ކަމަށެވެ.
ގައުމުގެ ދެމެހެއްޓެނިވި ތަރައްގީއާއި އިގްތިސާދީ ނަތީޖާ ހާސިލުކުރުމުގައި ސައިބަރ ސެކިއުރިޓީއަކީ މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، މި ދާއިރާއިން އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ހައިކޮމިޝަނަރ ވަނީ ދެއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފައިނޭންޝަލް އެކްސްޕޯގައި އުރީދޫން އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ހިދުމަތް ދެނީ
22 މިނިޓު ކުރިން

ވިލާ ކޮލެޖު, ސެޕްޓެމްބަރު މަހުގެ އިންޓޭކުގެ ކޯހަށް ކުރިމަތިލުމަށް ހުޅުވާލައިފި
23 މިނިޓު ކުރިން

މިދިޔަ އަހަރު ސްޓެލްކޯއަށް 239 މިލިއަން ރުފިޔާގެ ފައިދާވެއްޖެ
3 ގަޑިއިރު ކުރިން

ތަޖިން ރެސްޓޯރެންޓުން ހެނދުނުގެ ނާސްތާ މިހާރު ލިބޭނެ
3 ގަޑިއިރު ކުރިން


.gif&w=3840&q=75)