logo

ފައިނޭންޝަލް އެކްސްޕޯގައި އުރީދޫން އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ހިދުމަތް ދެނީ

profile

އާމިނަތު ޝަޒްލާ - 02 ޖުލައި 2026 - 13:21

މިއަދު ފެށުނު ފައިނޭންޝަލް އެކްސްޕޯގައި އުރީދޫ ފިންޓެކްގެ ފަރާތުން ބައިވެރިވެ، އެ ކުންފުނީގެ ޒަމާނީ ޑިޖިޓަލް މާލީ ނިޒާމުގެ ޚިދުމަތްތައް ދައްކާލުމުގެ އިތުރުން، އެކި ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހުންނާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

https://wamco.com.mv/

އުރީދޫން ހާމަކުރި ގޮތުގައި، މި އެކްސްޕޯގައި ހުންނަ އެ ކުންފުނީގެ ސްޓޯލުން، ދާދިފަހުން ތަޢާރަފުކުރި އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ޚިދުމަތާ ބެހޭ މަޢުލޫމާތާއި އެހީތެރިކަން ލިބޭނެއެވެ.

މި ޚިދުމަތުގެ ސަބަބުން ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު، ސީދާ އެމް-ފައިސާ ވޮލެޓަށް ޖަމާކުރެވޭނެ މަގު ފަހިވެގެންދެއެވެ. މިއީ ވަކިން ޚާއްޞަކޮށް ފްރީލާންސަރުންނާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަޤުވާމީ ޑިޖިޓަލް އިޤްތިޞާދުގައި ފައިތިލަސާބިތުކުރުމަށް ލިބިގެންދާ މުހިންމު ފުރުޞަތެކެވެ.

މީގެ އިތުރުން، މި އެކްސްޕޯގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ޕެނަލް ޑިސްކަޝަނެއްގައި އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ފިންޓެކް، އަޙްމަދު ނުޢުމާން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި މަޝްވަރާގައި އޭނާ މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާނީ ޑިޖިޓަލް ޕޭމަންޓްތަކުގެ މުސްތަޤުބަލާއި، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް ޑިޖިޓަލް ވަސީލަތްތަކުން އަދާކުރާ ދައުރާއި، ބައިނަލްއަޤުވާމީ ބާޒާރުތަކަށް ދިވެހިންނަށް ހުޅުވިގެންދާ ފުރުޞަތުތަކުގެ މައްޗަށެވެ.

މި އެކްސްޕޯގެ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވާ އުރީދޫ މޯލްޑިވްސް އިން ހާމަކުރި ގޮތުގައި، މާލީ ދާއިރާގެ އިސް ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، މާލީ ހޭލުންތެރިކަމާއި އީޖާދީ ވިސްނުންތައް ކުރިއަރުވައި، މާލީ ނިޒާމުގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިކޮށްދޭ މިފަދަ މުހިންމު ހަރަކާތެއްގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ.

މިއަދު ރަސްމީކޮށް ފެށި މި ފައިނޭންޝަލް އެކްސްޕޯ އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯ، އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަށް ކުރިއަށް ދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk