logo
ހުސެއިން ޝަހުބާން ( 29އ ) ސަބުނަމް ހައުސް / ލ.މާބައިދޫ

ހުސެއިން ޝަހުބާން ( 29އ ) ސަބުނަމް ހައުސް / ލ.މާބައިދޫ

ގ.ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން މީހެއްގެ މައްޗަށް ދައުވާ ކުރަނީ

profile

ރިޟްވާން މޫސާ - 27 އޭޕްރީލު 2026 - 12:35

މިިދިޔަ މާރިޗު މަހުގެ 18ވަނަ ދުވަހު ގ.ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހިންގި ތަޙުޤީޤު ނިންމައި، މައްސަލައިގެ ދައުވާ އުފުލުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ގ.ހިޔާރޯދި ގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ފުލުހުން ވަނީ ހާއްސަ ތަހުގީގެއްވެސް ހިންގާފަ އެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބާއި އަލިފާނުގެ ހާދިސާގައި ބަޔަކު ގަސްތުގައި އަލިފާން ރޯކޮށްފައިވޭތޯ ބެލުމަށް ފުލުހުން ވަނީ ތަހުގީގު ކޮށްފަ އެވެ.

މި މައްސަލަ އާޢި ގުޅިގެން ފުލުހުން ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ލ.މާބައިދޫ ސަބުނަމްހައުސް އުމުރުން 29 އަހަރުގެ ޙުސައިން ޝަޙްބާންގެ މައްޗަށެވެ.

ފުލުހުން ދައުވާ ކުރުމަށް އެދި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުގަ އެވެ.

އެ މައްސަލަ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ މި މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރުމަށް އަމުރުކޮށްފަ އެވެ.

އަލިފާނުގެ މިފަދަ ބޮޑެތި ހާދިސާ ތަކާއި ގުޅިގެން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން އެމީހެއްގެ މައްޗަށް ދައުވާ ކުރާނީ ޓެރަރިޒަމްގެ ދައުވާ އެވެ.

އެނގިފައިވާ ގޮތުގައި، އޭނާއަކީ ކުރިންވެސް މުދަލަށް ގެއްލުން ދިނުމާއި އެ ނޫންވެސް ބައެއް ޖިނާއީ ކުށްތަކުގައި ހުކުމް އިއްވާފައިވާ މީހެކެވެ.

ކްރިމިނަލް ކޯޓުގެ ރެކޯޑްތަކުން ދައްކާ ގޮތުން 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ޖިނާއީ މައްސަލަތަކެއްގައި އޭނާގެ މައްޗަށް ހުކުމް އިއްވާފައިވެއެވެ.

ރެކޯޑްތައް ދައްކާ ގޮތުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ މައްސަލައެއްގައި ނުވަ މަހާއި 18 ދުވަހަށް ޝަހްބާން ޖަލަށްލާފައިވެއެވެ. އަދި މުދަލަށް ގެއްލުންދިނުމުގެ މައްސަލައެއްގައި 11 ދުވަހަށް ޖަލަށްލާފައިވެއެވެ.

މީގެ އިތުރުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ މައްސަލައިގައި އޭނާގެ މައްޗަށް ތިން މަސް ދުވަހުގެ ޖަލު ހުކުމަކާއި، ވައްކަމުގެ މައްސަލައެއްގައި އެއް އަހަރާއި ފަސް މަހާއި 14 ދުވަހަށް ޖަލު ހުކުމެއްކޮށްފައިވެއެވެ.

އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ގ. ހިޔާ ރޯދީގައި ރޯވެފައިވާ ކަމުގެ ރިޕޯޓު ލިބުނީ މާރިޗް މަހުގެ 18 އަށްވީ ބުދަ ދުވަހުގެ ހެނދުނު 10:47ގައެވެ. އެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފުން ހަރަކާތްތެރިވެ ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ އެދުވަހުގެ މެންދުރުފަހު 14:02 ހާއިރު އެވެ.

ހިޔާ ރޯދިގޭގައި އަލިފާން ރޯވުމުގެ ކުޑައިރުކޮޅެއް ކުރިން، އެ ގެއަށް މީހަކު ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ސައިކަލެއްގައި އައި މީހަކު ސައިކަލު ޕާކު ކުރުމަށްފަހު އެ ގެއަށް ވަންނަ މަންޒަރެވެ. އޭނާ ހުރީ ކަޅު އަވި އައިނެއް އަޅައިގެން، ހުދާއި ކަޅު ކުލައިގެ ގަމީހެއް ލައިގެންނެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ގޭގައި އަލިފާން ރޯވީ އެގެއިން އެ މީހާ ނުކުމެގެންދާތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk