logo

ނޫޙްގެފާނުގެ ވާހަކަ

profile

މުހައްމަދު މުޝްރިފް - 23 ނޮވެމްބަރު 2025 - 06:25

ނޫޙްގެފާނުގެ ޤައުމުގެ މައްޗަށް އައި ބޮޑު ޠޫފާނަކީ، މުޅި އިންސާނިއްޔަތަށް ވަރަށް ބޮޑު އަސަރެއް ކުރުވި، މުޅި އިންސާނީ ތާރީހުގައި ހިނގާފައިވާ އެންމެ ބޮޑު އދި އެހާމެ އިބުރަތްތެރި ޙާދިޘާއެވެ. އެހެނީ މިއީ މުޅި ދުނިޔޭގެ ބިމުގައި އުޅުނު ކާފަރުން ހަލާކުވެ، އިންސާނިއްޔަތުގެ ދިރިއުޅުން ދެވަނަ ފަހަރަށް ފެށިގެން ދިޔަ ވަގުތެވެ. ކީރިތި ޤުރުއާނުގެ ހޫދު ސޫރަތުގެ 25 ވަނަ އާޔަތުން 49 ވަނަ އާޔަތާ ހަމައަށް އަދި ނޫޙްސޫރަތުގައި މާތް ﷲ ވަނީ މިވާހަކަ ބަޔާންކުރައްވާފައެވެ. ދެން މި ބަލާލަނީ ނޫޙްގެފާނުގެ ވާހަކައިގައިވާ ދީނީ ޙަޤީޤަތާއި އިބުރަތްތަކުގެ އިތުރުން ބުއްދީގެ ވިސްނުމާއި ސައިންސާ ގުޅުންހުރި ނުކުތާތަކަށެވެ.

https://wamco.com.mv/

ނޫޙްގެފާނުގެ ވާހަކަ ފެށިގެން އަންނަނީ އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް އެއްކައުވަންތަ ކަމަށް ގޮވާލެއްވުމާ ހިސާބުންންނެވެ. ސޫރަތު ނޫޙްގައި ބަޔާންކުރައްވާ ގޮތުން، އެކަލޭގެފާނު 950 އަހަރު ދުވަހު ވަރަށް ސާބިތުކަމާއެކު މި ދަޢުވަތު ދެއްވިއެވެ. ނަމަވެސް މީސްތަކުންގެ ތެރެއިން ގިނަ މީހުން ބޮޑާވެ، އެއްގޮތަކަށް ވެސް އީމާނެއް ނުވިއެވެ. އެމީހުންގެ މުދަލާއި، ޖާހާއި، ދަރިން، ޙައްޤު ޤަބޫލުކުރުމަށް ހުރަހަކަށް ވިއެވެ. މި ދިގު މުއްދަތުގެ ދަޢުވަތުން އަޅުގަނޑުމެންނަށް ލިބޭ ފިލާވަޅަކީ، ޙައްޤު މަގުގައި ތެދުވެރިކަމާއެކު ދެމިތިބުމުގެ މުހިންމުކަމެވެ.

ﷲގެ އަމުރުފުޅު އައުމުން، ނޫޙްގެފާނަށް ބޮޑު ނައުކޮޅެއް ބެންނެވުމަށް އަމުރުކުރެއްވިއެވެ. ޤުރުއާނުގައި ވެއެވެ. ނޫޙްގެފާނު ގެ ނައުކޮޅު ބަންނަވަމުން ގެންދެވިއިރު، އެމީހުން ދެކުނު ގޮތުގައި ފެން ނެތް ހިމަ ބިމެއްގައި މިފަދަ ނައުކޮޅެއް ބެނުން ވާނީ ބުއްދިއާ ޚިލާފު ކަމެކެވެ. ނަމަވެސް މިއީ އިލާހީ ވަޙީގެ (އިންޖިނިއަރިންގގެ) މަތީގައި ކުރެވުނު ކަމެއްކަން އެމީހުންނަށް ޤަބޫލެއް ނުކުރެވުނެވެ. މިކަމުން އަޅުގަނޑުމެން ދަސްކުރަންވީ އިބުރަތަކީ، ﷲގެ ޙުކުމްފުޅުތަކާއި ކުޅަދާނަކަން ބައެއް ފަހަރު އަޅުގަނޑުމެންގެ ޢިލްމަށް (ސައިންސަށް) ނުފޯރާނެ ކަމެވެ.

ޢަޒާބުގެ ވަގުތު އައިސް، ޖެހުނު ހިނދު، މާތް ﷲގެ އަމުރުފުޅަށް ނޫޙްގެފާނު، އީމާންވި މަދު ބަޔަކާއެކު، ދިރޭތަކެތީގެ ކޮންމެ އެއްޗެއްގެ (ޖޯޑެއް) ނައުގައި ބަރުކުރެއްވިއެވެ. ވާރޭ ވެހުމުގެ އިތުރަށް، ބިމުގެ އަޑީން ފެންއަރަން ފެށުމުން ޠޫފާން އާދަޔާ ޚިލާފަށް ބޮޑުވިއެވެ. ޠޫފާނުގެ ރާޅުތައް ފަރުބަދަތަކާ އެއްހަމައަށް ދިޔައިރު، ނޫޙްގެފާނުގެ އީމާންނުވި ދަރިކަލުން ވެސް ޣަރަޤުވިއެވެ. މިއީ އީމާންކަމުގެ ގުޅުން ލޭގެ ގުޅުމަށްވުރެ މަތިވެރިކަން ދައްކުވައިދޭ އެންމެ ފާޅުކަން ބޮޑު މިސާލެވެ.

ޙާޞިލުކުރެވޭ ޢިބުރަތް

ޠޫފާނު ނިމި، ﷲގެ އަމުރުފުޅަށް ބިން ފެން ދިރުވާލުމަށް ފަހު، ނައުކޮޅު ޖޫދީ ފަރުބަދައިގެ މައްޗަށް ޖެއްސެވިއެވެ. ނޫޙްގެފާނުގެ ވާހަކައިން އަޅުގަނޑުމެންނަށް ދަސްވާ އެންމެ ބޮޑު ފިލާވަޅަކީ، ﷲގެ ވަޙީގެ މައްޗަށް ޔަޤީންކަން ބޮޑުކޮށް، އަޅުކަމުގައި ސާބިތުވެ ހުރުމެވެ. އަދި ދުނިޔޭގެ މުދަލަށް ނުވަތަ ބާރަށް ބަރޯސާ ނުވުމެވެ. ބުއްދީގެ އަލީގައި ނޫޙްގެފާނުގެ ވާހަކަ ދިރާސާކުރުމުން، ޤުރުއާނުގެ ވާހަކަތަކުގެ ޙަޤީޤީކަން އިތުރަށް ހާމަވެގެންދެއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގައި ކުރިއަށް ދާއިރު، ނޫޙްގެފާނު ފަދައިން ކޮންމެ ހާލަތެއްގައި ވެސް ﷲގެ ޙުކުމްފުޅަށް ކިޔަމަންވުމުގެ ޢިބުރަތްތައް ނަގަން ޖެހެއެވެ. މާތް ﷲ އަޅުގަނޑުމެންނަށް ޙައްޤުގައި ސާބިތުވެ، ދުނިޔޭގެ ފިތުނަތަކުން ސަލާމަތްވެ، ނޫޙްގެފާނުގެ ނައުކޮޅުން ލިބުނު ފަދަ ސަލާމަތްކަން ދެއްވާށި. އާމީން!

https://wamco.com.mv/
https://eportal.mwsc.com.mv/e-pay