
މާލޭގެ ހުރިހާ އަވަށްތަކެއްގައި ކެމްޕޭން ޖަގަހަތަށް ކުރިއަށް އޮތްތަނުގައި ހުޅުވިގެންދާނެ: ފަލާހް

މުޙައްމަދު ފަޟްލޫން - 22 ޖެނުއަރީ 2026 - 08:38
ކުރިއަށް މިއޮތް ދުވަސްތަކުގައި މާލޭގެ ހުރިހާ އަވަށްތަކެއްގައި ކެމްޕޭން ޖަގަހަތަށް ހުޅުވިގެންދާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
މާލެ އޭރިއާގެ ދޮރުން ދޮރަށް ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ފަލާހް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލްގައި ވާދަކުރައްވާ ހުރިހާ ފަރާތްތަކުން މާލޭގެ އަވަށްތަކުގައި ދޮރުން ދޮރަށް ނުވަތަ ޑޯޓުޑޯ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލް އާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ކަމަށް ޕީއެންސީ އިން ވާދަކުރައްވާ ކެންޑިޑޭޓް އާއިޝަތު އަލައިކާ އާއި އެހެނިހެން ކައުންސިލަރުން ވަނީ މިއަދު މާލޭގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައެވެ.
މިހަރަކާތުގައި ޕީއެންސީގެ ލިޑަރޝިޕްގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފަލާޙް އިތުރަށް ވިދާޅުވީ ޕީޢެންސީގެ ފަރާތުން މާލޭގެ ހުރިހާ އަވަށެއްްގައި ކެމްޕޭން ޖަގަހަތަށް ހުޅުވައި ވަކި ވަކި ކެންޑިޑޭޓުންގެ އޮފީސްތަކާއި ކެމްޕޭން ހަރަކާތް ހިންގާނެ ތަންތަން މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އޮތް ތަނުގައި ހުޅުވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ޑޯޓުޑޯގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިއަދުން ފެށިގެން ހިނގަމުންދާނެ ކަމަށް ފަލާހް ވިދާޅުވިއެވެ. އެގޮތުން ޕީއެންސީގެ ކެންޑިޑޭޓުން ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ހާލުބައްލަވައި ރައްޔިތުންގެ ގާތުން ޕީއެންސީގެ ފަރާތުން އަދި މިސަރުކާރުގެ ކިބައިން ރައްޔިތުން އެދެނީ ކޮންކަންތައްތަކެއްތޯ އޮޅުން ފިލުވާނެ ކަަމަށް ފަލާހް ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީޢަށް މަސައްކަތް ކުރާ ކޮމީޓީގެ އިންތިހާބުގެ ހުރިހާ ކަމެއް ކުރިއަށް ދާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ބެއްލެވުމާއި ލަފައާއި އިރުޝާދުގެ ދަށުން ކަމަށް ފަލާހް ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމުގެ ތެރޭގައި ހަލާކުވެ ރަނގަޅުކުރަން ހުރި ހުރިހާ ކަމެއް މިސަރުކާރުން ރައީސް ޑރ މުއިއްޒު ވަނީ ވެރިކަމާއި ހަވާލްވެ ވަޑައިގެންފަހުން ގެންދަވަނީ ރަނގަޅުކުރައްވަމުން ކަމަށް ފަލާޙް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި މިހާހިސާބަށް އުފެދުނު އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ޕީއެންސީ ކަމަށް ފަލާހް ވިދާޅުވިއެވެ. އެގޮތުން ޕީއެންސީ އަކީ 75000 މެމްބަރުންނާއި އެކު އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީކަމަށް ފަލާހް ވިދާޅުވިއެވެ.






