
ޕޭރެންޓިން ޕްރޮގްރާމް: ޢާއިލާތަކުގެ ކަންބޮޑުވުންތައް ނައްތާލުމަށް އެހީތެރިވެދޭނެ

އައިޝަތު އިނާޝާ - 18 އޯގަސްޓު 2025 - 14:28
ޕޭރެންޓިން ޕްރޮގްރާމްގެ ޒަރީއާއިން ޢާއިލާތަކުގެ ކަންބޮޑުވުންތައް ނައްތާލުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ހުށައެޅޭ ކޭސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ހުނަރާއި ފަންނީ ޤާބިލުކަން އިތުރުކުރުމަށް އެ މިނިސްޓްރީން ކުރިއަށް ގެންދާ 5 ދުވަހުގެ ޕޭރެންޓިން ޕްރޮގްރާމް ފެސިލިޓޭޓަރ ތަމްރީން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޢާއިޝަތު ޝިހާމް ވިދާޅުވީ، މި ޕްރޮގްރާމުގެ ބައިވެރިން، މި ޕްރޮގްރާމުން ލިބޭ މަޢުލޫމާތު މަސައްކަތު މާހައުލުގައި ބޭނުންކުރަން ފެށުމުން، މުޖުތަމަޢުގައްޔާއި ޢާއިލާތަކުގައި ހުންނަ ކަންބޮޑުވުންތައް ނައްތާލައި، ހަމަޖެހޭ ޢާއިލާތައް ބިނާކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ.
އެގޮތުން، މިނިސްޓްރީއަށް ހުށަހެޅޭ ޢާއިލީ މައްސަލަތަކުގައި ދިމާވާ ޢާއިލާތަކަކީ ނާޒުކު ހާލަތްކުގައިވާ ފަރާތްތައްކަމަށާއި، އެފަދަ ޢާއިލާތަކުގައި ބެލެނިވެރިންނާއި ކުދިންގެ މެދުގައި ރަނގަޅު ގުޅުމެއް ޤާއިމްކުރުމަށް ބޭނުންވާނޭ ހުނަރުތައް ދަސްކޮށްދޭންޖެހޭނީ، އޯގާތެރިކަމާއި، މަޑުމައިތިރިކަމާއެކު ކިޔާދީގެން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. ހަމައެހެންމެ، ދަރިންނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ލައްވާފައިވާ އެންމެ ބޮޑު އެއް އަމާނާތްކަމަށާއި، މައިންބަފައިންގެ ފަރާތުން ދަރިންނަށް ދަސްވާ ކަންތައްތަކަކީ އެކުދިންގެ މުޅި ދިރިއުޅުން ބައްޓަން ކުރާނެ ކަންތައްތައް ކަމުގައި ވެސް މިނިސްޓަރު ވަނީ ވާހަކަފުޅުގައި ފާހަގަކުރައްވާފައެވެ.
ތުއްތުއިރު ކުއްޖާ ބަލަހައްޓާ ފަރާތްތަކާއެކު އުފެދޭ ގުޅުމުގެ ތެރެއިން އެ ކުއްޖެއްގެ މުސްތަޤުބަލުގައި އެހެން މީހުންނާއި ގުޅުންތެރިކަން ބާއްވާނެ ގޮތް ދަސްވެގެންދާނެކަމަށާއި، ވަކި ހުދޫދުތަކެއްގެ ތެރޭގައި ކުދިން ގެންގުޅެވޭ ކަމަށް ވާނަމަ އެކުއްޖަކަށް ދަސްވާނީވެސް އެގޮތަށް ދިރިއުޅުން ބައްޓަން ކުރަން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކުދިން ބޮޑެތިވެ ޢާއިލާއެއް ފަށާ ހިސާބުން ނުވަތަ މަސައްކަތު މާޙައުލަށް ނިކުންނަ އިރު މި ރަނގަޅު އާދަތައް ވެގެންދާނީ އެކުދިންގެ ފަރާތުން މުޖުތަމަޢަށް ކުރާނެ ހެޔޮ އަސަރެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ފުށުން އެކުދިން ދަސްކުރަނީ އެކުދިންގެ ފަރާތުން އަޅުގަނޑުމެން ބޭނުންވާ ހުރިހާ ސިފަތައް، އެއީ ރިވެތިކަން ވިއަސް، އަމާނާތްތެރިކަން ވިއަސް، އެހެން މީހުންނަށް ހެޔޮކޮށް ހިތުން ކަމުގައި ވިއަސް، އަދި ދިރިއުޅުމުގެ ކަންކަމުގައި ކުއްޖަކަށް އުޅެންވާ ގޮތް ދަސްވަނީ ވެސް މައިންބަފައިންގެ ފުށުން." : މިނިސްޓަރު
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން