logo

20 އަހަރުގެ ކާމިޔާބީ އެމްޑީޕީ އިން ސިފަކުރަނީ އާއްމު މެމްބަރުންގެ ހިތްވަރުގެ ގޮތުގައި!

profile

މުޙައްމަދު ފަޟްލޫން - 29 ޖޫން 2025 - 14:22

ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެ ދޮށީ ޕާޓީ، އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހު އެޕާޓީގެ ކާމިޔާބީ އަކީ އާއްމު މެމްބަރުންގެ ހިތްވަރުގެ ގޮތުގައި އެޕާޓީން ސިފަކޮށްފިއެވެ.

https://wamco.com.mv/

2005 ވަނަ އަހަރުގެ ތެރޭގައި ވުޖޫދުވި އެމްޑީޕީ އުފެދި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ގިނަ ކަންކަން ވަނީ ބަދަލުކޮށްލާފައެވެ. އެގޮތުން 30 އަހަރު ދުވަހުގެ ވެރިކަން ބަދަލު ކުރުމާއި، ކޮންމެ ފަސް އަހަރަކުން ގައުމުގެ ވެރިއަކަށް ހުންނަ މީހާ ކަނޑައެޅުމަށް އެތެރެ ފެންނަ ފޮއްޓަކަށް ވޯޓް ދޭނެ ހައްގު ރައްޔިތުންނަށް ކަށަވަރުކޮށްދިނެވެ.

ނޫސްވެރިކަމުގެ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެމްޑީޕީ އިން ހޯދައިދިނީ ޖަލުގެ ކުޑަގޮޅީގެ ބިރު ތަހައްމަލުކޮށް އެތައް ބަޔަކަށް އަނިޔާ ލިބިގެންނެވެ. ފެހި ގާނޫނު އަސާސީގެ ދަށުން ރާއްޖެއަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތަކާއި އަތޮޅުތަކާއި ސިޓީތައް ހިންގުމެވެ.

ވެރިރަށް މާލޭގައި ތޮއްޖެހި ޖަމާވެފައިހުރި ބާރުތައް ރަށްތަކަށް ބަހާލެވި އެރަށެއްގެ ކަންތައްތައް އެރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް ނިންމުމުގެ އިހްތިޔާރު ލިބިގެންދިޔައީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގެ ސަބަބުންނެވެ.

ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމެއް ރާއްޖޭގައި އޮތުމަށް ގަދައަޅާ ވަކާލާތުކުރި ބަޔަކީ އެމްޑީޕީ އެވެ. އެކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ ވާދަވެރި ސިޔާސީ ޕާޓީތަކެއް އުފެދިގެން ދިއުމެވެ.

ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން އުފެދިގެންދިޔައީވެސް އެމްޑީޕީގެ ސަބަބުންނެވެ.

ވައުދުނާމާ ނުވަތަ މެނިފެސްޓޯ އެއްގައި ރައްޔިތުންނަށް ކޮށްދޭނެ ކަންކަން ލިޔެ ބަޔާންކޮށް ހިސާބުކޮށް ބަޖެޓް ކަނޑައަޅައިގެން ރައްޔިތު މީހާގެ ކައިރިއަށް ދިޔަ ހަމައެކަނި ބަޔަކީ އެމްޑީޕީއެވެ.

ރައްޔިތުންނަށް ހައްގުވާ މިންވަރަށް ވަކާލާތުކޮށް، 2008 ވަނަ އުފެދުނު ސަރުކާރުގައި އުމުރުން 65 އަހަރުން މަތީގެ ރައްޔިތުންނަށް އިނާޔަތް ދޭން ފެށުނެވެ.

ބޭސް ފަރުވާއަށް ސަލާންޖެހުން ނައްތާލުމުގެ ގޮތުން ސަރުކާރުގެ ހަރަދުގައި މަދަނައިގެ ނަމުގައި ހެލްތު ސްކީމް ތައާރަފްކޮށް ބޭސްފަރުވާ ހިލޭ ކުރިއެވެ. އާއްމު ރައްޔިތު މީހާ ބަލިވީމާ ޑޮކްޓަރަށް ހިލޭ ދެއްކޭނެ ގޮތެއް އޮންނަންޖެހޭ ކަމަށް އެމްޑީޕީ އިން ގަބޫލުކުރިއެވެ.

ދައުލަތް ހިންގުމުގައި އިތުރު ހިދުމަތްތައް ގާއިމް ކުރުމަށް މުދަލާއި ހިދުމަތުން ޓެކްސް ނަގަން ފެށިއެވެ. ޓެކްސް ނަގަން ފެށީ ވިޔަފާރިވެރިންގެ އިންތިހާ ނުރުހުމުގައެވެ. ފުރަތަމަ ފަހަރަށް ދައުލަތުގެ އާމްދަނީ އަރަނިވެގެން ގޮސް 7 ބިލިއަން ރުފިޔާ ދައުލަތުގެ މާލިއްޔަތަށް ލިބިގެންދިޔައެވެ. ޓޫރިޒަމް ދާއިރާ އާއި ވިޔަފާރިތަކުން ނެގޭ ޓެކްސް އިން އެހެނިހެން ކަންކަމަށް ހަރަދުކުރާނެ ފައިސާ ދައުލަތަށް ލިބިގެންދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ދައުލަތް ހިންގުމުގައި ނުކުރެވި ހުރި މާލީ މުއާމަލާތްތައް ކުރަން ބޮޑުތަނުން ފަސޭހަވެގެންދިއުމެވެ.

ރާއްޖެއަކީ ޖަޒީރާ ގައުމެއްކަމުން، ޖެހިގެން އޮތް ރަށަށް ދާންޖެހެނީ ކަނޑުމަގުންނެވެ.

އާރުޓީއެލް ފެރީގެ ނިޒާމް ތައާރަފް ވުމުގެ ކުރީގައި އެއްރަށުން އަނެއް ރަށަށް ގޮސް އުޅުނީ ވަރަށް ދަތި އުނދަގުލުގައެވެ. ނަމަވެސް އަތޮޅު ތެރޭގައި ސަރުކާރުން ފެރީގެ ހިދުމަތް ތައާރަފް ވެގެން ދިއުމާއެކު އެހިދުމަތުގެ ބޭނުން ރައްޔިތުން ހިފަން ފެށިއެވެ. އެފަދަ ހިތުމަތަކަށް އިންތިހާއަށް ބޭނުންވެފައިތިބި ވަރު ހާމަވެގެންދިޔައީ އެކަމަށް އޮތް ތަރުހީބު ބޮޑުކަމުންނެވެ.

މާލޭގައި ޕަބްލިކް ޓްރާންސްޕޯޓް ގާއިމްކޮށް ފުރަތަމަ ފަހަރަށް ބަހުގެ ހިދުމަތް ޖީބަށް ލުއި ކުޑަ އަގެއްގައި އެމްޑީޕީއިން ތައާރަފްކުރިއެވެ. 2 ރުފިޔާއަށް ބަހުގައި މާލޭގެ ކޮންމެ ހިސާބަކަށް ދެވޭނެ މަގު އެމްޑީޕީ ސަރުކާރުން ފަހިކޮށްދިނެވެ.

ރައްޔިތުންނާއި ގުޅުންހުރި އެތައް ކަމެއް އެމްޑީޕީ ސަރުކާރުން ކުރިއެވެ. ރާއްޖޭގެ ރައްޔިތުންނަށް އަބަދުވެސް އެންމެ ދަތިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ފްލެޓް އަޅައި ރަށްރަށުގައި ގޯތި ދިނުމަށް ބިން ހިއްކުނެވެ. ވެރިރަށް މާލެ އާއި އެއް ފެންވަރުގައި އަތޮޅު ތެރޭގެ ރަށްރަށުގައި ފްލެޓް އަޅަން ފެށުނީ އެމްޑީޕީގެ ކުރު 3 އަހަރުގެ ވެރިކަމުގައެވެ.

2008 ވަނަ އަހަރު އުފެދުނު ސަރުކާރުގައި އޭރުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން ކުރެއްވީ ރައްޔިތުން އެދޭ އުއްމީދުތައް ފުއްދައިދޭން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެވެރިކަން ބަޣާވާތަކުން ނިމިގެންދިޔައެވެ. އެއަށްފަހު އަލުން އެމްޑީޕީއަށް ވެރިކަން ލިބުނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އެވެރިކަމުގައި ރައީސްކަން ކުރެއްވީ ރައީސް އިބްރާޙިމް މުހަައްމަދު ސޯލިހް އެވެ.

ރައީސް ސޯލިހްގެ 5 އަހަރުގެ ދައުރުގައި 2008 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ކުރި ގިނަކަންކަން ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔައެވެ. 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ދެވަނަ ވެރިކަމުގައި މިނިމަމް ވޭޖް ނުވަތަ މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެންދިޔައެވެ.

2021 ވަނަ އަހަރު މުޅި ދުނިޔެ އާއި ގައުމަށް ދިމާވި އެންމެ ހިތްދަތި ވަގުތުގައިވެސް އެކަން މެނޭޖްކުރީ ހިކުމަތްތެރިކަމާއެކުގައެވެ. ކޮވިޑް19 ގެ އާލަމީ ވަބާގައި ދުނިޔެ ޖެހި، އެކަމުން އަރައިގަތުމަށް ކުރި ހިތްވަރުން ރާއްޖެއަށް އަވަށްޓެރި އިންޑިއާގެ އެހީގައި ވެކްސިލް ލިބި ބޯޑަރުތައް އަލުން ހުޅުވައި އިގްތިސާދު އަލުން އަނބުރާ އިއާދަކުރިއެވެ. އަދި ބިން ހިއްކުމާއި ނަރުދަމާ އެޅުމާއި ފްލެޓް އެޅުމާއި ބަނދަރު ހެދުންފަދަ މަޝްރޫއުތައް ކުޑަރަށެއް އަދި ބޮޑުރަށެއް ތަފާތުނުކޮށް ހުރިހާ ރަށެއްގައި ކަހަލަ ގޮތަށް ފެށިގެންދިޔައެވެ. 2013 އިން 2018 އަށް ހިނގައިދިޔަ 5 އަހަރު ދުވަހު އެމްޑީޕީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ މުޒާހަރާތައް ކުރީ ރައްޔިތުންގެ ހައްގުގައެވެ. އެ މުޒާހަރާތަކުގައި އެތަކެއް ވޭނާއި އަނިޔާލިބި ޖަލަށް ބައެއް މެމްބަރުންނާއި އާއްމު ރައްޔިތުން ދާން ޖެހުނެވެ. ނަމަވެސް އިންސާފާއި ހަމަހަމަކަމަށް ވަކާލާތު ކުރުން މަތީގައި އެމްޑީޕީ އިން ދެމިތިބީ ސާބިތުކަމާއެކުގައެވެ.

އެމްޑީޕީ އަަށް ވެރިކަން ގެއްލުނު ނަމަވެސް ރައްޔިތުންގެ ހައްގުގައި ވަކާލާތު ނުކުރާ އިރެއް ނުދެއޭ ބުނުން ދޮގަކަށް ނުވާނެއެވެ.

ސިޔާސީ ކަންކަމާއި އެހެން ކަންކަމުގައިވެސް މޮޅުވުމާއި ދެރަވުން އޮންނަ ފަދައިން އެމްޑީޕީގެ ހަޔާތުގައި ވެސް ކާމިޔާބީ އާއި ނާކާމިޔާބީ އާއި ކުރިމަތިވެއެވެ. މިއަދާ ހަމައަށް ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ދެމިއޮތުމުގެ ސިއްރަކީ ޕާޓީގެ އާއްމު މެމްބަރުންގެ ނުގުޑާ އަޒުމާއި ހިތްވަރު ކަމަށް އެމްޑީޕީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން އަދި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay