logo

ސަބްމެރިން ކޭބަލް އެޅި ފުރަތަމަ ރިސޯޓަކަށް އިތާފުށި

profile

އައިޝަތު އިބްރާހިމް - 03 އޯގަސްޓު 2025 - 06:08

އުރީދޫން ސަބްމެރިން ކޭބަލް އެޅި ފުރަތަމަ ރިސޯޓަކަށް މާލެ އަތޮޅުގައި އޮންނަ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ވެއްޖެއެވެ. މިއީ ރާއްޖޭގެ ރިސޯޓަކަށް ސަބްމެރިން ކޭބަލެއް އެޅި ފުރަތަމަ ފަހަރުވެސް މެއެވެ.

https://wamco.com.mv/

ދިވެހިރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސަބްމެރިން ކޭބަލް ލޭންޑިންގއެއް ރަސްމީކޮށް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތެއް ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓްގައި ވަނީ ބާއްވާފައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ތާރީޚީ ރަސްމިއްޔާތުޝަރަފުވެރިކޮއްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤު އިބްރާހިމްއެވެ.

މިކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވެފައިވަނީ، 2005 ވަނަ އަހަރުން ފެށިގެން އުރީދޫ މޯލްޑިވްސްއިން ޑިޖިޓަލް ދަތުރުގައި އެއްވެސް ފަރާތެއް ބާކީނުކުރުމަށްޓަކައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

undefinedފުރަތަމަ ސަބްމެރިން ކޭބަލް ލޭންޑިންގ އިފްތިތާޙުކުރުމުގެ ތެރެއިން / ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

"ކޮންމެ ކުރިއެރުމަކާއެކު، އެ މީހުން އަހަންމިއްޔަތުކަން ދެނީ އެކްސެސިބިލިޓީ އާއި އިންކްލޫޝަން އަށް. މި ސަބްމެރިން ކޭބަލް ލޭންޑިންއަކީ، ޓޫރިސްޓް ރިސޯޓެއްގައި މިފަދަ ފުރަތަމަ ފަހަރަށް ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްލެވިފައިވާ، މުޅިން ގުޅިލާމެހިފައިވާ، މުސްތަގުބަލަށް ތައްޔާރުވެފައިވާ ރާއްޖެއަކާ ގާތްކޮށްދޭ އިތުރު ކާމިޔާބީއެއް." މިނިސްޓަރ

އެ ކުންފުނިން ކުރާ ކޮންމެ ކުރިއެރުމެއްގައި ވެސް ވަނީ ފަންނީ ވަޞީލަތްތައް ހުރިހާ އެންމެނަށް ފޯރުކޮށްދިނުމާއި ހިމެނުންތެރިކަމަށް އިސްކަންދީފައެވެ. އަދި މި ސަބްމެރިން ކޭބަލް ލޭންޑިންގއަކީ އުރީދޫއިން ހާސިލްކުރި އަނެއް ފަޚުރުވެރި މަންޒިލެއް ކަމަށާއި، ޚާއްސަކޮށް ޓޫރިސްޓް ރިޒޯޓެއްގައި މިފަދަ ކޭބަލެއް ލޭންޑްކުރެވުނު ފުރަތަމަ ފަހަރު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ރާއްޖެއަކީ ފުރިހަމައަށް ގުޅިފައިވާ، މުސްތަޤުބަލަށް ތައްޔާރުވެފައިވާ ޤައުމަކަށް ވެގެން ދިޔުމަށް އިތުރަށް ގާތްވެގެންދާނެ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ މުވާސަލާތީ ދާއިރާއަށް އުރީދޫ މޯލްޑިވްސް އިން ހާސިލުކުރި ބޮޑު ކާމިޔާބީއެކެވެ. މި ސަބްމެރިން ކޭބަލް ލޭންޑިންގެ ސަބަބުން ދިވެހިރާއްޖޭގެ އިންޓަރނެޓްގެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ޑިޖިޓަލް ކޮމިއުނިކޭޝަންގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

އުރީދޫން ނެރުނު ބަޔާނެއްގައި ބުނީ މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދަތުރުގައި ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށާއި މިއީ ރާއްޖޭގެ ރިސޯޓަކަށް ސަބްމެރިން ކޭބަލް ގުޅާލެވުނު ފުރަތަމަ ފަހަރު ކަމަށެވެ.

މި ސަބްމެރިން ކޭބަލް އިތާފުށި އަދި ކ. މާފުށި މެދުވެރިކޮށް ހިނގާއިރު، ހުޅުމާލޭގައި ހުންނަ އުރީދޫގެ އެންމެ ޒަމާނީ ޑޭޓާ ސެންޓަރާ ގުޅާލައި، ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ އިތުރު ކެޕޭސިޓީ އާއި ރެޒިލިއަންސް އަދި ސްޕީޑާއެކު ކަށަވަރުވާނެ ކަމަށް އުރީދޫން ބުނެފައިވެއެވެ.

އެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވިދާޅުވީ މިދިޔަ 20 އަހަރު އުރީދޫއަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށެވެ. ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފުކޮށް، ކުރިއެރުމަށް އާ މަގުތަކެއް ހުޅުވި، ދިވެހިންގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮންމެހެން ބޭނުންތެރި ބަޔަކަށް އުރީދޫވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫން ބުނީ ޑުއަލް ރިޑަންޑަންސީ އާއި ޑެޑިކޭޓެޑް ސަބްމެރިން ކޭބަލަކާއި ޕްރައިވެޓް 5 ޖީ އަށް ތައްޔާރުވެފައިވާ އަދި އެޑްވާންސް ޓްރީ ޓަވަރެއް ހިމެނޭ ރާއްޖޭގެ ފުރަތަމަ ރިސޯޓެއްގެ ހައިސިއްޔަތުން މި ކާމިޔާބީގެ ސަބަބުން ހޮސްޕިޓާލިޓީ ދާއިރާގެ ތެރޭގައި އިނޮވޭޝަނަށް އާ މިންގަނޑެއް ކަނޑައެޅޭނެ ކަމަށެވެ. އަދި އޭއައި ޕަވާޑް ފީޗާތަކާއި ޕްރައިވެޓް 5ޖީ އިންފްރާސްޓްރަކްޗާއާ އެކު، އެ ރިސޯޓަށް ޒިޔާރަތްކުރާ މީހުންނަށް ނެކްސްޓް ޖެނެރޭޝަންގެ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އިތާފުށީގެ ޖެނެރަލް މެނޭޖަރު ޓީޖޭ ޖައުލަކް ވިދާޅުވީ އެ ރިސޯޓުގައި މި މުހިންމު ރަސްމިއްޔާތު ބޭއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށާއި އެލިވޭޓެޑް ލަގްޒަރީ އަދި ޕާރސަނަލައިޒްޑް ސާރވިސް ރަމްޒުކޮށްދޭ މަންޒިލެއްގެ ހައިސިއްޔަތުން، މިއަދުގެ ދުނިޔޭގެ ދަތުރުވެރިންގެ އަބަދުވެސް ބަދަލުވަމުން އަންނަ ބޭނުންތައް ފުއްދުމުގައި ސީމްލެސް ކަނެކްޓިވިޓީގެ މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް މިއަދު އިތާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ ޠާރިގް އިބްރާހިމާއި އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ އާއި އިތާފުށީގެ ޖެނެރަލް މެނޭޖަރު ޓީޖޭ ޖައުލަކްގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އިބްރާހީމާއި މާފުށި ކައުންސިލްގެ ރައީސް ހަސަން ޞަލާހު އަދި އުރީދު އާއި އިތާފުށީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay