logo

އެމްޕޮކްސްގެ ކޭސްއެއް ރާއްޖޭގައި ނެތް، ޝައްކުކުރެވޭ މީހެއް ވެސް ނެތް: މިނިސްޓަރ ޚަލީލް

profile

ޝުރުފާ މުހަންމަދު - 22 އޯގަސްޓު 2024 - 19:54

އެމްޕޮކްސް

އެމްޕޮކްސް

ދުނިޔޭގައި ފެތުރެމުންދާ އެމްޕޮކްސްގެ އެއްވެސް ކޭސްއެއް ރާއްޖެއިން ފެނިފައި ނުވާ ކަމަށް ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

އެފްރިކާގެ ގައުމުތަކުގައި ހަލުވިކޮށް ފެތުރެމުންދާ އެމްޕޮކްސް މިހާރު ވަނީ އޭޝިއާގެ ބައެއް ގައުމުތަކުން ވެސް ފެނިފަ އެވެ. އެކަމާ ގުޅޭގޮތުން މިނިސްޓަރ ޚަލީލް މިއަދު ވިދާޅުވީ ރާއްޖެއިން މިހާތަނަށް އެ ބަލީގެ އެއްވެސް ކޭސްއެއް ފެނިފައި ނުވާ ކަމަށެވެ. އަދި ޝައްކުކުރެވޭ ކޭސްއެއް ވެސް ނުފެންނަ ކަމަށް ވިދާޅުވި އެވެ.

މިހާ ހިސާބަށް އައި އިރު ރާއްޖެއިން އެކަހަލަ ކޭސްއެއް ފެނިފައެއް ނުވޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ރިޕޯޓުކުރި ދެ ކޭހެއް އަޅުގަނޑުމެން ޓެސްޓުކޮށްފިން. އެއީ ޗިކަންޕޮކްސް.

މިނިސްޓަރ ވަނީ އެ ބައްޔަކީ އެހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫންކަން ފާހަގަކުރައްވާފަ އެވެ. އަދި އޭޝިއާގެ ސަރަހައްދުތަކުން މި ބަލި ފެނުމާއި އެކު، ރާއްޖެއިން މިކަމަށް ތައްޔާރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ.

މިބަލި ޖެހުމުން ރޯގާގެ އަލާމާތްތައް ފެނުމުގެ އިތުރުން، އެމްޕޮކްސްކަން ފާހަގަކުރެވޭނެ އެއްކަމަކީ ގައިގާ ނަގާ ދޮހާއެކު ހުންނަ ބިހިތަކެވެ. ބޭސްފަރުވާނުކޮށް ދޫކޮށްލުމުން ފުރާނައަށް ނުރައްކާވާ ހާލަތުވެސް ދިމާވެއެވެ.

އެމްޕޮކްސްއަކީ ދުނިޔޭގެ އާންމު ސިއްހަތުގެ އިމަޖެންސީއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯއިން ކަނޑައެޅީ މިދިޔަ ހަފްތާގެ ބުދަދުވަހުއެވެ. އެއީ، އެފްރިކާއިން އެމްޕޮކްސްގެ އައު ވޭރިއެންޓެއް ފެނި، ހަލުވިކަމާއެކު ފެތުރޭން ފެށުމުންނެވެ.

އެފްރިކާއިން ބޭރުން އެމްޕޮކްސްގެ ފުރަތަމަ ކޭސް ރިޕޯޓް ކޮށްފައިވަނީ ސްވިޑަންއިންނެވެ. ސްވިޑަންއިން މިދިޔަ ބުރާސްފަތިދުވަހު ބުނެފައިވަނީ އެގައުމުން ފެނުނީ އައު ވޭރިއެންޓުގެ ކޭސްއެއް ކަމަށެވެ. އެމީހާއަކީ އެފްރިކާގެ ބައެއް ގައުމުތަކަށް ދަތުރުކޮށްފައިވާ މީހެއް ކަމަށްވެސް ބުނެފައި ވެއެވެ.

މެދުއިރުމަތީގައި އުޅެފައި އެނބުރި ގައުމަށް އައި މީހަކު އެމްޕޮކްސްއަށް ޕޮޒިޓިވްވެފައިވާކަން ޕާކިސްތާނުން ހާމަކުރީ މިދިޔަ ހުކުރު ދުވަހުއެވެ. ނަމަވެސް، އެ މީހާއަށް ބަލިޖެހުނީ ކޮން ވޭރިއެންޓަކުންކަން އަދި ދެނެގަނެވިފައެއް ނުވެއެވެ.

tel:+9607331319