logo

ސިންގަޕޫރަށް އެތެރެވާ މީހުން އެމްޕޮކްސްއަށް ސްރީންކުރަން ނިންމައިފި

profile

ސައިފް އަޒުހަރު - 22 އޯގަސްޓު 2024 - 21:24

ސިންގަޕޫރުގެ އެއަރޕޯޓެއް:

ސިންގަޕޫރުގެ އެއަރޕޯޓެއް:

ވައިގެމަގުންނާއި، ކަނޑުމަގުން ސިންގަޕޫރަށް އެތެރެވާ މީހުން އެމްޕޮކްސްއަށް ސްރީންކުރަން އެގައުމުން ނިންމައިފިއެވެ.

މިއީ، އެފްރިކާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ އެމްޕޮކްސް ބަލި، އެގައުމަށް އެތެރެވިޔަ ނުދިނުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ.

އެގޮތުން، އޮގަސްޓްމަހުގެ 23 ވަނަ ދުވަހުން ފެށިގެން ވައިގެމަގުންނާއި، ކަނޑުމަގުން ސިންގަޕޫރަށް އެތެރެވާ އެންމެން ވިޝުއަން ސްކްރީންކޮށް ޓެމްޕަރޭޗަރވެސް ބަލަން މިހާރުވަނީ ނިންމާފައެވެ.

އެހެން ނަމަވެސް، ސްކްރީންކޮށް ޓެމްޕަރޗަރ ބެލުމަށް ކަނޑައަޅާފައިވަނީ، އެމްޕޮކްސް ބަލި ފެނިފައިވާ ގައުމުތަކާއި އަދި އެ ބަލި ފެތުރިފައި އޮވެދާނެ ކަމަށް ބެލެވޭ ގައުމުތަކުން އަންނަ މީހުން ކަމަށް، ސިންގަޕޫރު ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތުން ބުނެފައި ވެއެވެ.

އެމްޕޮކްސް މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ އެފްރިކާގެ ގައުމުތަކާއި ސިންގަޕޫރާ ދެމެދު ސީދާ ފްލައިޓްތަކެއް މިހާރު ނޯންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމްޕޮކްސްއަކީ ދުނިޔޭގެ އާންމު ސިއްހަތުގެ އިމަޖެންސީއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯއިން ކަނޑައެޅީ މިދިޔަ ހަފްތާގެ ބުދަދުވަހުއެވެ. އެއީ، އެފްރިކާއިން އެމްޕޮކްސްގެ އައު ވޭރިއެންޓެއް ފެނި، ހަލުވިކަމާއެކު ފެތުރޭން ފެށުމުންނެވެ.

ޑަބްލިޔުއެޗްއޯގެ މި ނިންމުމާއެކު، ސިންގަޕޫރުންވެސްވަނީ، ވައިގެމަގުން ދަތުރުކުރާ ދަތުރުންވެސް އަމިއްލަ ރައްކާތެރިކަމަށް ފިޔަވަޅުތައް އެޅުމަށް އިރުޝާދުދޭ ލިއުންތައް އެއަރޕޯޓްތަކުގައި ބަހައްޓާފައެވެ.

ސިންގަޕޫރުން މިއަހަރުގެ މިހާތަނަށް އެމްޕޮކްސްގެ 13 ކޭސްއެއް ފެނިފައިވާއިރު، އެއީ، މިހާރު ހަލުވިކަމާއެކު ބަލިފަތުރަމުންދާ އައު ކްލޭޑް1 ވޭރިއެންޓުގެ ކޭސްތަކެއް ނޫނެވެ.

ދެއަހަރަށްފަހު، އެމްޕޮކްސް މިފަހަރު ފެތުރޭންފެށީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައެވެ. ޑީއާރް ކޮންގޯގައި ބަލި ކޮންޓްރޯލުން ނެއްޓިފައިވާއިރު، އިރުމަތީ އެފްރިކާގެ އިތުރު 13 ގައުމެއްގައިވެސް އެމްޕޮކްސް ހަލުވިކަމާއެކު ފެތުރެމުން އެބަދެއެވެ.

އެފްރިކާގެ ގައުމުތަކުން އެމްޕޮކްސް ޖެހެމުންދަނީ ނުރައްކާތެރި އައު ވޭރިއެންޓުގެ ޒަރީއާއިންނެވެ.

އެފްރިކާ ބައްރުން ބޭރުން އެމްޕޮކްސްގެ ކޭސްތައް މިހާތަނަށް ފެނިފައިވަނީ، ޔޫރަޕުން ސްވިޑަން އަދި އޭޝިޔާއިން ޕާކިސްތާން، ފިލިޕީންސް އަދި ތައިލެންޑުންނެވެ.

ސްވިޑަންއިން ބުނެފައިވަނީ، އެގައުމުން ފެނުނީ އައު ވޭރިއެންޓުގެ ކޭސްއެއް ކަމަށެވެ.

އޭޝިޔާގެ 3 ގައުމުގެ ތެރެއިން އައު ވޭރިއެއްޓުގެ ކޭސްއެއް ކަމަށް ފުރަތަމަ ރިޕޯޓްކުރީ ތައިލެންޑުންނެވެ. ޕާޚިސްތާނާއި ފިލިޕީންސުން ބުނެފައިވަނީ ބަލިމީހާގެ ޖެނެޓިކް ސީކުއެންސިން ހަދަމުންދާ ކަމަށެވެ.

tel:+9607331319