ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހަދާފައިވާ ސިނަމާލެ ބުރިޖްގައި އެއްލޭނު މަދުކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަ ތަކެއް ކަމަށް އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ސިނަމާލެ ބްރިޖް މަޝްރޫއު އިފްތިތާހުކުރުމަށް 2015 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ދެއްކި ވީޑިއޯ ހިއްސާކުރައްވައި މިނިސްޓަރ ވިދާޅުވީ މަޝްރޫއު މުޅިން ފުރިހަމަކޮށް، ބޭނުންކުރަން ފަށާފައިވަނީ މަޝްރޫއުގެ ފައިނަލް ކުރެހުންތަކަށް އެއްވެސް އުނި އިތުރެއް ނުގެނެސް ކަމަށެވެ.
ބުރިޖުގައި ހިމެނެނީ ކޮންމެ ފަރާތެއްގައި ދެ ލޭނާ އެކު ޖުމްލަ ހަތަރު ލޭނާއިި ބްރިޖްގެ ދެ ފަޅިން ހިނގާ މީހުންނަށް ހާއްސަކޮށްފައިވާ ވޯކްވޭއެކެވެ.
މިނިސްޓަރ މުއްތަލިބު ވަނީ މަދުވީ ކިތައް ލޭނުތޯ އާއި އަދި ކުރެހުމާ ހިލާފަށް ކުރައްވާފައިވަނީ ކޮން ކަމެއްތޯ ބެލުމަށް އެދިވަޑައިގެންފައެވެ.
ބްރިޖް ހުޅުވާފައިވަނީ އެއްކޮށް ނުނިންމައިކަމަށާއި އަދި ބްރިޖުގެ ދެލޭން ހެދުމަށް ދިޔަ ފައިސާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނަހަމަގޮތުގައި ބޭނުންކޮށް އެ ދެ ލޭނުވަނީ އިމާރާތްނުކޮށް ދޫކޮށްލާފައި ކަމަށް އެމްޑީޕީ ސަރުކާރުން އަންނަނީ ބުނަމުންނެވެ.
މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ގުޅާލާފައިވާ ސިނަމާލެ ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑު އުމްރާނީ މަސައްކަތެވެ. ގާތްގަނޑަކަށް ދެ ކިލޯމީޓަރުގެ މިބްރިޖްގެ ސަބަބުން ދިވެހީންގެ ދިރުއުޅުމުގެ އާދަކާދަތަކާއި ވައްޓަފާޅިއަށް ވަނީ އިންގިލާބީ ބަދަލެއް ގެނެސްދީފައެވެ.
އަދި މިއީ ދިވެހިރާއްޖެގެ އިޤްތިސާދު ކުރިއަރުވަން ލިބުނު ބޮޑު ބާރަކަށް ވަނީ ވެފައެވެ. ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވިއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރިއެވެ.
މިބްރިޖްގެ މަސައްކަތް ނިމި ހުޅުވުނީ 30 އޯގަސްޓް 2018 ވަނަ އަހަރުއެވެ.