ޗައިނާ ސަރުކާރުގެ ހިލޭ އެހީގެދަށުން މާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއު ނިމުމުން މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވަނިކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވަނީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އަދި މިފަދަ ގަދަ ވިއްސާރާގައި ޢާއްމު ދިރިއުޅުމަށާއި ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް އެންމެހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރެވި ނަތީޖާ ނެރެދެވޭނެކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން، މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާލޭގައި ފެންް ބޮޑުވުން ޙައްލުކުރުކަމަށާއި އެ މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ ފެެންބޮޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލެއެކޭ އެއްފަދައިން ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކުވެސް ޕްލޭން ކޮށްފައިވާ ގޮތަށް، އިސްކަންދީގެން ކުރިޔަށް ގެންދެވުމުން އެ ރަށްރަށުގައިވެސް ބޭނުންވާ ޙައްލު ލިބިގެންދާނެ ކަމަށެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބުދުﷲ މުއްތަލިބުވެސްވަނީ މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގެ މަގުތައް ހެދުމުގައި ބިމަށް ފެން ހިނދޭ ގޮތަށް ކޮށްފައިވާ ޑިޒައިނާ އެއްގޮށް މަސައްކަތް ނުކުރުންކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް އެކަށޭނަ ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކުރުމަށް ކަމަށެވެ.
މި ޕްރޮޖެކްޓަކީ މުޅި މާލެ ސާވޭ ކުރެވި ޑިޒައިން ކުރެވިގެން ކުރިއަށް ގެންދެވޭނެ މަޝްރޫޢަކަށްވާތީ، މަޝްރޫޢު ނިމޭއިރު މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ އެއްކޮށް ޙައްލުވެގެންދާނެކަމަށް މިނިސްޓަރވެސް ފާހަގަކުރެއްވިއެވެ.