logo

އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން އިރާގަށް ވަޑައިގެންފި

profile

ސައިފް އަޒުހަރު - 11 ސެޕްޓެމްބަރު 2024 - 18:02

އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން  (ވ)،  އިރާގުގެ ބޮޑުވަޒީރު މުޙައްމަދު ޝީއާ އަލް-ސުދާނީ ބަޣުދާދު އެއަރޕޯޓުން މަރްހަބާ ވިދާޅުވަނީ:

އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން (ވ)، އިރާގުގެ ބޮޑުވަޒީރު މުޙައްމަދު ޝީއާ އަލް-ސުދާނީ ބަޣުދާދު އެއަރޕޯޓުން މަރްހަބާ ވިދާޅުވަނީ:

އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން އިރާގަށް މިއަދު ވަޑައިގެންފިއެވެ.

މިއީ، ރައީސްކަމާ ހަވާލުވެވަޑައިގެން މަސްއޫދު ޕެޒެޝްކިއާން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އީރާނުގެ އައު ރައީސްގެ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އިރާގަށް ވަޑައިގެންނެވި މައިގަނޑު މަދްސަދުތަކުގެ ތެރޭގައި، އީރާނާ އެންމެ އަވަށްޓެރި އަދި މިހާރުވެސް ވަރަށް ގާތް އެކުވެރިކަމެއް އޮންނަ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުން ހިމެނެއެވެ.

ބަޣުދާދު އެއަރޕޯޓުން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއަށް މަރްހަބާ ވިދާޅުވީ، އިރާގުގެ ބޮޑުވަޒީރު މުޙައްމަދު ޝީއާ އަލް-ސުދާނީއެވެ.

އީރާނުގެ އައު ރައީސް އިރާގަށް ވަޑައިގެންނެވި މި ދަނޑިވަޅަކީ، ޣައްޒާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތި ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި އޮތް ވަގުތެކެވެ.

އިރާގުވެސް ހިމެނޭހެން، އީރާނުން ވާގިދީގެން ހަރަކާތްތެރިވާ ހަތިޔާރު އެޅި ގްރޫޕްތަކުގެ ހަރަކާތްތައްވެސް ސަރަހައްދުގައި ވަރުގަދަވެފައިވާތީ، އެމެރިކާއާއި އިރާގުގެ ގުޅުންތަކުގައިވަނީ ކުނިޖެހިފައެވެ. އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ ތަންތަނަށް އިރާގުގެ ގްރޫޕްތަކުން ދޭތެރެ ދޭތެރެއިން ހަމަލާތައްވެސް ދެމުން ގެންދެއެވެ.

އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން މަގާމާ ހަވާލުވެވަޑައި ގަތުމަށްފަހު ވައުދުވެވަޑައި ގެންފައިވާ އެއް ކަމަކީ، ބައިނަލްއަގްވާމީ ގޮތުން އީރާނު އެކަހެރިވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމެވެ. އެގޮތުން، ޚާއްސަކޮށް އަވަށްޓެރި ގައުމުތަކާއި އީރާނާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރަން ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެފައި ވެއެވެ.

ހަމަ އެއާއެކު، އެމެރިކާ އިސްވެއޮވެ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދަށް ކޮށްފައިވާ އަސަރުތައް ކުޑަކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ޔޫކްރެއިނާ ދެކޮޅަށް ބޭނުންކުރަން އީރާނުން ރަޝިޔާއަށް ކުރު ރާސްތާ މިސައިލް ފޯރުކޮށްދޭ ކަމަށްބުނެ އެމެރިކާ އިސްވެއޮވެ ޔޫކޭ، ފްރާންސް އަދި ޖަރުމަނުން އިއްޔެވެސް އީރާނާ ދެކޮޅަށް ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އަޅާފައި ވެއެވެ.

މިފިޔަވަޅުތަކާ ގުޅިގެން އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު ނަސަރް ކަންއާނީ ވަނީ، އީރާނުގެ ފަރާތުން އެގައުމުތަކަށް އެކަށީގެންވާ އަދި ނިސްބަތުން އަޅަންޖެހޭ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހޭނެކަމަށް އިންޒާރު ކުރައްވާފައެވެ.

tel:+9607331319