
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ރާއްޖެ ވަޑައިގަތުން
އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ޝާމާ ޝުޢައިބު - 29 ސެޕްޓެމްބަރު 2024 - 04:46
އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަން (ޔޫއެންޖީއޭ 79) ގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ވަނީ، އާންމު މަޖިލީހުގެ 79 ވަނަ ސެޝަން، (ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި) ތަޤުރީރު ކުރައްވާފައެވެ. އެއީ ސަމިޓު އޮފް ދަ ފިއުޗަރ އަދި ޖެނެރަލް ޑިބޭޓުގައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ އދގެ ސަލާމަތީ މަޖިލީހުގައި ވެސް ތަޤުރީރު ކުރައްވާފައެވެ. މިއީ މީގެ 59 އަހަރު ކުރިން، އދގެ މެންބަރަކަށް ދިވެހިރާއްޖެ ވީ ފަހުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު، އދގެ ސަލާމަތީ މަޖިލީހުގައި ތަޤުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.
އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒު ވަނީ މުހިންމު މައުޟޫޢުތަކަށް އެތައް ތަޤުރީރެއް ދެއްވާފައެވެ. އެގޮތުން އދގެ 79 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދިޔަ ރިނުއުއަބަލް އެނަރޖީ އިވެންޓުގައި ރައީސް ވަނީ ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ މިހާރު އޮތް ހާލަތު ވަރަށް ތަފްސީލީ ގޮތެއްގައި ވިދާޅުވެދެއްވާފައެވެ.
1989 ވަނަ އަހަރު އަލަށް ރާއްޖެއިން ކަނޑުގެ ލޮނުގަނޑު އުފުލޭ ވާހަކަ މިފަދަ ޕްލެޓްފޯމެއްގައި ދެއްކިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އޭގެ ފަހުން މިހާރު 30 އަހަރު ވާއިރު މިހާރުގެ ހާލަތު އެއަށް ވުރެ އެތައް ތަނެއް ގޯސް ކަމަށެވެ.
އަދި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިންވެސްޓުކުރުމުގެ ދައުވަތު ބައިނަލްއަގުވާމީ އިންވެސްޓަރުންނަށް އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން ރައީސް ޑރ. މުއިއްޒު ވަނީ އދގެ ސެކިއުރިޓީ ކައުންސިލް ބައްދަލުވުމުގައި، ވީޓޯގެ ބާރު ކަނޑުވާލަން ގޮވާލައްވާފައެވެ.
މިއަދު މުޅި ދުނިޔެއަށް ވެސް އދގެ ސަލާމަތީ މަޖިލީހާއި މެދު އޮތް އިތުބާރު ކުޑަވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ހުރިހާ ކަމެއްގެ އަސްލަކީ ވެސް ސަލާމަތީ މަޖިލީހުގައި ހަމަހަމަކަމެއް ނެތުން ކަމަށެވެ.
ދުނިޔޭގެ ގައުމުތައް ތަމްސީލު ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ނެތުން ކަމަށެވެ. އަދި ސަލާމަތީ މަޖިލީހުން ބައެއް ގައުމުތަކުގެ ހިމާޔަތުގައި އަޑު އުފުލާއިރު އަނެއްބައި ގައުމުތަކުގެ މަސްލަހަތާ މެދު ކުޑަވެސް ވިސްނާލުމެއް ނެތުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ތަގުރީރުތަކުގެ އިތުރުން، އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު ބައެއް ބައްދަލުވުންތަކުގެ ރިޔާސަތުގައި ކޯ-ޗެއަރއެއްގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
އަދި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ވަޑައިގެންނެވި އެކި ވަފުދުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވާ، ދޭދޭ ގައުމުތަކުގެ މަޝްވަރާތައް ކުރިއަށް ގެންދަވާފައިވެއެވެ. ނި
އުޔޯކްގައި ދިރިއުޅެމުންދާ ދިވެހިންނާ ވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމެރިކާއިން ފުރާވަޑައިގަތުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްރިންސްޓަން ޔުނިވަރސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއަރޒްގައި ތަޤުރީރު ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ، ނިއު ޔޯކްގައި ހުންނަ ގޫގްލްގެ އޮފީހަށްވެސް ޒިޔާރަތް ކުރައްވާފައެވެ.
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެނެންނެވީ މި ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އދގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވީ، ދިވެހިރާއްޖެ، އދ.ގެ މެންބަރު ޤައުމަކަށް ވިތާ 59 އަހަރު ފުރުނު މުނާސަބާއާ ވެސް މެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން