
ވީއައިއޭގައި މަޑުކޮށްލައިގެން އައިސްތިބި ގެސްޓުންތަކެއް
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން: ކުރީގައި އަދިވެސް ޗައިނާ!

އާމިނަތު ޝަޒްލާ - 20 ނޮވެމްބަރު 2026 - 14:46
މި އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1.9 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މުއްދަތުގައި ރާއްޖެއަށް އައި ޒިޔާރަތްތެރިންގެ ތެރޭގައި ބިޒްނަސް ވިޒާގައި އައި 17,248 މީހުންނާއި، ކްރޫޒް ލައިނާތަކުން އައި 17,061 ފަސިންޖަރުން ހިމެނެއެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1.96 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 3.1 އިންސައްތައިގެ ދަށްވުމެކެވެ.
މި އަހަރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5,922 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި ހިނގަމުންދާ ނޮވެމްބަރު މަހުގެ ފުރަތަމަ 17 ދުވަހުގެ ތެރޭގައި އެކަނިވެސް 103,778 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައިގައި އަދިވެސް އޮތީ ޗައިނާއެވެ. އެގޮތުން އެ ގައުމުން މިހާތަނަށް 342,376 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 18.3 އިންސައްތައެވެ. ދެވަނައިގައި އޮތް ރަޝިއާއިން 272,052 ފަތުރުވެރިން (14.6 އިންސައްތަ) އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 145,464 ފަތުރުވެރިން (7.8 އިންސައްތަ) ވަނީ ރާއްޖެއަށް އައިސްފައެވެ.
ގަދަ ދިހައެއްގައި ދެން ހިމެނޭ ގައުމުތަކަކީ ޖަރުމަނުވިލާތް، އިޓަލީވިލާތް، އިންޑިއާ، އޮސްޓްރޭލިއާ، އެމެރިކާ، ފަރަންސޭސިވިލާތް އަދި ސްޕެއިންއެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 99.1 އިންސައްތަ މީހުން އެތެރެވެފައިވަނީ ވައިގެ މަގުންނެވެ. އެގޮތުން މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް 1,861,915 މީހުން ރާއްޖެ އެތެރެވެފައިވެއެވެ. މީގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން 6,759 މީހުން އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން 6,133 މީހުން ވަނީ އެތެރެވެފައެވެ.
ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ރިސޯޓުތަކެވެ. އެގޮތުން 73.9 އިންސައްތަ ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، ގެސްޓްހައުސްތަކުގައި 21.8 އިންސައްތަ ފަތުރުވެރިން، ހޮޓާތަކުގައި 2.2 އިންސައްތަ އަދި ސަފާރީ އުޅަނދުފަހަރުގައި 2.0 އިންސައްތަ ފަތުރުވެރިން ވަނީ ވަގުތު ހޭދަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މުއްތަލިބް އެއުޅެނީ މަޖިލިސް ނަޖިސް ކުރަން: އިމްރާން
8 ގަޑިއިރު ކުރިން

ގަލްފު ސަރަހައްދުގެ އިންޝުއަރެންސް ފީތައް އުފުލެނީ
9 ގަޑިއިރު ކުރިން

"ޓަކާ ޓަކާ" އަށް އިޝާރަތް ކުރައްވައި ބޮންޑޭގެ ވަރުގަދަ ރައްދެއް!
ދުވަހެއް ކުރިން

ރަސްމާލެ ބޭރުގެ ބަޔަކަށް ދީފިނަމަ ރާއްޖޭގައި އިސްލާމް ދީނަށް އަސަރުކުރާނެ: އިލްމުވެރިންގެ ޖަމިއްޔާ
ދުވަހެއް ކުރިން


