logo
9 ނޮވެމްބަރު 2026 ގައި އުމާންގެ މުސަންދަމް ސަރަހައްދުން ފެންނަ ހޯރްމޫޒް ކަނޑުއޮޅީގައި ދަތުރުކުރަމުންދާ އުޅަނދުތަކެއް [ސްޓްރިންގަރ/ރޮއިޓާސް]

9 ނޮވެމްބަރު 2026 ގައި އުމާންގެ މުސަންދަމް ސަރަހައްދުން ފެންނަ ހޯރްމޫޒް ކަނޑުއޮޅީގައި ދަތުރުކުރަމުންދާ އުޅަނދުތަކެއް [ސްޓްރިންގަރ/ރޮއިޓާސް]

ގަލްފު ސަރަހައްދުގެ އިންޝުއަރެންސް ފީތައް އުފުލެނީ

profile

އާމިނަތު ޝަޒްލާ - 20 ނޮވެމްބަރު 2026 - 11:54

އީރާނާ ދެކޮޅަށް އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކާއި ކަނޑުގެ މަގުތައް ބަންދުކުރުމުގެ ސަބަބުން، ގަލްފު ސަރަހައްދުގެ ކަނޑުދަތުރުފަތުރުގެ އިންޝުއަރެންސް ފީތައް އިތުރަށް އުފުލެމުންދާ ކަމަށް އެމެރިކާގެ ކަނޑުދަތުރުފަތުރާ ބެހޭ އިދާރާއިން ބުނެފިއެވެ.

https://wamco.com.mv/

އަލްޖަޒީރާއިން ބުނީ އެ އެނިއުސްއަށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ލިބިފައިވާ އެމެރިކާ ސަރުކާރުގެ އެތެރޭގެ ލިޔެކިޔުންތަކުން ހާމަވާގޮތުގައި، އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގަމުންދާ ބްލޮކޭޑްގެ ސަބަބުން ވިޔަފާރި އުޅަނދުފަހަރުގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރަން ފަށާފައެވެ. އެމެރިކާގެ ކަނޑުދަތުރުފަތުރުގެ ސިނާޢަތް ކުރިއެރުވުމުގެ މަސްއޫލިއްޔަތު އޮންނަ، މެރިޓައިމް އެޑްމިނިސްޓްރޭޝަން (މަރާޑް) އިން ނެރުނު އިންޒާރެއްގައި ބުނެފައިވަނީ، މި ހަމަނުޖެހުންތަކުގެ ސަބަބުން އިންޝުއަރެންސް ޕްރީމިއަމްތަކަށާއި މުދާ އުފުލުމުގެ ޤާބިލުކަމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށެވެ.

މި އިންޒާރު ހާމަކޮށްފައިވަނީ، އެމެރިކާއިން ހިންގާ ބްލޮކޭޑް މުގުރާލަން މަސައްކަތްކުރި ޕެނަމާގެ ދިދަ ޖަހާފައިވާ 'އޯޝަން މޮލިކާ' ނަމަކަށް ކިޔާ މުދާ އުފުލާ އުޅަނދެއް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހުއްޓުވިކަން އިޢުލާންކުރުމާ ގުޅިގެންނެވެ. އެގޮތުން، އޮކްޓޫބަރު 12 ވަނަ ދުވަހު މަރާޑްގެ އެޑްމިނިސްޓްރޭޓަރ ސްޓީފަން އެމް. ކާމަލް ވަނީ އެ އިދާރާގެ އޮފީސް އޮފް މެރިން އިންޝުއަރެންސްގެ އޮފިޝަލެއް ކަމަށްވާ މައިކަލް ޔަރިންގްޓަންއަށް އީމެއިލް މެދުވެރިކޮށް މިކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ.

"ހޯރްމުޒްގެ ނުރައްކާ ކަނޑުއޮޅިން ބޭރަށް ފެތުރިއްޖެ" މި ސުރުޚީގެ ދަށުން ފޮނުވި މި މެމޯގައި ބަޔާންކޮށްފައިވާ ގޮތުގައި، މީގެ ކުރިން ދީފައިވާ އިންޒާރުގެ ނުރައްކާ މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ވިޔަފާރި އުޅަނދުތަކަށް ދެފަރާތުން ވެސް ހަމަލާ އަމާޒުވުމުގެ ބިރު އޮތްއިރު، މި ނުރައްކާ މިހާރު ވަނީ ހޯރްމުޒް ކަނޑުއޮޅިން ބޭރަށް، ގަލްފުގެ ބަނދަރުތަކާއި ގަލްފު އޮފް އޯމާންއާ ހަމައަށް ފެތުރިފައެވެ. މީގެ ސަބަބުން ހަނގުރާމައިގެ ނުރައްކަލަށް ނަގާ އިންޝުއަރެންސް ފީ ބޮޑުވެ، ފަޅުވެރިން މަސައްކަތް ކުރަން ދެކޮޅު ހެދުމާއި، ތެޔޮ އުފުލާ އުޅަނދުތަކުގެ ޚިދުމަތްތަކަށް ބުރޫއެރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކާމަލް ފޮނުއްވި އީމެއިލްގައި، "މި ހުރިހާ ކަމަކާ ގުޅިގެން އިންޝުއަރެންސް މާކެޓުން އިޖާބަދެނީ ކިހިނެއްތޯ؟" ސުވާލު ކުރައްވައި، މި ހަމަލާތަކުގެ ސަބަބުން އިންޝުއަރެންސް ޕްރީމިއަމްތަކަށް ކުރާނެ އަސަރާއި، ހަނގުރާމައިގެ ނުރައްކަލާ ގުޅޭ އިންޝުއަރެންސްގެ ކަންކަން އަލުން ހަމަޖެއްސުމަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލަށް އެދިވަޑައިގެންފައިވެއެވެ. ނަމަވެސް، މި އިންޒާރަކީ މަރާޑްގެ އެތެރޭގައި އެކުލަވައިލި އެއްޗެއް ކަމެއް ނުވަތަ އެހެން އިދާރާއަކުން ފޮނުވި އެއްޗެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ޔަރިންގްޓަން ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ، އޭނާގެ އެކުވެރިއަކު ލަންޑަނުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން މަޢުލޫމާތު ސާފުކޮށްފައިވާ ކަމަށާއި، ޚަބަރުތަކުގެ މައްޗަށް ބިނާކޮށް އިންޝުއަރެންސް ޕްރީމިއަމްތައް ބޮޑުވަމުންދާ ގޮތުގެ ޚުލާސާއެއް އެކުލަވައިލާފައިވާ ކަމަށެވެ. މީގެ އިތުރުން، ހަނގުރާމައިގެ ނުރައްކަލާ ގުޅޭ އިންޝުއަރެންސްގެ ދާއިރާއިން މަރާޑުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުތައް ވެސް އޭނާ ހިއްސާކުރެއްވިއެވެ. އެހެންނަމަވެސް، މި ލިޔެކިޔުންތައް ޢާންމުކުރުމުގެ ކުރިން އޭގައި ހިމެނޭ ބައެއް މުހިންމު ތަފްސީލުތައް ވަނީ އުނިކޮށްފައެވެ.

https://wamco.com.mv/
tel:+9607331319