
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ---
އިމްރާން ރައީސަށް: ހިތްވަރެއް ހުރިއްޔާ ރަސްމާލެ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަންގަވާ!

ޖިނާން ޙުސައިން ޖަބީން - 15 ނޮވެމްބަރު 2026 - 09:11
ރައީސް މުހައްމަދު މުއިއްޒުގެ ކިބައިގައި ހިތްވަރުފުޅެއް ހުރިނަމަ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެންގެވުމަށް ކުރީގެ ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.
މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ، ރައީސް މުއިއްޒު ކިތަންމެ ވަރަކަށް ހަގީގަތް އޮޅުވާލައްވަން މަސައްކަތް ކުރެއްވި ނަމަވެސް، ރާއްޖޭގެ ބިންތަކުގައި ޒަޔަނިސްޓުންނާއި އެހެނިހެން ދީންތަކުގެ މީހުން ވަޒަންވެރި ކުރުވުމަކީ ދިވެހި ރައްޔިތުން އެއްގޮތަކަށްވެސް ރުހޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރައީސަށް ކެރިވަޑައިގަންނަވާނަމަ މި މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމަށާއި، އެފަދަ ވޯޓަކުން ރައީސް ކާމިޔާބު ހޯއްދަވައިފިނަމަ، މި މަޝްރޫއާ ދެކޮޅަށް ކުރައްވާ މަސައްކަތްތައް ހުއްޓަވާލައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ވެރިކަމުގެ ބާރާއި ދައުލަތުގެ ވަސީލަތްތައް އަތްމަތީގައި އޮތްއިރުވެސް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ވަޑައިގަންނަވަން ރައީސް މުއިއްޒު ޖެހިލުންވެވަޑައިގަންނަވަނީ ކޮން ސަބަބަކާ ހުރެތޯ އިމްރާން ވަނީ ސުވާލު އުފައްދަވާފައެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި، ރަސްމާލެ މަޝްރޫއަކީ މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ހައްލެއް ހޯދުމުގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކައިގެން ސަރުކާރުން ހިންގަން ފަށާފައިވާ މަޝްރޫއެކެވެ. ނަމަވެސް، މި މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ދޫކުރުމާއި، އޭގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށާއި އިޖުތިމާއި އަދި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ، ސިޔާސީ މައިދާނުގައި މަސައްކަތްކުރައްވާ ފަރާތްތަކުންނާއި، ދީނީ އިލްމުވެރިންގެ އިތުރުން އާންމު ރައްޔިތުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހާއްސަކޮށް، މި މަޝްރޫއު ކުރިއަށްގެންދާ 'އީގަލް ހިލްސް' ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަކީ ޔަހޫދީންނާ ގާތް ގުޅުމެއް ބާއްވާ ފަރާތެއް ކަމަށް ބުނެ، މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

"ރިއަލް އެސްޓޭޓް ބިލާ ދެކޮޅަށް އަޑުއުފުލުމަށް މަޖިލިސް މެންބަރުންނަށް ގޮވާލުމަކީ ވާޖިބެއް"
10 ގަޑިއިރު ކުރިން
އަންނަ ހުކުރު ދުވަހުގެ ރޭ "ރަތްރޮނގު" ގެ ނަމުގައި ބޮޑު އެއްވުމެއް ހުޅުމާލޭގައި ބާއްވަނީ
15 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫއާ ދެކޮޅު ހަދާ ވަޒީރުންނަށް ވެސް ކަންކަން އޮތީ ސިއްރު ކޮށްފައި: ޒަމްޒަމް
ދުވަހެއް ކުރިން

ސަރުކާރުން ބޭނުން ގޮތަކަށް ފަހައިގެން ލާ ކޯޓެއް ގޮތަށް އޮތް ގާނޫނަކަށް ބޯ ލަނބާކަށް ނުޖެހޭ: ޑރ ދީދީ
2 ދުވަސް ކުރިން


