
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން---
ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހޯދުމަށް ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަނީ

ޖިނާން ޙުސައިން ޖަބީން - 22 ނޮވެމްބަރު 2026 - 12:22
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ހޯދުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ ވުޒާރާތަކާއި އިދާރާތައް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
މި ހިނގާ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އައިފާނެވެ. ބިލުގެ ދިރާސާ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ތާވަލުކޮށްފައިވާއިރު، މި ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލައިފައެވެ.
ކޮމިޓީން ކުރިން ނިންމާފައި އޮތީ އެޓާނީ ޖެނެރަލްގެ އޮފީހާއި، ފިނޭންސް މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ އަދި ވިޒިޓް މޯލްޑިވްސް ފަދަ މުއައްސަސާތަކުން ހަމައެކަނި ލިޔުމުން ހިޔާލު ހޯދުމަށެވެ. ނަމަވެސް، ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒް ވަނީ، ބިލުގައި ހިމެނޭ މުހިންމު ކަންކަމާ ގުޅޭގޮތުން މެންބަރުން ކުރަން ބޭނުންވާ ސުވާލުތަކަށް އެންމެ ފުރިހަމަ މައުލޫމާތު ލިބޭނީ އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށްގެން ކަމަށް ވިދާޅުވެ ހުށަހެޅުމެއް ހުށަހަޅުއްވައިފައެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު ހުސައިން ނާސިހު ތާއީދުކުރެއްވި މި ހުށަހެޅުން ފާސްވީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިދިކޮޅު އެމްޑީޕީގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ވަނީ، މި ބިލުން ގައުމުގެ އިގްތިސާދަށާއި އިޖުތިމާއީ ހާލަތަށް ކުރާނެ ފައިދާއާމެދު ސުވާލު އުފެދޭތީ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައްވައިފައެވެ. އެހެންނަމަވެސް، ކަމާގުޅުންހުރި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ބިލު އިތުރަށް ދިރާސާކުރުމަށް މެންބަރު އާޒިމް ހުށަހެޅުއްވި ހުށަހެޅުމަށް ސަމީރު ވެސް ވަނީ ތާއީދުކުރައްވައި ވޯޓު ދެއްވައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަންނަ އަހަރުގެ ބަޖެޓް، ހުށަހެޅި ގޮތަށް ކޮމިޓީން ފާސްކޮށްފި
3 ދުވަސް ކުރިން

ރިއަލް އެސްޓޭޓް ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި
3 ދުވަސް ކުރިން

ރައްޔިތުންގެ އާދޭސް މެންބަރުންނަށް: ރިއަލް އެސްޓޭޓް ބިލަށް ވޯޓު ނުދެއްވާ!
4 ދުވަސް ކުރިން

އިންކަމް ޓެކްސް އާއި ޖީއެސްޓީ ބިލު، މަޖިލީހުން ފާސްކޮށްފި
5 ދުވަސް ކުރިން


