logo
ރިޕޯޓް: ރައްޔިތުންގެ އާދޭސް މެންބަރުންނަށް - އޯޖީ

ރިޕޯޓް: ރައްޔިތުންގެ އާދޭސް މެންބަރުންނަށް - އޯޖީ

ރައްޔިތުންގެ އާދޭސް މެންބަރުންނަށް: ރިއަލް އެސްޓޭޓް ބިލަށް ވޯޓު ނުދެއްވާ!

profile

އަހުމަދު ޖަމީލް - 19 ނޮވެމްބަރު 2026 - 02:53

ދިވެހި ފަސްގަނޑުގެ ސިޔާދަތީ ބާރާއި ޤައުމުގެ މުސްތަޤްބަލާ ގުޅިފައިވާ ނާޒުކު މި ދަނޑިވަޅުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒަމީރަށް އަމާޒުކޮށް އާންމު ރައްޔިތުން ދަނީ އާދޭހުގެ އަޑު އުފުލަމުންނެވެ. ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި 20 ބިލިއަން ޑޮލަރުގެ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަށް ޤާނޫނީ ހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ހުށަހެޅި ރިއަލް އެސްޓޭޓް ބިލާ މެދު، މުޅި ޤައުމުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. ބޭރުގެ އިންވެސްޓްމަންޓްތައް ރެގިއުލޭޓްކުރުމުގެ ނަމުގައި މަޖިލީހަށް ވައްދާފައިވާ މި ބިލަށް ވޯޓު ނުދެއްވުމަށް އެދި، ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން މިހާރު ދަނީ މެންބަރުންގެ ކިބައިން ތަކުރާރުކޮށް އެދެމުންނެވެ.

https://wamco.com.mv/

ސަރުކާރުގެ ވިސްނުމަކީ ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތަކަށް ދޮރު ހުޅުވާލައި، އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ވިޔަފާރިތައް ޤާނޫނީ ނިޒާމެއްގެ ތެރެއިން ހިންގައިގެން ދަޢުލަތުގެ އިޤްތިޞާދަށް ދިރުން ގެނައުމެވެ. ނަމަވެސް، ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ އިޤްތިޞާދީ ފައިދާގެ ނިވަލުގައި އޮވެ، ދިވެހި ބިމުގެ މިލްކުވެރިކަން ބޭރު ބައެއްގެ މުށުތެރެއަށް ދާއިމީ ގޮތެއްގައި ދޫކޮށްލުމަށް ހުޅުވާލެވޭ ނުރައްކާތެރި ދޮރެކެވެ.

މި ބިލާ މެދު އުފެދިފައިވާ އެންމެ ބޮޑު ބިރަކީ، އީގަލް ހިލްސްއަށް 99 އަހަރަށް ދޫކުރާ ބިމުން ގަންނަ ޕްރޮޕަޓީތައް އެހެން ފަރާތަކަށް ވިއްކާ ކޮންމެ ފަހަރަކު، އެ 99 އަހަރުގެ މުއްދަތު އަލުން ގުނަން ފެށޭ (ރީސެޓްވާ) ގޮތަށް އޮތުމެވެ. ޤާނޫނީ އަދި އިޤްތިޞާދީ މާހިރުން ސިފަކުރާ ގޮތުގައި މިއީ ނަމުގައި ކުއްޔަށް ދިނުން ކަމުގައި ވިޔަސް، ޙަޤީޤަތުގައި ބިމުގެ ދާއިމީ މިލްކުވެރިކަން ބޭރު ބަޔަކަށް ވިއްކާލުމެވެ. މީގެއިތުރުން، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ މައިގަނޑު ތަފްޞީލުތައް ރައްޔިތުންނަށް ސިއްރުކޮށް، ވަކި ބަޔަކަށް ބޮޑެތި ޢިނާޔަތްތަކާއި ލުއިތަކެއް ލިބޭ ގޮތަށް ބިލު އަވަސްއަރުވާލައިގެން ފާސްކުރަން އުޅޭ މައްސަލައިގައި ވެސް ވަނީ ދެފުށް ފެންނަ މިންވަރާމެދު ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

ހަމައެއާއެކު، ދިވެހިން އެތައް ޒަމާނެއް ވަންދެން ޙިމާޔަތްކުރަމުން އައި އިސްލާމީ ވަޙްދަތާއި ޤައުމީ ޘަޤާފަތަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމުގެ ބިރު ވެސް އާންމުންގެ ތެރޭގައި އެބައޮތެވެ. ބޭރުގެ އެކި ފަރާތްތަކަށް މިލްކުވެރިކަން ލިބޭ ގޮތަށް ހުޅުވާލުމުން، ޒަޔަނިސްޓުން ފަދަ ފަރާތްތަކަށް ރާއްޖޭގެ ބިމުގެ މައްޗަށް ބާރުފޯރުވުމާއި ވެރިވެގަތުމަށް ފުރުޞަތު ހުޅުވިގެން ހިނގައިދާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި މައްސަލައިގެ ހޫނުކަން އިތުރަށް ގަދަވެގެން ދަނީ، މާލެ ސަރަޙައްދުގެ އެތައް ހާސް ރައްޔިތުންނެއް ބޯހިޔާވަހިކަމެއް ނެތި، ދަތިޙާލުގައި ބޮޑު ކުލި ދައްކައިގެން ދިރިއުޅެމުންދާ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ނިންމާތީއެވެ. އަމިއްލަ ރައްޔިތުން ގެދޮރުވެރިކަމަށް އެދި އިންތިޒާރުކުރަމުންދާއިރު، ރަސްމާލޭގެ އެންމެ ފުރިހަމަ ބިންތައް ބޭރުގެ މުއްސަނދިންނަށް ޚާއްޞަކުރުމަކީ އިޖުތިމާޢީ އިންސާފާ ޚިލާފު ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި ބޭރުގެ ނުފޫޒުގަދަ ވިޔަފާރިވެރިން ރިއަލް އެސްޓޭޓް ބާޒާރު ކޮންޓްރޯލް ކުރަން ފެށުމުން، ގެދޮރު ގަތުމާއި ކުއްޔަށް ހިފުމުގެ އަގުތައް އަތްނުފޯރާ އުސްމިނަކަށް އުފުލި، އާދައިގެ ދިވެހި އާއިލާތަކަށް އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު ވެސް ބޮޑެވެ.

މި ނާޒުކު ޙާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮތް ޤައުމީ ވާޖިބު ހަނދާންކޮށްދެމުން ރައްޔިތުން ދަނީ ޕާޓީގެ ވިޕްލައިނަށްވުރެ ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު އިސްކުރުމަށް ގޮވާލަމުންނެވެ. ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި އާންމު ރައްޔިތަކު ބުނެފައިވާ ފަދައިން، "މިއީ ހަމައެކަނި މިއަދުގެ މައްސަލައެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ ދަރިންނާއި އަންނަން އޮތް ޖީލުތަކުގެ ބިމުގެ ޙައްޤާ ގުޅިފައިވާ ކަމެކެވެ. ރައްޔިތުންގެ އާދޭސް އަޑުއައްސަވައި، ދިވެހި ބިން ބޭރު ބަޔަކަށް ގެއްލިގެންދާ ގޮތަށް އޮތް މި ބިލަށް ވޯޓު ނުދެއްވުމަށް މެންބަރުންގެ އަރިހުން އާދޭހާއެކު އެދެމެވެ."

ދިވެހި ޤައުމުގެ ސިޔާދަތާއި، ބިމުގެ މިލްކުވެރިކަމާއި، އަދި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ޙައްޤު ޙިމާޔަތްކުރުމަށްޓަކައި، މި ބިލުގައި ހުރި ރައްޔިތުންނަށް ގެއްލުންވާ މާއްދާތައް އުނިކޮށް އިޞްލާޙު ނުކުރަނީސް ފާސްނުކުރުމަށް ރައްޔިތުން އެދެނީ ސަބަބުތަކެއް ހުރެގެންނެވެ. އެހެންކަމުން، މެންބަރުންގެ ޒަމީރަށް އަމާޒުކޮށް ރައްޔިތުން ކުރާ މި އާދޭހަށް މަޖިލީހުގެ ތަޅުމުން ދޭނެ ޖަވާބަކަށް މުޅި ޤައުމު މިހާރު މިވަނީ އިންތިޒާރުގައެވެ.

https://wamco.com.mv/
tel:+9607331319