logo
ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ސަޢުދުﷲ ޙިލްމީ، ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީ

ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ސަޢުދުﷲ ޙިލްމީ، ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީ

މޭޔަރ ސައުދު، ނިޒާމުން ގެއްލުވާލާނެ ކަމުގެ ތުހުމަތާއެކު، މެންބަރު ސައުދުﷲގެ މައްސަލަ ފުލުހަށް!

profile

އާމިނަތު ޝަޒްލާ - 18 ނޮވެމްބަރު 2026 - 15:17

ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ސަޢުދުﷲ ޙިލްމީ، ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީއަށް ބިރުދައްކައި، ނިޒާމުގެ ތެރެއިން ގެއްލުވާލައި ވަކި ގޮޅިއަކަށް ލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައެއް ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ.

https://wamco.com.mv/

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު އަޙްމަދަށް އެޑްރެސްކޮށް ފޮނުއްވި މި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، ގދ. ތިނަދޫ، ފަތިސް، ސަޢުދުﷲ ޙިލްމީ ވަނީ ތިނަދޫ ސިޓީގެ މޭޔަރު ގދ. ތިނަދޫ، އަބުހަރީއާގެ، ސަޢުދު ޢަލީއަށް ޖިސްމާނީ ގޮތުންނާއި މާލީ ގޮތުން ގެއްލުމާއި އަނިޔާ ދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. ސަޢުދުﷲ އަކީ ރަށުގައި ނުފޫޒުގަދަ، މާލީ ތަނަވަސްކަން ހުރި މަޖިލިސް މެންބަރަކަށް ވާތީ، މިއީ އެފަދަ ގެއްލުމެއް ދިނުމުގެ ފުރުސަތާއި ހާލަތު އޮތް ފަރާތެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވާނެ ކަމަށާއި، މޭޔަރު ސަޢުދު ޢަލީ ނިޒާމުގެ ތެރެއިން ގެއްލުވާލައި، ވަކި ގޮޅިއަކަށްލައި (ރަހީނުކުރުން ކަމަށް ދޭހަވާ ގޮތަށް) އޭނާ ޤާނޫނީ ގޮތުން އިންތިޚާބުވެފައިވާ މަޤާމު ވެސް ގެއްލުވާލާނެ ކަމަށް ބުނެ ސަޢުދުﷲ ބިރުދައްކާފައިވާ ކަމަށް މި މައްސަލައިގައި ބުނެފައިވެއެވެ.

މިއީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 122، 511 އަދި 513 ވަނަ މާއްދާއާ ޚިލާފު ޢަމަލެއް ކަމަށާއި، އާންމު ތަނެއްގައި މީހަކަށް ނުރައްކާތެރި އަނިޔާއެއް ދިނުމަށް ގޮވާލުމަކީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހަމަހަމަކަމުގެ އުސޫލުތަކާ ޚިލާފު، މުޖުތަމަޢުގެ އަމަންއަމާންކަން ގެއްލިގެންދާނެ ކަމެއް ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރަކު މިފަދަ ޢަމަލެއް ހިންގުމަކީ ޖިނާއީ ތަޙްޤީޤެއް ހިންގަންޖެހޭ ކަމެއް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މި މައްސަލަ ފުލުހަށް ހުށަހެޅިއިރު، މީގެ ކުރިން މި މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން ދެއްވާފައިވާ ޖަވާބު ކަރުދާހާއި، ސަޢުދުﷲ ޙިލްމީ ދެއްކެވި ވާހަކަތަކުގެ ވީޑިއޯ ރެކޯޑިންގ ވެސް ވަނީ ފުލުހުންނާ ޙިއްޞާކޮށްފައެވެ.

ފުލުހުންގެ އިތުރުން މި މައްސަލައިގެ ކޮޕީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށާއި، އިލެކްޝަންސް ކޮމިޝަނަށް އަދި ތިނަދޫ ސިޓީ ކައުންސިލާއި ތިނަދޫ ޕޮލިހަށް ވެސް ވަނީ ފޮނުވާފައެވެ. މި މައްސަލައިގެ ތަޙްޤީޤަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެއެވެ.

https://wamco.com.mv/
tel:+9607331319