logo
ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު 'މާތުރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް' ގެ 'ތޭރީ ސެކްސީ ބިއުޓީ'ގެ  ލަވަ ފެންނަ ފޮޓޯއެއް

ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު 'މާތުރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް' ގެ 'ތޭރީ ސެކްސީ ބިއުޓީ'ގެ ލަވަ ފެންނަ ފޮޓޯއެއް

11 އަހަރަށްފަހު ސަލްމާން އަނެއްކާވެސް ލަވަކިޔުމުގެ ދާއިރާއަށް!

profile

އާމިނަތު ޝަޒްލާ - 18 ނޮވެމްބަރު 2026 - 13:58

ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު 'މާތުރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް' ގެ ލަވަ 'ތޭރީ ސެކްސީ ބިއުޓީ' އާއެކު، 11 އަހަރަށްފަހު އޭނާ އަލުން ލަވަކިޔުމުގެ ދާއިރާއަށް އެނބުރި އަތުވެއްޖެއެވެ.

https://wamco.com.mv/

ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ނެރުނު މި ފޯރިގަދަ ލޯބީގެ ލަވައިން ސަލްމާން ޚާން އާއެކު ފެނިގެންދަނީ ބަތަލާ ޗިތުރަންގަދާ ސިންގްއެވެ. މި ލަވައިގެ ވީޑިއޯއިން ފެންނަނީ ދެ ތަރިންގެ މެދުގައި އޮންނަ ސަކަ އަދި ލޯބީގެ ގުޅުމެވެ. މީގެ އިތުރުން ނަށާލުމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް މި ވީޑިއޯއިން ފެނިގެންދެއެވެ. ވީޑިއޯގައި ޗިތުރަންގަދާ ރަތްކުލައިގެ ހެދުމެއްގައި ފެންނައިރު، ސަލްމާން ފެންނަނީ ރެކޯޑިންގ ސްޓޫޑިއޯއެއްގައި ލަވަކިޔަނިކޮށް އަދި ޗިތުރަންގަދާ އާއެކު ނަށަނިކޮށެވެ.

މި ލަވައަކީ އުފާވެރި އަދި މަޖާ މޫޑެއް ގެނުވައިދޭ ލަވައެކެވެ. ލަވައިގެ ތަރުތީބު ބިނާވެފައިވަނީ ލޯބީގެ ކުޅިވަރުތަކާއި، ގަޔާވުމާއި، ހިތްހަމަޖެހުމުގެ ވަގުތުތަކުގެ މައްޗަށެވެ.

ސަލްމާން ޚާން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހެނދުނުގެ ވަގުތެއްގައި މި ލަވަ އާންމުކޮށް، އޭނާގެ ސަޕޯޓަރުންނަށް ކުއްލި ހައިރާންކަމެއް ގެނެސްދީފައެވެ. ލަވަ ހިއްސާކުރަމުން އޭނާ ލިޔެފައިވަނީ ލަވައިގެ ބަސްތަކާ ގުޅުވައިގެން، ހެނދުނުގެ ދަތުރަކާއި އޭނާގެ 'ސެކްސީ ބިއުޓީ' އާ ގުޅޭ މަޖާ ވާހަކަކޮޅެކެވެ.

މި ލަވަ ކިޔާފައިވަނީ ސަލްމާން ޚާން އާއި މުސްކާން އެވެ. ސާޖިދު ޚާން ވެސް ބައެއް ބައިތައް ކިޔާފައިވާއިރު، މި ލަވައިގެ މިއުޒިކް ތައްޔާރުކޮށް ލަވަ ލިޔެފައިވަނީ ވެސް ސާޖިދު ޚާން އެވެ. ލަވައިގެ ކޮރިއޯގްރަފީ ހަދާފައިވަނީ ސީޒަރު ގޮންސާލްވޭސްއެވެ.

ދިހަ އަހަރަށްވުރެ ގިނަ ދުވަހަށްފަހު ސަލްމާން ޚާން ފިލްމަކަށް ލަވަކިޔައިދިނުމުން، މިއީ އޭނާގެ ސަޕޯޓަރުންނަށް ވަރަށް ހާއްސަ ލަވައެކެވެ. އޭނާ އެންމެ ފަހުން ފިލްމަކަށް ކިޔައިދިން މަޝްހޫރު ލަވައަކީ 2015 ވަނަ އަހަރުގެ ފިލްމު 'ހީރޯ' ގެ 'މައި ހޫން ހީރޯ ތޭރާ' އެވެ. މީގެ ކުރިން ވެސް ސަލްމާން ވަނީ 'ކިކް' ފިލްމުގެ 'ހޭންގްއޯވާ' އަދި 'ވޯންޓެޑް' ގެ 'މޯސްޓް ވޯންޓެޑް ޓްރެކް' ފަދަ މަގްބޫލުލަވަތަކެއް ކިޔައިދީފައެވެ.

އަޕޫރްވާ ލަކިއާ ޑައިރެކްޓްކޮށް، ޗިތުރަންގަދާ ސިންގް މުހިންމު ރޯލަކުން ފެންނަ 'މާތުރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް' ގެ މި ލަވަޔަކީ ފިލްމުގެ ޕްރޮމޯޝަންގެ ބައެކެވެ. މި ފިލްމަކީ ސިފައިންގެ ހިތްވަރާއި، ގުރުބާނީ އަދި އަމިއްލަ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް، ގައުމީ ލޯތްބާއި، އެކްޝަން އަދި އާއިލީ ޖަޒުބާތުތައް އެކުލެވޭ ގޮތަށް އުފައްދާފައިވާ ފިލްމެކެވެ.

އަލަށް ނެރުނު މި ލަވައާއެކު، ސަލްމާން ޚާން ވަނީ އޭނާގެ އެކްޓިންގގެ އިތުރުން މިއުޒިކަށް ހުންނަ ޝައުގުވެރިކަން އަނެއްކާވެސް ހާމަކޮށްދީ، އޭނާގެ އަޑުން ސަޕޯޓަރުން އުފާކޮށްދީފައެވެ.

https://wamco.com.mv/
tel:+9607331319