
ޕީއެންސީ މެންބަރުން ތިބީ ހިތްހަމަޖެހިގެން، ޔާމީނާ ޖަދަލުކުރާކަށް ނޫޅެން: ފަލާޙް

އާމިނަތު ޝަޒްލާ - 06 ސެޕްޓެމްބަރު 2026 - 06:53
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހުރިހާ މަޖިލިސް މެންބަރުން ވެސް ތިއްބެވީ ޕާޓީ ހިނގަމުންދާ ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ކަމަށާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ޖަދަލުކުރަން އެ ޕާޓީން ބޭނުން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުންނަށް ނިސްބަތްކުރައްވައި ރައީސް ޔާމީން ތަފާތު ވާހަކަތައް ދައްކަވަމުން ގެންދެވި ނަމަވެސް، ރާއްޖޭގައި ސިޔާސީ ޕާޓީއެއް ހިންގޭނެ އެންމެ ފުރިހަމަ ގޮތުގައި ޕީއެންސީ ހިންގަމުންދާތީ މެންބަރުންގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. އަދި އެހެންކަމުން ޔާމީނާ ޒުވާބުކޮށް ޖަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ޕާޓީގެ ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާޙް ވިދާޅުވި ގޮތުގައި ރައީސް ޔާމީން މިއަދު ވިސްނަވަންވީ ކުރިއަށް އޮތް ތަނުގައި އެމަނިކުފާނަށް ފައިދާ ބޮޑުވާނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބު ކުރެއްވުމުންތޯ ނުވަތަ އިދިކޮޅު އެމްޑީޕީ އަލުން ވެރިކަމަށް އައިސްގެންތޯއެވެ.
އޭނާގެ ވާހަކައިގައި ވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުން ކުރި ހުކުމެއް ތަންފީޒު ކުރެއްވުމަށް ރައީސް ޔާމީން މާފުށީ ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވި ދުވަސްތަކަށް އިޝާރާތް ކުރައްވާފައެވެ. އެމަނިކުފާނު މިނިވަންވެވަޑައިގަތީ ހައިކޯޓުން އެ ހުކުމް ބާތިލުކުރުމާ ގުޅިގެންނެވެ. މިކަމަށް އަލިއަޅުއްވާލައްވަމުން ފަލާޙް ވިދާޅުވީ، މި ސަރުކާރުން ޖަލުގެ އެބައި ބަލަހައްޓަމުން ގެންދަނީ ވަރަށް ރަނގަޅަށް ކަމަށެވެ.
ރޭ ބޭއްވި މި ޖަލްސާގައި ފަލާޙްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސިޔާސީ ގޮތުން ބޮޑެތި ތުހުމަތުތަކެއް އެމަނިކުފާނަށް ވަނީ އަމާޒުކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އައިޖީއެމްއެޗްގެ މެޑިކަލް އިންޓާންޝިޕަށް 24 ފުރުޞަތު ހުޅުވާލައިފި
2 ގަޑިއިރު ކުރިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާވެއްޖެ
3 ގަޑިއިރު ކުރިން

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ރިޓަޔަރ ކުރައްވައިފި
3 ގަޑިއިރު ކުރިން
ރައީސް ޔާމީން މިވަގުތު ގޭގައި ހުންނެވުމަކީ އެތައް ބަޔަކު ވި ޤުރުބާނީގެ ނަތީޖާ: އަބްދުއްރަހީމް
4 ގަޑިއިރު ކުރިން


