logo

ދެވަނަ ކުއާޓަރގައި ވީއައިއޭއިން އުފުލި ކާގޯގެ މިންވަރު އިތުރުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 21 އޯގަސްޓު 2026 - 10:40

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި އުފުލި ކާގޯގެ މިންވަރު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2 އިންސައްތަ އިތުރުވެއްޖެއެވެ.

https://wamco.com.mv/

އެމްއޭސީއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން ޖުމްލަ 18,457 ޓަނުގެ މުދާ ވަނީ ހޭންޑްލްކޮށްފައެވެ.

މީގެ ތެރޭގައި ހިމެނެނީ ރާއްޖެއަށް އެތެރެކުރި 13,542 ޓަނުގެ މުދަލާއި، ރާއްޖެއިން ބޭރުކުރި 4,915 ޓަނުގެ މުދަލެވެ.

މި މުއްދަތުގައި އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފައިވަނީ ޓްރާންސްޝިޕްމަންޓް މުދާ އުފުލުމުގެ ދާއިރާއިންނެވެ. އެގޮތުން ޓްރާންސްޝިޕްމަންޓް ކާގޯ ވަނީ 26 އިންސައްތައިގެ ކުރިއެރުމަކާއެކު 3,650 ޓަނަށް އަރާފައެވެ.

މީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އޮތީ ވައިގެ މަގުން ގެނެސް، އަލުން ވައިގެ މަގުން ފޮނުވި (އެއާ-ޓު-އެއާ) މުދަލުގައެވެ. އެއީ 3,116 ޓަނެވެ. މީގެ އިތުރުން ކަނޑުމަގުން ގެނެސް، ވައިގެ މަގުން ފޮނުވި (ސީ-ޓު-އެއާ) މުދަލުގެ މިންވަރު ވަނީ 534 ޓަނަށް އަރާފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، ދެވަނަ ކުއާޓަރުގައި ކާގޯ ބޯޓުތަކުގެ 94 ދަތުރު ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މި ބޯޓުތަކުން އުފުލި މުދަލުގެ އަދަދު 14 އިންސައްތަ އިތުރުވެ، 757 ޓަނަށް އަރާފައިވާކަން ފާހަގަކުރެވެއެވެ.

މި ހިސާބުތަކުން ހާމަވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި ވިޔަފާރީގެ އެކި ބޭނުންތަކަށް ވައިގެ މަގުން މުދާ އެތެރެކުރުމަށް އޮތް ޑިމާންޑު ދުވަހުން ދުވަހަށް ފުޅާވަމުން އަންނަކަމެވެ.

https://wamco.com.mv/
tel:+9607331319