
ރައީސް މުޙައްމަދު ނަޝީދު
އިންޑިޔާ ސިފައިން ފޮނުވާލުމަކީ ފައިދާހުރި ގޮތެއް ނޫން - ނަޝީދު

އަހުމަދު ޒަލީފު - 25 ނޮވެމްބަރު 2023 - 14:27
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދާން އެންގުމަކީ ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
"އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމާ ގުޅޭ ގޮތުން ވާހަކަ ދެއްކި ކަން އެނގޭ. ނަމަވެސް އެއީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ކަމަކަށް ނުވާނެ،" ދެކުނު އެފްރިކާގައި ކުރިއަށްދާ "ކޭޕް ޓައުން ކޮންވަޒޭޝަން" ކޮންފަރެންސްގެ ހަވާސާގައި އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ "އޭއެންއައި" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރާއްޖެ އަށް އެންމެ ރަނގަޅު ގޮތަކީ އިންޑިއާއާ އެކުގައި ގާތް ގުޅުމެއް އޮތުން ކަން ރައްޔިތުންނަށް ވިސްނައި ދެއްވާނެ ކަމަށެވެ. މިހާތަނަށް އައިއިރު ރައްޔިތުންގެ މަޖިލިހުގައި އެކަމަށް ވަކާލާތު ކުރެއްވި އިރު، އެކަމަށް ވަކާލާތު ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު ވާނީ މަޖިލިހުގައި ވާކަލާތު ކުރައްވާފައި. އަދި ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އިންޑިއާއާ އެކީގައި ގުޅުން އިތުރަށް ވަރުގަދަ ކުރުން ކަން ރައްޔިތުންނަށް ވިސްނައި ދިނުމުގައި ދެމިހުންނާނަން." ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ އާ ސަރުކާރަށް މިކަން ވަޒަން ކުރެވޭނެ ކަމަށް،"
އިންޑިއާ ސިފައިން ފޮނުވާލައިގެން ދިވެހިންނަށް ފައިދާއެއް ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސް ދިނުމަށް އެދި ދިވެހި ސަރުކާރުން ރަސްމީކޮށް އިންޑިއާ ސަރުކާރުގައި ވަނީ އެދިފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ރަސްމީކޮށް އިންޑިއާ ސަރުކާރުގައި އެދިފައިވާއިރު، ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ފައްޓަވާނެ ކަމަށާއި އުންމީދަކީ ފުރުސަތު އޮތް ނަމަ، ވެރިކަމުގެ ހުވާ ކުރައްވާތާ ފުރަތަމަ ހަފްތާގެ ތެރޭގައި އިންޑިއާ ސިފައިން ބޭލުން ކަމަށް ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން