logo

އެމެރިކާ އާއި އިޒުރޭލުން އަމިއްލަ މަހާނަ ކޮންނަނީބާ؟

profile

މުހައްމަދު މުޝްރިފް - 11 މާރިޗު 2026 - 08:36

މާރިޗް 2026 އަށް ދުނިޔެ އަލިވިލުނުއިރު، މެދުއިރުމަތީގެ މަސްރަޙު މިހާރު އޮތީ "ހިޔަނި ހަނގުރާމައެއް" (Proxy War) ގެ ތެރެއަކު ނޫނެވެ. ދަހަރުތަކަކަށް ދެމިގެންދިޔަ ހިޔަނި ހަނގުރާމަ ނިމި، މިއަދު ފެންނަމުންދަނީ ދުނިޔޭގެ ބޮޑުބާރު އެމެރިކާއާއި، ސަރަޙައްދީ ބާރު އިރާނުގެ ސީދާ ކުރިމަތިލުމެކެވެ. މި ހަނގުރާމަ ފެށިގެން އައީ އިޒުރޭލާ ހެދި ކަމަށް ފެނުނަސް، މިއަދު މުޅި މަންޒަރު ބަދަލުވެއްޖެ އެވެ. ސުވާލު އުފެދެނީ އެމެރިކާ އާއި އިޒުރޭލުން މިއުޅެނީ އަމިއްލަ މަހާނަ ކޮނެ، އެމީހުންގެ ނުފޫޒު މި ސަރަޙައްދުން ދާއިމީކޮށް ފޮހެލަން ބާވައެވެ؟

https://wamco.com.mv/
ހިޔަނި ހަނގުރާމައިން ސީދާ މައިދާނަށް

ފާއިތުވި އަހަރެއްހާ ދުވަހު ގާޒާގައި ހިންގި ލާއިންސާނީ އަމަލުތަކަށްފަހު، ހަނގުރާމަ ލުބުނާނަށް ފުޅާވެ، އެންމެ ފަހުން އިރާނާއި އެމެރިކާގެ ސީދާ ހަމަލާތަކަށް މަގުފަހިވިއެވެ. އެމެރިކާއިން ގަބޫލުކުރި ގޮތުގައި، އިރާނުގެ "މަސްލަހަތުތަކަށް" ހަމަލާދީގެން އެ ގައުމު ފަހަތަށް ޖެއްސޭނެއެވެ. ނަމަވެސް، 2026 ގެ މާރިޗު މަހާ ހަމައަށް އައިއިރު ފެންނަނީ މިއާ އިދިކޮޅު މަންޒަރެކެވެ. އިރާނުން ދަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ސީދާ ހަމަލާދީ، އެމެރިކާގެ ބާރުވެރިކަމަށް ގޮންޖަހަމުންނެވެ. މިއީ އެމެރިކާއިން މެދުއިރުމަތީގައި ގެންގުޅުނު "ހައިބަތު" ކުޑަވެ، އަމިއްލަ ނިމުމަށް މަގުކޮށުން ކަމުގައި ބެލެވިދާނެއެވެ.

އިޒުރޭލުގެ މަޅީގައި އެމެރިކާ ބެދުން

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އަބަދުވެސް ބޭނުންވީ އެމެރިކާ ލައްވައި އިރާނާ ހަނގުރާމަ ކުރުވާށެވެ. މިއަދު އެމެރިކާ އެއޮތީ އެ މަޅީގައި ބެދިފައެވެ. އިޒުރޭލުގެ ސަލާމަތް ދިފާއުކުރުމުގެ ނަމުގައި އެމެރިކާގެ އެތައް ބިލިއަން ޑޮލަރަކާއި، ޒަމާނީ ހަތިޔާރު އަދި ސިފައިން މެދުއިރުމަތީގެ "ލޭގެ ކަނޑަކަށް" ވަނީ އުކާލަން ޖެހިފައެވެ.

މީގެ ސަބަބުން އެމެރިކާގެ އެތެރޭގެ މަސްރަޙު އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން އެމެރިކާ ބަލިކަށިވަމުންދާއިރު، އިޒުރޭލަށްޓަކައި ކުރާ މި ހަނގުރާމައަކީ އެމެރިކާގެ "އަމިއްލަ މަހާނަ" ކޮނުން ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ. ސަބަބަކީ މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި (ޚާއްސަކޮށް ޓައިވާން އަދި ޔޫކްރެއިން ފަދަ ގައުމުތަކުގައި) އެމެރިކާއަށް އޮތް ސަމާލުކަން ކުޑަވެ، އެ ގައުމުގެ ބާރު ކުޑަވަމުން ދިއުމެވެ.

އިރާނުގެ ބާރުވެރިކަމުގެ 'ކާލާ މަންނަ'

އިރާނަކީ ފާއިތުވި 40 އަހަރު ދުނިޔޭގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައިވެސް، މިފަދަ ހަނގުރާމައަކަށް ތައްޔާރުވަމުން އައި ގައުމެކެވެ. އިރާނުގެ މިސައިލް ޓެކްނޮލޮޖީއާއި ޑްރޯންގެ ބާރު މިއަދު ވަނީ އެމެރިކާގެ މަނަވަރުތަކަށް ބޮޑު ބިރަކަށް ވެފައެވެ. ރެޑް ސީ އާއި ހޯމޫޒް ކަނޑުއޮޅި ބަންދުވުމުގެ ބިރު އޮތުމަކީ ދުނިޔޭގެ އިގްތިސާދުގެ އެފުށްމިފުށަށް ޖެހުމެވެ.

މީގެ އިތުރުން މިއަދު އިރާނަކީ ނިއުކްލިއާ ބޮމެއް ތައްޔާރުކުރުމުގެ މަގުކޮށައި އެކަމުގެ މަލަމަތި އުޖާލާކޮށްފައިވާ ގައުމެކެވެ. އެމެރިކާއާއި އިޒުރޭލުން ބާރުގެ ބޭނުންކޮށްގެން އިރާނު ހުއްޓުވަން އުޅުމުގެ ނަތީޖާއަކަށްވީ، ބައިނަލްއަގުވާމީ ފާރަވެރިންނަށް ފިލައި، އިރާނުން ޔުރޭނިއަމް ފައްކާކުރުން އެންމެ މަތީ ދަރަޖައަށް ގެންދިއުމެވެ.

60% އަށް ޔުރޭނިއަމް މުއްސަނދިކުރުމަކީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ގާބިލުކަމާއި ގާތަށް އިރާނުން ދަތުރުކުރާ ކަމުގެ ހެއްކެކެވެ. އެހެންކަމުން އެއީ އިރާނުން ހުޅަނގުގެ ގައުމުތަކަށް ޕްރެޝަރު ކުރަން ގެންގުޅޭ އެންމެ ބޮޑު ވަސީލަތެވެ. މިއީ އެ ގައުމުގެ ބާރުވެރިކަމުގެ ތާސްބައިގެ އެންމެ ކުރީގައި އޮތް ކާޑެވެ. އިރާނުގެ "ކާލާ މަންނަ" އެވެ.

އެމެރިކާއާއި އިޒުރޭލުން އިރާނަށް ހަމަލާދޭ ކޮންމެ ފަހަރަކު، އިރާނުގެ ނުފޫޒު މުސްލިމް ދުނިޔޭގައި ދަނީ ބޮޑުވަމުންނެވެ. އެމެރިކާއަކީ "އިސްތިއުމާރީ ބާރެއް" ގެ ގޮތުގައި ސިފަވެ، އިރާނަކީ "މިނިވަންކަމަށް ޖިހާދުކުރާ" ބާރެއްގެ ގޮތުގައި ފެންނަން ފެށުމަކީ އެމެރިކާގެ ޑިޕްލޮމެޓިކް މަހާނަ ކޮނުމެވެ.

އެމެރިކާގެ އިގްތިސާދީ އަމިއްލަ ހަލާކު

ހަނގުރާމައަކީ އަގުބޮޑު ކަމެކެވެ. އެމެރިކާގެ ދަރަނި އިންތިހާއަށް އުފުލިފައިވާއިރު، މެދުއިރުމަތީގެ ހަނގުރާމައަކަށް ދުވާލަކު އެތައް މިލިއަން ޑޮލަރެއް ހޭދަކުރުމަކީ އެމެރިކާގެ ޑޮލަރުގެ ބާރު ކުޑަވެގެންދާނެ ކަމެކެވެ. ތެލުގެ އަގު އުފުލި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމުން، އެމެރިކާގެ ރައްޔިތުންގެ މެދުގައި ސަރުކާރަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

އަނެއްކޮޅުން، ޗައިނާއާއި ރަޝިއާއިން ދަނީ މި ފުރުސަތުގެ ބޭނުން ހިފައި، އެމެރިކާ ނެތް ދުނިޔެއަކަށް ތައްޔާރުވަމުންނެވެ. އެމެރިކާއިން އިރާނާއި އިޒުރޭލުގެ މައްސަލައިގައި އަވަދިނެތި އުޅޭއިރު، ދުނިޔޭގެ އިގްތިސާދީ ބާރުވެރިކަން ދަނީ އިރުމައްޗަށް ބަދަލުވަމުންނެވެ.

ނިންމުން

2026 ވަނަ އަހަރުގެ މި މާރިޗު މަހު ފެންނަ މަންޒަރަކީ ވަރަށް ސާފު މަންޒަރެކެވެ. އެމެރިކާއާއި އިޒުރޭލުން ބާރުގެ ބޭނުންކޮށްގެން މެދުއިރުމަތި ކޮންޓްރޯލް ކުރަން އުޅުމުގެ ނަތީޖާއަކީ، އެ ގައުމުތަކުގެ އަމިއްލަ ނިމުން އަވަސްވުމެވެ. އިރާނާ ދެކޮޅަށް ކުރެވޭ މި ސީދާ ހަނގުރާމައަކީ ފަހަރުގައި އެމެރިކާގެ "އެމްޕަޔަރ" ނުވަތަ "ސުޕަ ޕަވަރ" ވަޅުލެވޭނެ މަހާނައަށް ވެދާނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ބާރަކަށް ވުމަކީ ހަމައެކަނި ހަތިޔާރުން ލިބޭ އެއްޗެއް ނޫނެވެ. އެއީ އިތުބާރާއި، އިންސާފާއި، އަދި ސިޔާސީ ހިކުމަތްތެރިކަމެވެ. މި ހުރިހާ ސިފައެއް މިއަދު އެމެރިކާއާއި އިޒުރޭލުގެ ކިބައިން ވަނީ ބީވެފައެވެ. އެހެންކަމުން، އެމީހުން ކޮންމެ ދުވަހަކު އަމަލުކުރަމުންދާ ގޮތަކީ، ހަގީގަތުގައިވެސް އަމިއްލަ މަހާނަ ކޮނުން ކަމުގައި ނޫނީ ނުވާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk