logo

ކަންނެލި މަސްފެކްޓްރީ 18 މަސްދުވަސްތެރޭ ނިންމާލެވޭނެ: ޝިޔާމް

profile

މުޙައްމަދު ފަޟްލޫން - 14 ޖުލައި 2026 - 08:32

ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަންނެލި މަސްފެކްޓްރީގެ މަސައްކަތް ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި މި ފެކްޓްރީ ގާއިމްކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ބިނާކުރާ ފެކްޓްރީއަކީ ދުވާލަކު 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދުކުރެވޭނެ ގާބިލުކަން ލިބިގެންވާ ތަނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކަންނެލި މަސްވެރިންގެ އެންމެ ބޮޑު އެދުމަކަށް ވެފައިވާ މި ފެކްޓްރީ ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

މަޝްރޫޢު ނިންމުމަށް ދޮޅު އަހަރު ދުވަސް ނަގާނެ ކަމަށް ވަޒީރު މިހާރު ވިދާޅުވި ނަމަވެސް، މީގެ ކުރިން މާޗު މަހު ވިދާޅުވެފައިވަނީ މި އަހަރުގެ ނިޔަލަށް ފެކްޓްރީ ހުޅުވުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ފެކްޓްރީގެ މަސައްކަތް ކުރިއަށްދާއިރުވެސް މިފްކޯ މެދުވެރިކޮށް ކަންނެލި ގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

މިހާރުވެސް 10 ކިލޯއާއި 15 ކިލޯއިން މަތީގެ ކަންނެލި މިފްކޯއަށް ގަންނަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk