logo

ބާރަށުގެ އާސާރީ ތަންތަން ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އިތުރު މަސައްކަތްތަކެއް!

profile

އާމިނަތު ޝަޒްލާ - 04 ޖުލައި 2026 - 11:03

ހއ. ބާރަށުގެ އާސާރީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ވަޒީރު ހީނާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް އުތީމާއި، ތަކަންދޫ އަދި ބާރަށުގެ އާސާރީ ބިނާތައް ހިމާޔަތްކުރުމަށް ކުރިއަށްދާ މަސައްކަތްތައް ބައްލަވައިލެއްވުމަށާއި، ކުރިއަށް އޮތް ޤައުމީ ދުވަހުގެ ތައްޔާރީތައް އޮޅުންފިލުއްވުމަށް އެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބާރަށަށް ވަޑައިގެން އެރަށުގެ ތާރީޚީ ބިނާތައް ބައްލަވައިލެއްވުމަށްފަހުގައެވެ.

މި ދަތުރުފުޅުގައި ބާރަށު ކައުންސިލާ ބައްދަލުކުރައްވައި، ރަށުގެ ތަރިކަ ހިމާޔަތްކުރުމަށް ހިންގާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި، މަސައްކަތްތައް ރޭވިފައިވާ ގޮތް ވަޒީރު ހީނާ ވަނީ އޮޅުންފިލުއްވާފައެވެ. މީގެ އިތުރުން، މި މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލާއި ރަށުގެ ރައްޔިތުންގެ ޚިޔާލާއި ބޭނުންވާ ގޮތްތައްވެސް ވަޒީރު އޮޅުންފިލުއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އިތުރުންވެސް، ބާރަށުގައި ހުރި ޒަމާންވީ އެހެނިހެން އާސާރީ ތަންތަން ރައްކާތެރިކަމާއެކު ދެމެހެއްޓުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން، އެ ތަންތަން ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ބެލެހެއްޓުމަށްޓަކައި ކައުންސިލްގެ ތަޞައްވުރާއި ރައްޔިތުންގެ މަޝްވަރާ ހޯއްދަވާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ހއ. ބާރަށުގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، ކަމަނާމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، 'ކަޅުއޮށްފުންމި' ބަނދެފައިވާ ތާރީޚީ ސަރަހައްދާއި 'ވާރުގެ' އާބާތުރަފިލުވައި ތަރައްޤީކުރުމުގެ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކެކެވެ. ވަޒީރު ހާމަކުރެއްވި ގޮތުގައި، މިއަހަރުގެ ޤައުމީ ދުވަހުގެ ކުރިން މި ހުރިހާ މަޝްރޫޢުތަކެއް ނިންމުމަށް އަމާޒުކޮށް، ވަރަށް ހަލުވިމިނުގައި މަސައްކަތްތައް ދަނީ ކުރިއަށެވެ.

ވަޒީރު ބާރަށަށް ކުރެއްވި މި ދަތުރުފުޅުގައި، އެ ރަށުގެ އާސާރީ ބިނާތަކަށް ޒިޔާރަތްކުރައްވައި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަހައްދާއި ވާރުގެ ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ. މީގެ އިތުރުން، ތާރީޚީ ކަޅުއޮށްފުންމި ބޭއްވުނު 'އޮޅުފަތި ކޯރަށާއި'، އެ އޮޑި އައްސާފައި ބޭއްވުމަށް ބޭނުންކުރި ތިން ބެރެބެދިގަސް ހުރި ސަރަހައްދަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގެ މިހާރުގެ ހާލަތު ވަނީ ވަޒީރު ބައްލަވާލައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk