
ސިވިލް ސާވިސްގެ ގަވާއިދަށް މުހިންމު އިސްލާހެއް: ގޭގައި ހުރެގެން މަސައްކަތްކުރެވޭނެ

އާމިނަތު ޝަޒްލާ - 04 ޖުލައި 2026 - 10:32
ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް ގެނެވުނު 19 ވަނަ އިސްލާހުގެ ދަށުން، ކުއްލި ހާލަތްތަކާއި ނާޒުކު ދަނޑިވަޅުތަކުގައި މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އުސޫލެއް ތައާރަފުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި މި އިސްލާހާއެކު، ކަނޑައެޅިފައިވާ ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ، އޮފީހަށް ހާޒިރުނުވެ "ރިމޯޓްކޮށް" މަސައްކަތް ކުރުމުގެ ފުރުސަތު ސިވިލް ސާވިސްގެ މުވައްޒަފުންނަށް މިހާރު ވަނީ ހުޅުވިފައެވެ.
މި އާ އުސޫލުގެ ދަށުން، ސިއްހީ ގޮތުން ދިމާވާ ހާއްސަ ހާލަތްތަކުގެ ސަބަބުން ގޭގައި ހުރެ މަސައްކަތް ކުރަން ބޭނުންވާ މުވައްޒަފުން، ރާއްޖޭގެ ނުވަތަ ބޭރުގެ ކަމާބެހޭ ސިއްހީ އިދާރާއަކުން ދޫކުރާ ރަސްމީ ލިޔުމަކާއެކު އެކަމަށް އެދި ހުށަހަޅަންޖެހެއެވެ. މިފަދަ ހުށަހެޅުންތަކާމެދު ގޮތެއް ނިންމަވާނީ އެ އިދާރާއެއްގެ ސިވިލް ސާވިސްގެ އެންމެ އިސްވެރިޔާއެވެ.
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ގޭގައި ހުރެގެން މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރެވޭނީ އެ މުވައްޒަފަކު އަދާކުރާ މަގާމުގެ މަސްއޫލިއްޔަތުތަކަކީ އޮފީހަށް ހާޒިރުނުވެ ފުރިހަމަކުރެވޭނެ ފަދަ މަސައްކަތްތަކަކަށް ވާނަމައެވެ. އަދި މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އެކަށީގެންވާ މާހައުލެއް ހުރިކަން ކަށަވަރުކުރުމަކީ އެ އިދާރާއެއްގެ ޒިންމާއެކެވެ. މީގެ އިތުރުން، މުވައްޒަފު ކުރާ މަސައްކަތްތައް ދުވަހުން ދުވަހަށް ސުޕަވައިޒުކޮށް، އޮފީހުގެ ހިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެކަން ކަށަވަރުކުރުން ލާޒިމުވެއެވެ.
ނަމަވެސް، މަސައްކަތުގެ ބާވަތުން އޮފީހަށް ހާޒިރުވުން މަޖުބޫރުވާ ފަންނީ މަގާމުތަކުގެ މުވައްޒަފުން މި އުސޫލުން އިސްތިސްނާވާނެއެވެ. މީގެ ތެރޭގައި ހިމެނެނީ:
- ޓީޗަރުން
- ނަރުހުން
- އިދާރީ ހިންގުމުގެ އެންމެ އިސް މަގާމުތަކުގައި ތިއްބަވާ މުވައްޒަފުން
ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ހުއްދަ ލިބޭ މުވައްޒަފުން، އެ އިދާރާއަކުން ކަނޑައަޅާ ހާއްސަ އެއްބަސްވުމެއްގައި ސޮއިކުރަންޖެހެއެވެ. މި އެއްބަސްވުމުގެ ދަށުން މަސައްކަތުގެ ސިއްރުތަކާއި މައުލޫމާތު ރައްކާތެރިކުރުމަށް އިގުރާރުވާންޖެހޭނެއެވެ. އަދި އޮފީހުން އަންގައިފި ހާލަތެއްގައި، ކޮންމެ ވަގުތަކުވެސް އޮފީހަށް ހާޒިރުވާން ޖެހޭނެކަން މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބާރަށުގެ އާސާރީ ތަންތަން ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އިތުރު މަސައްކަތްތަކެއް!
3 ގަޑިއިރު ކުރިން

މަންފާ އެކަޑަމީ އިފްތިތާހުކޮށްފި
3 ގަޑިއިރު ކުރިން

ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ބެއިންޖިންގަ ބައްދަލުވުންތަކެއް!
3 ގަޑިއިރު ކުރިން

މާރާމާރީ ހިންގަން ރޭވި ބަޔަކު ހައްޔަރުކޮށްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)