logo

ބުޅަލުގެ މައްސަލަ: "ކެޓް އައިލެންޑް" އެއް ޤާއިމުކުރުމުގެ މަސައްކަތް ދިރާސާގެ މަރުހަލާގައި

profile

އާމިނަތު ޝަޒްލާ - 01 ސެޕްޓެމްބަރު 2026 - 12:11

މަގުމަތީ ބުޅާ ގިނަވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ބުޅާ ގެންގުޅުމަށް ޚާއްސަކޮށްގެން "ކެޓް އައިލެންޑެއް" ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ޖަނަވާރުންގެ ރައްކާތެރިކަމާ ބެހޭ ކަންކަން ބަލަހައްޓަވާ ވަޒީރު ޝިޔާމް ވިދާޅުވީ، މި ކޮންސެޕްޓަކީ ކޮށީގައި ބަންދުކޮށްގެން ގެންގުޅޭ އާދައިގެ ޝެލްޓަރުތަކާ ހިލާފަށް، ބުޅަލަށް ހާއްސަކޮށްގެން ތަރައްގީކުރާ ޒަމާނީ އަދި ހުޅުވާލެވިފައިވާ ސެންޗުއަރީއެއް ކަމަށެވެ. އަދި ރާއްޖެ ފަދަ ގައުމެއްގައި މިފަދަ ވަސީލަތެއް ގާއިމުކުރުމުން ބޭރުގެ ފަރާތްތަކުގެ ބޮޑު ޝައުގުވެރިކަމެއް ވެސް ރާއްޖެއަށް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މާލެ ސަރަހައްދުގެ މަގުމަތީގައި ބުޅާ ގިނަވެ، އާންމުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމަނައިގެން ހުޅުމާލޭގައި ވަނީ ވަގުތީ ޝެލްޓަރެއް ގާއިމުކޮށްފައެވެ. ނަމަވެސް، އެ ތަނުގެ އޮޕަރޭޝަނަލް މިންގަނޑުތަކާ ގުޅޭ މައްސަލަތަކާއި، އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމުގެ ސަބަބުން ބައެއް ބުޅާތައް މަރުވުމާ ގުޅިގެން އާންމުންނާއި ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

މިކަމާ ގުޅިގެން ވަޒީރު ޝިޔާމް ވިދާޅުވީ، ދިގު މުއްދަތުގެ ހައްލުތައް ދިރާސާކުރަމުންދާއިރު މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން، ހުޅުމާލޭގައި ހުންނަ "އޮޅުހިޔާ" ފެސިލިޓީ ބޮޑުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، މި މަސައްކަތް ނިމުމުން އެ ތަނުގައި އެއްފަހަރާ 500 ބުޅާ ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ޖާގަ ތަނަވަސްވެގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އިތުރަށް ވަޒީރު ވިދާޅުވި ގޮތުގައި ބުޅާ ގެންގުޅުމަށް ރަށެއް ތަރައްގީކުރުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށްވާތީ އެ މަސައްކަތަށް ޝައުގުވެރިވާ ބަޔަކު ހޯދުމުގެ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ. އެގޮތުން އެ ރަށް ތަރައްގީކުރުމަށް ބޭރުގެ ބަޔަކު ހިމެނޭހެން ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319