
ޖެނީންއާއި ތުލްކަރަމުން 6 މީހުން ޝަހީދުކޮށްލައިފި، އަސާސީ ޚިދުމަތްދޭ ތަންތަން ސުންނާފަތިކުރަނީ

ސައިފް އަޒުހަރު - 02 ފެބްރުއަރީ 2025 - 06:14
ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނީން ސިޓީއާއި، ތުލްކަރަމްގައި އިސްތިއުމާރީ އިސްރާއީލުގެ އުދުވާނީ ބާރުތަކުން ހިންގަމުން ގެންދާ ޓެރަރިސްޓު އުދުވާނުގައި 6 މީހުން ޝަހީދު ކޮށްލައިފިއެވެ. ޝަހީދުކޮށްލި ހަމީހުންގެ ތެރޭގައި އުމުރުން 16 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ.
16 އަހަރުގެ ކުއްޖާ ޝަހީދުވީ ޖެނީން ސިޓީގެ މަގެއްގައި އާންމުން ތިބި ތަނަކަށް އިސްރާއީލު ސިފައިން ދިން ޑްރޯން ހަމަލާއެއްގައެވެ. މި ހަމަލާގައި އިތުރު ދެމީހުން ވަރަށް ބޮޑަށް ޒަޚަމްވި ކަމަށް ފަލަސްތީނު ރަސްމީ ނޫސް އޭޖެންސީން ބުނެފައި ވެއެވެ.
އެ ހަމަލާ ދިންތާ މާ ގިނައިރެއް ނުވަނީސް ޖެނީން ސިޓީގެ މަގަކުން ދަތުރުކުރި ކާރަކަށް ޑްރޯން ހަމަލާއެއްދީ ދެ ޒުވާނުން ޝަހީދުކޮށްލާފައި ވެއެވެ. އޭގެ އިރުކޮޅެއް ފަހުން ޖެނީން ސިޓީގެ މަގަކުން ސައިކަލެއްގައި ދަތުރުކުރި ދެ ޒުވާނަކަށް ޑްރޯން ހަމަލާދީ ޝަހީދުކޮށްލާފައި ވެއެވެ.
ޖެނީންގެ އިތުރުން، ތުލްކަރަމްގައި ހިންގަމުންގެންދާ އުދުވާނުގައި، އިސްރާއީލު ސިފައިންގެ މީހަކު ފިލާހުރެ ބަޑިޖަހައި، އުމުރުން 51 އަހަރުގެ މީހަކު ޝަހީދުކޮށްލާފައި ވެއެވެ. އޭނާ ޖެހި ބަޑީގެ ވަޒަން އަރާފައިވަނީ ފަލަސްތީނު މީހާގެ މެޔަށް ކަމަށް، ވަފާ ނޫސް އޭޖެންސީން ބުނެފައި ވެއެވެ.
ފަލަސްތީނު މީޑިއާއިން ބުނާގޮތުގައި، ވާހިދު އުމަރު ނަމަކަށްކިޔާ ފަލަސްތީނު މީހާގެ ބަޔަކަށް އިސްރާއީލުގެ ޓެރަރިސްޓު ސިފައިންގެ މީހާ ބަޑިޖަހާފައިވަނީ އޭނާގެ ގޭގެ މަތީބުރީގައި އިންދައެވެ. އަދި ޒަޚަމްވެގެން ވެއްޓިފައި އޮތްއިރުވެސް އޭނާއަށް އެހީވާން އެމްބިއުލެންސްވެސް ގާތްވިޔަ ނުދިނެވެ.
ތުލްކަރަމްގެ އެކި ހިސާބުތަކަށް އިސްރާއީލުން ހުއްޓާނުލާ ޓެރަރިސްޓު ހަމަލާތައް ދެމުން ގެންދާއިރު، އާންމުންގެ އެތައް ގެއެއް ގޮއްވައި، އެތައްހާސް މީހުން މަގުމަތިކޮށްލާފައި ވެއެވެ. އަދި އެތައް ބަޔަކު ގެންދަނީ ހައްޔަރު ކުރަމުންނެވެ.
އަދި ތުލްކަރަމްގެ ތާބިތު ތާބިތު ގަވަރމަންޓް ހޮސްޕިޓަލާއި، އިސްރާ ސްޕެޝަލައިޒް ހޮސްޕިޓަލްވެސް ވަނީ، ހިސާރުކޮށްފައެވެ.
ތުލްކަރަމްއަށް އުމްރާނީ ބޮޑެތި ގެއްލުންތައް ދެމުންގެންދާއިރު، އެ ގެއްލުންތަކުގެ ސަބަބުން އަސާސީ ޚިދުމަތްތައް ކަމަށްވާ ފެނާއި، ކަރަންޓާއި އިންޓަރނެޓުގެ ޚިދުމަތް ކެނޑި، ބޭހާއި ކާބޯތަކެއްޗާއި ބޯފެން ލިބުން ދަތިވެ ބޮޑެތި ހުރަސްތައް ކުރިމަތިވަމުންދާ ކަމަށް ވަފާއިން ރިޕޯޓް ކުރެއެވެ.
ޖެނީންއާއި، ތުލްކަރަމްގެ އިތުރުން، ހުޅަނގު އައްސޭރީގެ އުތުރުގެ ތަމޫމް ޓައުންގެ ފަރްއާ ރެފިއުޖީ ކޭމްޕަށްވެސް މިއަދު ވަދެގަނެ، ބޮޑެތި ޖަރީމާތައް ހިންގަމުން ގެންދާ ކަމަށް ފަލަސްތީނު މީޑިއާއިން ބުނެއެވެ. ފަރްއާ ރެފިއުޖީ ކޭމްޕްގައި އިސްލާމިކް ޖިހާދުގެ އަސްކަރީ ފިޔަ، ގުދުސް ބްރިގޭޑުން ދުޝްމަން ސިފައިންނަށް ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދާ ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް ސޯލިހް ދެއްވީ ރާއްޖެ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން!
2 އަހަރު ކުރިން

ދިވެހިންގެ އެހީގައި އަޅާ ފުރަތަމަ މިސްކިތް ފަލަސްތީނުގައި!
2 އަހަރު ކުރިން

ފަލަސްޠީނުގެ ތިން މީހަކު ޝަހީދުކޮށްލައިފި
2 އަހަރު ކުރިން

ޖިނީނަށް އަރައި 37 އަހަރުގެ މީހަކު ޝަހީދުކޮށްލައިފި
2 އަހަރު ކުރިން