
ރޭވުންގަނޑު ވަރަށްވެސް ފުރިހަމަ، އާޙިރު ނަތީޖާ ދައްކާނީ ކިހިނެތްބާ؟

މުޙައްމަދު ފަޟްލޫން - 18 ޖޫން 2025 - 11:48
މިއަދު މިއީ ތާރީހީ ދުވަހެކެވެ. އެއް ބަޔަކު މިދުވަހުގެ އުފާ ފާޅުކުރާއިރު އަނެއް ބަޔަކު ތިބީ ވާންވީ ގޮތެއް ނޭނގިފައެވެ.
ރޫޅާލީނުން ވެރިކަން ގެއްލި، ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ޕާޓީވެސް ގެއްލުނު ހިސާބަކީ ސިޔާސީ ހަޔާތުން އެމަނިކުފާނު އެކަހެރިވެލެއްވި މުނާސަބު ވަގުތުކޮޅެވެ.
ސިޔާސީ މައިދާނުގައި ހަތުރުން މިތުރުންނަށް ވާތަން ފެނުނު ނަމަވެސް ދެން ދުވަހަކުވެސް ނުގުޅޭނެ ކަމަށް ބުނި ފަރާތްތަކުން މިއަދު ގުޅިލާމެހިގެން ދަނީ ހަމަ އެންމެ ކަމެއްގެ ދަހިވެތިކަމުގައެވެ. ވެރިކަމެވެ. އާރާއި ބާރެވެ. އަރާމާއި ލައްޒަތެވެ. ޝެހެންޝާހާއި ލައްޒަތެވެ.
އެއްވެސް އިރެއްގައި ވެރިކަން ބޭނުންނުވާ ކަމަށް ބުނި ގިނަ ބޭފުޅުން ވެރިކަމަށް ފައި ނަގަމުން ދަނީ އެކަމުގައި ހުރި ފޮނިމީރު ފެނި އިތުރަށް އެކަމަށް ފެންބޮވައިގަނެގެންނެވެ.
މިއަދު ފެންނަން އޮތް ހަގީގަތަކީ ސިޔާސީ މައިދާނުން ދެން ކުރި ނުލިބޭނެކަން ޔަގީންވި ހިސާބުން އެކުގައި ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ބުނެ މައިދާނުގައި ފައިހަމަކުރާކަމެވެ.
ހަނދާނަށް އަންނަނީ 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ފެނިގެންދިޔަ ހިތްދަތި މަންޒަރުތަކެވެ. ކުރެވުނު ސީރިއަސް ތުހުމަތުތަކާއެކު އޭރުގެ ވެރިކަމުގައި ހުރި މީހާ އާއި އޭނާގެ ޒަމާންވީ އެކުވެރިޔާ އާއި ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެވެ.
މަޖިލީހުގެ ރައީސްކަން ކުރައްވައި ސުޕަރ މެޖޯރިޓީ އާއި އެކު އާރާއި ބާރުގައި ހުންނަވައި އިތުބާރުނެތިގެން އެހުރިހާ ކަމެއް ގުރުބާންކޮށް ސިޔާސީ އައު ޕާޓީއެއް އުފެއްދެވިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާއިން ލިބުނު ހިތްދަތިކަމާއެކުވެސް ކުރިއަށް ދިޔައީ އުއްމީދެއް އާލާކުރުމަށެވެ.
20 ވަނަ މަޖިލީހުން ވެސް ނާކާމިޔާބާއި ކުރިމަތިލާންޖެހުނު ނަމަވެސް ހިތްވަރާއެކު ކުރިއަށް ދިޔައީ މިއަދު މިފެނިގެންދާ ބޮޑު މަންޒަރު ހޯދުމަށް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ގައުމެއްގެ ހަޔާތުގައި ހިނދުކޮޅުތަކެއް އަންނާނެ ކަމަށް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ބަދަލެއް ގެނެސް އެބަދަލު ކަމުނުގޮސްގެން ގެނެވުނު ބަދަލުތަކާއެކުވެސް ބަދަލުނުވި އެއް ހަގީގަތަކީ ސިޔާސީ މައިދާނުގައި އަދިވެސް ދެންވެސް ރައީސް ނަޝީދަށް ޖާގަލިބިގެންދާ ދިއުމެވެ.
ރައީސް ނަޝީދު އެމްޑީޕީއާއި ދެން ނުގުޅޭނެ ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް އެމްޑީޕީއަކީ ރައީސް ނަޝީދުގެ ފުރިހަމަ ހިއްސާއާއި އެކު ވުޖޫދުވި ޕާޓީއެކެވެ.
ސިޔާސީ ގޮތުން އުނބަށްޖެހި ކަމަށް ބަޔަކު ދެކުނު ނަމަވެސް 2028 ކާމިޔާބު ކުރުމަށް އިދިކޮޅު އެންމެން ގުޅުމަކީވެސް ފަހަރުގައި ވުން އެކަށީގެންވާ ކަމެކެވެ.
އެމްޑީޕީގެ ޗެއަރޕާސަން ކަމުގައި ހުންނެވި ފައްޔާޒް އިސްމާއިލް އާއި ރައީސް ނަޝީދުގެ ހިޔާލުފުޅު ކުއްލިއަކަށް އެއްގޮތްވީ ކީއްވެގެންބާއޭ ހިތަށް ނާރަންވީ އެއްވެސް ސަބަބެއް ނެތެވެ.
ޕާޓީތެރޭގައި ބްރޯ ހެދިގެން ނޫޅެވޭނެ ކަމަށް ބުނެ އެކަމާއި ހިތް ހަމަ ނުޖެހުނު ބޭފުޅާ މިއަދު އެކުގައި ފަރިއްކުޅުވަން އިންނެވުމުން، އެކަމުންވެސް ލިބިގެންދަނީ އިބުރަތެއްތޯ ނުވަތަ ކުރެވެނީ މަލާމާތެއްތޯ މިއީ މިއަދު ވިސްނަން މަޖުބޫރުވާ ކަމެކެވެ.
ޑިމޮކްރެޓްސް އުވާލައިފިނަމަ ދެން ވެގެންދާނީ ކިހިނެތްތޯ މިއީވެސް އުފެދޭ ސުވާލެކެވެ.
އެމްޑީޕީގެ އާއްމު މެމްބަރުންގެ ތާއީދު ރައީސް ނަޝީދަށް އޮތް ނަމަވެސް ގައުމީ މަޖިލިސްގެ ކޮންޓްރޯލް އޮތީ ފައްޔާޒްގެ އަތުގައި ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ފައްޔާޒްވެސް ރާއްޖޭގެ ރައީސް ކަމަށް ޝައުގުވެރިވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންގެންދެއެވެ. އެމްޑީޕީގެ ތެރޭގައި ފައްޔާޒް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުވެސް ކުރައްވާފައެވެ. މިހިސާބުން ދެން އުފެދޭ ސުވާލަކީ ރިޔާސީ ޕްރައިމަރީ އަކަށް ދާނީ ފައްޔާޒް އާއި ރައީސް ނަޝީދާއި ރައީސް ސާލިހާއި ކުރީގެ ފޮރިން މިނިސްޓަރ އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ފަދަ ބޭބޭފުޅުންތޯއެވެ. ނޫނީ 2018 ވަނަ އަހަރު ތަބަކަކަށް ލާފައި ކުރީގެ ރައީސް ސޯލިހަށް ވެދުމަށް އެރުވިހެން ރިޔާސީ ޓިކެޓް ރައީސް ނަޝީދަށް އެމްޑީޕީން ވެދުމަށް އަރުވާނީ ތޯ މިއީވެސް އުފެދޭނެ ސުވާލެކެވެ. އެހެންވެއްޖެނަމަ، ރަނިންގމޭޓަކަށް ވާނީ ފައްޔާޒު ނުވަތަ ޝާހިދުކަމަށް ވުން ގާތެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން