
ޖޮއާއު ޕެޑްރޯ
ބްރައިޓަންގެ ބްރެޒިލް ފޯވާޑް ޖޯއާއު ޕެޑްރޯ ޗެލްސީއަށް

ހަސަން ޝަމްއޫން - 30 ޖޫން 2025 - 00:40
އިނގިރޭސި ޕްރެމިއާ ލީގުގެ ބްރައިޓަންއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ޖޯއާއު ޕެޑްރޯ ހޯދުމަށް ޗެލްސީ އިން އެކުލަބާއެކު އެއްބަސްވުމަކަށް އައިސްފައިވާކަަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
2023 ވަނަ އަހަރު ވަޓްފޯޑް އިން 30 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީއެއްގައި ބްރައިޓަން އާއި ގުޅުނު ފޯވާޑް ވަނީ އެޓީމަށް ކުޅުނު 70 މެޗުގައި 30 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އުމުރުން 23 އަހަރުގެ ފޯވާޑް ޗެލްސީ އާއެކު ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެއްބަސްވެފައިވާއިރު، މިއަދުގެ ވަގުތެއްގައި ޗެލްސީ އިން އޭނާގެ މެޑިކަލް ޓެސްޓްތައް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ބްރާސްފަތި ދުވަހު ކުލަބު ވޯލްޑްކަޕްގެ ކުއާޓާ ފައިނަލުގައި ޕަލްމެއިރަސް އާއި ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގެ ކުރިން އޭނާ ޗެލްސީގެ ސްކޮޑައި ގުޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޗެލްސީ އިން ޕެޑްރޯގެ ސޮއި ހޯދުމަށް ވަނީ 60 މިލިއަން ޕައުންޑްގެ ފީއެއް ހުށަހަޅާފައެވެ. އަދި ބްރައިޓަން އިން މިއަގަށް އެއްބަސްވެފައިވާއިރު، މި އެއްބަސްވުމުގައި ވަނީ ފުރަތަމަ 55 މިލިއަން ޕައުންޑް ދައްކާގޮތަށެވެ. އަދި ބަކީ 5 މިލިއަން ޕައުންޑް ހިމަނާފައި ވަނީ އެޑް-އޮންގެ ގޮތުގައެވެ. އަދި މީގެ އިތުރުން ޗެލްސީ އިން މުސްތަގުބަލުގައި ކުޅުންތެރިޔާ އެހެން ކުލަބަކަށް ވިއްކާލައިފިނަމަ، އޭގެން ޕަސެންޓޭޖެއް ބްރައިޓަނަށް ލިބޭގޮތަށްވެސް ވަނީ މި އެއްބަސްވުމުގައި ހިމަނާފައެވެ.
ޖޮއާއު ޕެޑްރޯގެ އިތުރުން މި ޓްރާންސްފަރ މާކެޓުގައި ޗެލްސީ އިން ވަނީ ބޮރޫޝިޔާ ޑޯޓްމަންޑްގެ ޖެއިމީ ގިޓެންސްގެ އިތުރުން އިޕްސްވިޗްގެ އިނގިރޭސި ފޯވާޑް ލިއަމް ޑެލަޕްގެ ސޮއި ހޯދާފައެވެ. މިއާއެކު ޗެލްސިގެ ސްކޮޑުގައި ނުހިމެނޭ ޖޮއާއު ފެލިކްސްގެ އިތުރުން އެޓީމާއެކު މިހާރު ވެސް އެމެރިކާގައި ހުރި ކްރިސްޓޯފަރ އެންކުންކޫ އެކުލަބުން ވިއްކާލާނެކަން މިހާރު ވަނީ ޔަގީންވެފައެވެ. އަދި މީގެ އިތުރުން އެޓީމުގެ އިނގިރޭސި ފޯވާޑް ނޯނީ މަޑުއެކޭއަށް ވެސް ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ އެކުލަބުން އޮތީ އޭނާ ވެސް ވިއްކާލުމަށް ތައްޔާރަށެވެ.