logo

ޕެރަލިމްޕިކް ކޮމިޓީއިން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ލިބޭނެ: ވަޒީރު ރާފިއު

profile

އާމިނަތު ޝަފާ - 17 އޯގަސްޓު 2024 - 15:14

މިނިސްޓަރ ރާފިއު މިއަހަރުގެ ޕެރަލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެއިން ވާދަކުރާ އެތުލީޓުންނާ އެކު

މިނިސްޓަރ ރާފިއު މިއަހަރުގެ ޕެރަލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެއިން ވާދަކުރާ އެތުލީޓުންނާ އެކު

ރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީ އިން ކުރަމުން އަންނަ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ދެއްވައިފިއެވެ.

ރާފިއު މިފަދަ ޔަގީންކަން ދެއްވީ ފްރާންސްގެ ވެރިރަށް ޕެރިސްގައި އޮންނަ ޕެރަލިމްޕިކް ގޭމްސް 2024 ގައި ވާދަކުރާ ޓީމަށް ހިތްވަރު ދެއްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ޕެރަލިމްޕިކް ގޭމްސް 2024 އޮންނާނީ އޮގަސްޓް 28 އިން ސެޕްޓެމްބަރު އަށަކަށް ފްރާންސްގައެވެ. މިއަހަރުގެ ޕެރަލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެއިން ވާދަކުރާ ދެ އެތުލީޓުންނަކީ ފާތިމަތު އިބްރާހީމް (ފާތުން) އާއި އަބްދުލްރައްޒާގު އަބްދުއްސަމަދުއެވެ.

ދިވެހިރާއްޖޭގެ ކޮންޓިންޖެންޓާ ބައްދަލުކުރައްވާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ދިވެހިރާއްޖޭގެ ޕެރަ އެތުލީޓުން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވާފަ އެވެ. އަދި ރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީ އިން ކުރަމުން އަންނަ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ.

މިވަގުތު ޕެރަލިމްޕިކް އެސޯސިއޭޝަންގެ ކުރިއެރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ފާހަގަކޮށް އެކަންކަން ހައްލުކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަޒީރު މަޝްވަރާކުރެއްވިއެވެ.

ފްރާންސްގެ ވެރިރަށް ޕެރިސްގައި އޮންނަ ޕެރަލިމްޕިކް ގޭމްސްގައި ވާދަކުރާ ޓީމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު މިއަދު ވަނީ ޖާޒީވެސް ހަވާލްކޮށްދެއްވައިފައެވެ.

މިއަހަރުގެ ޕެރަލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެއިން ވާދަކުރާ ދެ އެތުލީޓުންވަނީ މިދިޔަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޕެރަ އިވެންޓުގައި ވާދަކޮށް ލޯ މެޑަލް ހޯދާފައެވެ.

ދިވެހިރާއްޖެއިން ޕެރަލިމްޕިކް ގޭމްސްގައި އެންމެ ފުރަތަމަ ވާދަކުރި 2021ގައި ޖަޕާންގައި އޮތް އޮލިމްޕިކްސްގައެވެ. މި ގޭމްސްގައި ދިވެހިރާއްޖެ ތަމްސީލްކުރީ ފާތިމަތު އިބްރާހީމް (ފާތުން) އާއި މުޙައްމަދު މާޒިންއެވެ.

tel:+9607331319