
އެމްއެސް ކޯޑެލިއާ އެމްޕްރެސް---
1،628 ފަތުރުވެރިންނާއެކު ރާއްޖެއަށް ޒިޔާރަތްކުރި ކްރޫޒްލައިނަރަކަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފި

ޖިނާން ޙުސައިން ޖަބީން - 25 ނޮވެމްބަރު 2026 - 07:08
އިންޑިއާގެ ކޮޗިންއިން ފުރައިގެން ރާއްޖެއަށް ދަތުރުކުރި މަޝްހޫރު ކްރޫޒް ލައިނާ ”އެމްއެސް ކޯޑެލިއާ އެމްޕްރެސް“ އިން އައި 1،628 ފަތުރުވެރިންނާއި 588 ފަޅުވެރިންނަށް މޯލްޑިވްސް އިމިގްރޭޝަނުން ކްލިއަރެންސް ދީފިއެވެ.
މިދިޔަ އަންގާރަ ދުވަހު މާލޭގެ ބަނދަރަށް ކައިރިކުރި މި ކްރޫޒް ލައިނާއިން އައި ޖުމްލަ 2،216 މީހުންނަށް ކްލިއަރެންސް ދީފައިވަނީ، އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަންގެ އޮފިސަރުން ބޯޓަށް އަރައި ”އެން-ރޫޓް ކްލިއަރެންސް“ ގެ އުސޫލުންނެވެ. މިއީ ކަނޑުމަގުން ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވީހާވެސް އަވަސް އަދި ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން އިމިގްރޭޝަނުން ކުރިއަށްގެންދާ އިންތިޒާމެކެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ހާމަކުރި ގޮތުގައި، މިއީ މިއަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ރަސްމީކޮށް ފެށުނުފަހުން ރާއްޖޭގައި ބަނދަރުކުރި ފުރަތަމަ ކްރޫޒް ލައިނާއެވެ. އަދި މިއީ ވޭތުވެދިޔަ އެއް މަސްދުވަހުގެ ތެރޭގައި ”ކޯޑެލިއާ ކްރޫޒް ލައިނާ“ ރާއްޖެއަށް ޒިޔާރަތްކުރި ދެވަނަ ފަހަރުވެސް މެއެވެ.
މާޔާއިން ބުނީ، މި ފެށުނު ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ޖުމްލަ 35 ކްރޫޒް ލައިނާ ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރާއްޖެއަކީ ކްރޫޒް ލައިނާތަކުގެ މެދުގައި މަގްބޫލު މަންޒިލަކަށްވާއިރު، އަހަރުގެ މި ދުވަސްވަރަކީ މިފަދަ ކްރޫޒް ލައިނާތަކުން ރާއްޖެއަށް އަންނަ މިންވަރު އިތުރުވެގެންދާ ދުވަސްވަރެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ކްރޫޒް ލައިނަރުތަކުގައި 17،248 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 16،232 ފަތުރުވެރިންނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ފަދަ ކުރިއެރުމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ހުރާގައި ހިންގި ހާއްސަ ރެއިޑެއްގައި 43 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
5 ގަޑިއިރު ކުރިން

އަންނަ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް 35 ކްރޫޒްލައިނަރ އައުމަށް ޝެޑިއުލްކޮށްފި
3 ދުވަސް ކުރިން

އަހަރުގެ މިހާތަނަށް 4 ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރި
8 ދުވަސް ކުރިން

ޕާސްޕޯޓް ނިމިފައިވާނަމަ ލަސްނުކޮށް ހަވާލްވާން އިމިގްރޭޝަނުން އެދިއްޖެ
9 ދުވަސް ކުރިން


