
މީގެ ކުރިން ފަތުރުވެރިން ގޮވައިގެން ރާއްޖެއަށް ޒިޔާރަތްކުރި ކްރޫޒްލައިނާއެއް---
އަންނަ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް 35 ކްރޫޒްލައިނަރ އައުމަށް ޝެޑިއުލްކޮށްފި

ޖިނާން ޙުސައިން ޖަބީން - 22 ނޮވެމްބަރު 2026 - 12:44
ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަނާ ދިމާކޮށް، އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް 35 ކްރޫޒްލައިނަރެއް އައުމަށް ޝެޑިއުލްކޮށްފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޔޮޓު އެޖެންސީ (މާޔާ) އިން ހާމަކޮށްފިއެވެ.
މާޔާއިން މައުލޫމާތު ދިން ގޮތުގައި، މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ ޖޫން މަހާ ދެމެދު ގިނަ އަދަދެއްގެ ކްރޫޒްލައިނަރތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަނދަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޝެޑިއުލްކޮށްފައިވާ ގޮތަށް ބަލާއިރު:
- ނޮވެމްބަރު މަހު: 2 ކްރޫޒްލައިނަރ
- ޑިސެމްބަރު މަހު: 4 ކްރޫޒްލައިނަރ
- ފެބްރުއަރީ މަހު: 7 ކްރޫޒްލައިނަރ
- މާރިޗު މަހު: 7 ކްރޫޒްލައިނަރ
- އޭޕްރީލް މަހު: 7 ކްރޫޒްލައިނަރ
- މެއި މަހު: 6 ކްރޫޒްލައިނަރ
- ޖޫން މަހު: 2 ކްރޫޒްލައިނަރ
ރާއްޖެއަކީ އަބަދުވެސް ކްރޫޒްލައިނަރުތަކުގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބިފައިވާ ގައުމެކެވެ. ހާއްސަކޮށް ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ރާއްޖެއަށް ޒިޔާރަތްކުރާ މިފަދަ ބޮޑެތި ފެންވަރުގެ އުޅަނދުފަހަރުގެ އަދަދު ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެގެންދެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މަހު ރިޕޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ކްރޫޒްލައިނަރުތަކުގައި ރާއްޖެއަށް 17،248 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވުމެކެވެ. ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 16،232 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ޖުމްލަ 1.9 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަހަރުގެ މިހާތަނަށް 4 ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރި
5 ދުވަސް ކުރިން

އަހަރުގެ މިހާތަނަށް 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި
19 ދުވަސް ކުރިން

ޗައިނާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 328 ހާހަށްވުރެ މަތިވެއްޖެ
މަހެއް ކުރިން

1.7 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފި
މަހެއް ކުރިން


