logo

1.7 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފި

profile

މުޙައްމަދު ފަޟްލޫން - 19 އޮކްޓޯބަރު 2026 - 13:03

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1،710،361 (އެއް މިލިއަން ހަތް ލައްކަ ދިހަ ހާސް ތިންސަތޭކަ ފަސްދޮޅަސް އެކެއް) ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 1،766،119 (އެއް މިލިއަން ހަތް ލައްކަ ފަސްދޮޅަސް ހަ ހާސް އެއްސަތޭކަ ނަވާރަ) ފަތުރުވެރިންނާ އަޅާބަލާއިރު 3.2 އިންސައްތައިގެ ދަށްވުމެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ.

ޗައިނާ އިން ރާއްޖެއަށް 321،724 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 243،138 ފަތުރުވެރިންނާއެކު ދެވަނައިގައި އޮތީ ރަޝިޔާއެވެ.

ލިސްޓުގެ ތިންވަނައިގައި އިނގިރޭސިވިލާތް 127،769 ފަތުރުވެރިން ނާއި އެކު އޮތްއިރު، ހަތަރުވަނައިގައި އޮތް ޖަރުމަނުވިލާތުން 111،367 ފަތުރުވެރިން އަދި އިޓަލީވިލާތުން ރާއްޖެއަށް ވަނީ 102،480 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް ފަތުރުވެރިން އެތެރެވި ވައިގެ ބަނދަރުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރުކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) މެދުވެރިކޮށެވެ. ވީއައިއޭ މެދުވެރިކޮށް 1،675،260 ފަތުރުވެރިން ރާއްޖެ އެތެރެވިިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އެތެރެވި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް 5،992 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް މިއަހަރު ނިމުމުގެ ކުރިން 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

މިއަމާޒަށް ވާސިލްވުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއި މި ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތައް ގުޅިގެން ދަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319