
ހުޅުދުއްފާރު ސްކޫލްގެ ތަޢުލީމު ކޮލިޓީކަން ބުނެދެނީ އަތޮޅުގެ އެހެން ރަށްރަށުން ކުރާ އިތުބާރުން!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 05 އޮކްޓޯބަރު 2025 - 08:29
ރ. ހުޅުދުއްފާރުގައި ހުންނަ ހުޅުދުއްފާރު ސްކޫލަކީ 17 މެއި 1995ގައި އޭރުގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ. މުޙައްމަދު ލަޠީފް ބިންގާ އަޅުއްވައިދެއްވައި އޭރުގެ ސަރުކާރުން ބިނާކޮށްދެއްވައި އެތައް ދަރިވަރުންނެއް އެފުރާޅުގެ ދަށުން ތަޢުލީމް ޙާޞިލްކުރަމުންގެންދާ ސްކޫލެކެވެ. 1995ވަނަ އަހަރު ގްރޭޑް 1 އިން 7 އަށް ނުވަތަ ދަށު ޘާނަވީއަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ފެށި ސްކޫލެއް ނަމަވެސް މިހާރު މިސްކޫލަކީ ފައުންޑޭޝަން ސްޓޭޖް، ދަށު ޘާނަވީ، ޘާނަވީ އާއި މަތީ ޘާނަވީއަށް (ނުވަތަ ފައުންޑޭޝަން މަރުހަލާއިން ގްރޭޑް 12 އަށް)، ކިޔަވައިދޭ ސްކޫލެކެވެ. މި ސްކޫލުްގައި ދެސްޓްރީމަށް (ސައިންސާއި ކޮމާސް ސްޓްރީމަށް) ކިޔަވައިދެއެވެ.
ރަށުފެ ބޮޑުތަކުރުފާނުމަގުގައި ހުންނަ މިސްކޫލްގެ ތަޞައްވަރަކީ އުތުރު ޕްރޮވިންސްގައި ހުރި ވަށާޖެހޭ ތަޢުލީމް ފޯރުކޮށްދޭ ކުރިބޯށި އެންމެ އުސް، މަތީޘާނަވީ ސްކޫލަށް ހެދުމާއިއެކު މިސްކޫލުން ތަޢުލީމް ޙާޞިލްކޮށްގެން މުޖުތަމަޢަށް ނިކުންނަ ދަރިވަރުންނަކީ ޤައުމު ބިނާކުރުމުގައި އިސްދައުރެއް އަދާކުރުމާއިއެކު އަމިއްލަ ރަށަށާއި، އަމިއްލަ އާއިލާއަށް ފައިދާކުރަނިވި ދިވެހި ދަރިންތަކަކަށް ހެނދުމެވެ. އަދި މުހިންމަތަކީ ވަށާޖެހޭ ތަޢުލީމެއްގެ ތެރެއިން ދަރިވަރުންނަށް ފެންވަރުމަތީ ތަޢުލީމެއް ފޯރުކޮށްދިނުމާއިއެކު ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ ހަރުދަނާ ދިވެހި ޖީލެއް ތައްޔާރުކުރުމެވެ.
ހުޅުދުއްފާރު ސްކޫލް -- ފޮޓޯ: ޒިދާން މުހައްމަދު
ޖުމުލަ 371 އަށްވުރެ ގިނަ ދަރިވަރުންނަށް އުނގަންނައިދިނުމަށް 49 އަކަށްވުރެ ގިނަ ޓީޗަރުން މި ސްކޫލްގައި މަސައްކަތްކުރެއެވެ. އަދި އިދާރީ ހިންގުމުގައި ޖުމުލަ 20 އަށްވުރެ ގިނަ މުވައްޒަފުން މިސްކޫލްގައި ހަރަކާތްތެރިވެއެވެ. އެކު ޖުމުލަ 70އާ ގާތްކުރާ އަދަދަކަށް މި ސްކޫލްގައި މުވައްޒަފުން މަސައްކަތްކުރެއެވެ.
ޘާނަވީ އަދި މަތީ ޘާނަވީ އިމްތިހާންތަކުން މިސްކޫލްގެ ދަރިވަރުންވަނީ ރަށާއި އަތޮޅު ފަޚުވެރިވާ ފަދަ ރަންވަނަތަކެއް ހާސިލްކޮށްފައެވެ. އަދި ގައުމީ މަތީ އަރުތަވެރިންގެ ގޮތުގައި މިސްކޫލްގެ ދަރިވަރުން އަންނަނީ ވިދަމުންނެވެ. މިސްކޫލަކީ ރ. އަތޮޅުގައި، މަތީ ޘާނަވީ ތައުލީމު ފޯރުކޮށްދޭ ސްކޫލްތަކުން ފާހަގަކޮށްލެވޭ ސްކޫލެކެވެ. މިކަމުގެ ހެއްކަކީ ރ. އަތޮޅުގެ ރަށްރަށުން އައިސް ކޮންމެ އަހަރަކުވެސް ހުޅުދުއްފާރުގައި އެތައް ދަރިވަރުންނެއް ތައުލީމު ހާސިލުކުރުމެވެ. މިރަށު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މިހާރުވެސް މިރަށުން ބޭރުން އައިސް ސާޅީހަކަށް ދަރިވަރުން ހުޅުދުއްފާރު ސްކޫލްގައި ތަޢުލީމު ހާސިލުކުރަމުންދެއެވެ.
ހުޅުދުއްފާރު ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ފަޔާޟް "އަސްލު ޓީވީ"އަށް އިންޓަރވިއުދެއްވަނީ --
ހުޅުދުއްފާރު ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ފަޔާޟް "އަސްލު ޓީވީ"އަށް ވިދާޅުވީ، ހުޅުދުއްފާރު ސްކޫލް މިހާ ހިސާބަށް ގެނެވިފައިވަނީ ހުޅުދުއްފާރުގެ މުޅި މުޖުތަމަޢުގެ މިންނަތުން ކަމަށެވެ. ޙާއްސަ ގޮތެއްގައި ބެލެނިވެރިންގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން ސްކޫލަށް ވެފައިވާ ދީލަތި އެހީތަކާއި އެއްބާރުލުމަކީ މިއަދު މިފެންނަ ހުޅުދުއްފާރު ސްކޫލް މިހިސާބަށް ގެނައުމުގެ އަސްލު ކަމަށް ޕްރިންސިޕަލް ފަޔާޟް ފާހަގަކުރެއްވިއެވެ. ހުޅުދުއްފާރު ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ، ގްރޭޑް ހަތެއް އުފެއްދުމުގައްޔާއި ޘާނަވީ މަރުހަލާ ފެށުމަށް އަދި މަތީ ޘާނަވީ މަރުހަލާ ފެށުމަށް ބެލެނިވެރިންގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިިކަމެއް ލިބުނު ކަމަށެވެ.
ހުޅުދުއްފާރު ސްކޫލް -- ފޮޓޯ: ޒިދާން މުހައްމަދު
ހުޅުދުއްފާރު ސްކޫލަކީ ރ. އަތޮޅުގެ ނިސްބަތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން އެންމެ ފުރަތަމަ ޚިދުމަތްދޭން ފެށި މަދު ސްކޫލްތަކުގެ ތެރެއިން އެއް ސްކޫލެވެ. އެންމެ ފުރަތަމަ ޘާނަވީއަށް ކިޔަވައިދޭން ފެށި ރ. އަތޮޅުގެ މަދު ސްކޫލްތަކުގެ ތެރޭގައިވެސް މިސްކޫލް ހިމެނެއެވެ. ހަމަ އެފަދައިން މަތީ ޘާނަވީއަށް މިއަތޮޅުގައި އެންމެ ފުރަތަމަ ކިޔަވައިދޭން ފެށި މަދު ސްކޫލްތަކުގެ ތެރޭގައިވެސް މިސްކޫލް ހިމެނެއެވެ. އިހުގައި އުސޫލްތައް ހެދިފައި އޮންނަ ގޮތުން، މަތީ ޘާނަވީއަށް އުންގަންނައިދިނުން ދާއިމީ ކުރެވެނީ ވިދިވިދިގެން ތިން އަހަރު މެދުކެނޑުމެއް ނެތި ދަރިވަރުންގެ އަދަދާއި ފާސްވާ ނިސްބަތް ވަކި މިންވަރެއްގައި ހިފެހެއްޓިގެންނެވެ. މިގޮތުން، މަތީ ޘާނަވީއަށް އުންގަންނައިދިނުން ދާއިމީ ކުރެވުނު ރ. އަތޮޅުގެ ފުރަތަމަ ސްކޫލަކީވެސް ހުޅުދުއްފާރު ސްކޫލެވެ.
ޕްރިންސިޕަލް ފަޔާޟް ވިދާޅުވި ގޮތުގައި، ހުޅުދުއްފާރު ސްކޫލްގެ ކާމިޔާބީގެ ފޮރުވުމެއް ނެތް ސިއްރަކީ ދަރިވަރުންގެ ބުރަ މަސައްކަތާއި އެއްބާރުލުން ދެނެވި ބެލެނިވެރިންތަކަކާއި ހީވާގި ޓީޗަރުންގެ މިންނެތް މަސައްކަތެވެ. އަދި ރަށުން ބޭރުން ކުދިން މިސްކޫލް އިޚްތިޔާރުކުރަނީ ރ. އަތޮޅުގައި އިތުބާރު ހިފޭ ތަޢުލީމެއް މި ސްކޫލަށް ފޯރުކޮށްދެވޭތީ ކަމަށް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ. ހާއްސަ ގޮތެއްގައި، ފެށުނީއްސުރެ މެދުނުކެނޑި މަތީ ޘާނަވީ ފޯރުކޮށްދޭ ސްކޫލެއްގެ ގޮތުގައި ހުޅުދުއްފާރު ސްކޫލް ދެމި އޮތް ސަބަބަކީ އެއީ ކަމަށް ވިދާޅުވިއެވެ.
ހުޅުދުއްފާރު ސްކޫލް -- ފޮޓޯ: ޒިދާން މުހައްމަދު
ހުޅުދުއްފާރަކީ ސްކޫލްގެ ކަމެއްގައި ނަމަ ނޫނެކޭ ނުބުނާނެ ރައްޔިތަކު ދިރިއުޅޭ ނަމޫނާ ރަށެކެވެ. ހުޅުދުއްފާރުގެ މުޖުތަމަޢުއިން ސްކޫލަށް ދޭ އަހައްމިއްޔަތަކީ ސްކޫލްގެ ކުރިއެރުމުގެ ކުރިބޯށިކަން އުފަލާއެކު ހުޅުދުއްފާރު ސްކޫލްގެ ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ. ހުޅުދުއްފާރަކީ ވަރަށް އެކުވެރި ގުޅިގެން އުޅޭ ބަޔަކު ދިރިއުޅޭ މާހައުލަކަށްވެފައި ރަށުން ބޭރުން އަންނަ ދަރިވަރުންނަށްވެސް މިރަށަކީ ހިތްހަމަޖެހޭ މާހައުލަކަށް ވެގެންދާކަމުގެ އުފާ ލިބޭ ކަމަށް ޕްރިންސިޕަލް ފަޔާޟް ވިދާޅުވިއެވެ.
ހުޅުދުއްފާރަކީ ސްކޫލުން އޯލެވެލް އަދި އޭލެވެލް މަރުހަލާ ފުރިހަމަކޮށް އިމްތިޙާންތަކުގައި ބައިވެރިވެ 80 ޕަސެންޓަށްވުރެ މަތިން ފާސްވާ ނިސްބަތް މައްޗެވެ. އަދި މިސްކޫލްގެ ދަރިވަރުން އަންނަނީ ގައުމީ މަތީ އަރުތަވެރިންގެ ލިސްޓުން ޖާގަ ހޯދަމުންނެވެ. ހުޅުދުއްފާރު ސްކޫލުން އަންނަނީ މިކަން ދަމަހައްޓައި މުޅި އަތޮޅުގެ އިތުރުބާރު ހޯދައި ގެއްލުނަ ނުދީ ހިފަހައްޓަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން