logo

ދީނީ ނަޒަރަކުން ޤައުމު ތަރައްޤީވުމަށް ހުރި ހުރަސްތައް

profile

މުހައްމަދު މުޝްރިފް - 04 ނޮވެމްބަރު 2025 - 17:49

އެންމެހާ ޙަމްދެއް ހައްޤުވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. ޞަލަވާތާއި ސަލާމް އެކަލާނގެ ރަސޫލާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި، ޞަޙާބީންނަށް ހުއްޓެވެ.

https://wamco.com.mv/

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ތަރައްޤީއާއި ކުރިއެރުމުގެ ބިންގަލަކަށް ވާންޖެހޭނީ އިސްލާމްދީނުގެ މަތިވެރި އަސާސްތަކެވެ. ޤައުމެއްގެ ތަރައްޤީއަށް ހުރަސްއަޅާ އެންމެ ބޮޑު ހުރަހަކީ، ދީނާ ދުރުވުމާއި، އިސްލާމީ އަޚްލާޤާއި އުޞޫލުތަކާ ޚިލާފުވުމެވެ.

އެގޮތުން ޢަޤީދާ ރަނގަޅު ހަރުދަނާ ބަޔަކު ބިނާ ކުރެވިފައި ނެތުމަކީ ޤައުމު ތަރައްގީ ވުމަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ. ޤައުމެއްގެ ބިންގަލަކީ އެ ޤައުމެއްގެ ރައްޔިތުންނެވެ. އެ ރައްޔިތުންގެ ބިންގަލަކީ އެމީހުންގެ ސައްޙަ ޢަޤީދާ އެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.

"ހަމަކަށަވަރުން، ބަޔަކުމީހުންގެ ޙާލަތް އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، ﷲ، އެ ޙާލަތް ބަދަލެއް ނުކުރައްވާނެތެވެ." (13:11)

ޢަޤީދާ ސައްޙަވެ، ތަޤްވާވެރިކަން އިސްކުރެވޭ ބަޔަކު ނެތުމަކީ، މުޖުތަމަޢުގައި ފަސާދަ އާންމުވެ، ބަޔާންކުރެވޭ އެހެނިހެން ހުރަސްތަކަށް މަގުފަހިވާ ކަމެކެވެ. އިސްލާމްދީނުގެ ހަމަތަކަށް ރައްޔިތުން އަހުލުވެރިކުރުވައި، އެއަށް ލޯބިޖެއްސުމަކީ ވާޖިބެކެވެ.

އެއްބައިވަންތަކަމާއި އެކުވެރިކަމަކީ އިސްލާމްދީނުގެ އެންމެ މުހިންމު އެއް އަސާސެވެ. ﷲ ވަޙީކުރެއްވިއެވެ.

"ތިޔަބައިމީހުން އެންމެން އެކުގައި ﷲގެ ވާފަށުގައި (އެބަހީ: ދީނުގައި) ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ!" (3:103)

ސިޔާސީ، އިޖްތިމާޢީ، ނުވަތަ ދީނީ ގޮތުން ބައިބައިވުން އާންމުވުމަކީ ޤައުމީ މަޞްލަޙަތު ގެއްލި، ތަރައްޤީގެ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމެކެވެ. ބައިބައިވުމުގެ ނަތީޖާއަކީ ދެކޮޅުވެރިކަމާއި، ޙަސަދަވެރިކަމުގެ ސަބަބުން ޤައުމުގެ ކުރިއެރުން ހުއްޓި ފަހަތަށް ދިޔުމެވެ.

ތަޢުލީމީ ނިޒާމުގެ މައިގަނޑު މަޤްޞަދަކަށް ވާންޖެހޭނީ ދިވެހި މުސްލިމް ޖީލެއް ބިނާކުރުމެވެ. އިސްލާމީ ތަރުބިއްޔަތާއި ދިވެހިވަންތަކަން އުނގަންނައިދިނުމަކީ އެންމެ އިސްކަންދޭންޖެހޭ ކަންކަމެވެ. ޣައިރު މުސްލިމުންގެ ނިޒާމުތަކަށް އެކުގައި ބަރޯސާވުމުގެ ސަބަބުން، އިސްލާމީ ރޫޙާއި އަޚްލާޤު ދަރިވަރުންގެ ހިތްތަކުން ފިލައިގެންދެއެވެ. މިއީ ގައުމުގެ ތަރައްގީއަށް އެޅިގެންދާ ހިޔަންޏެކެވެ. އެހެންކަމުން، އިސްލާމީ އުޞޫލުތަކާއި ދިވެހި ޘަޤާފަތަށް އަހައްމިއްޔަތުކަންދީ، ޤައުމީ މަންހަޖު ބިނާކުރަންޖެހެއެވެ.

އިންސާފާއި ޢަދުލުވެރިކަން ޤާއިމުކުރުމަކީ އިސްލާމްދީނުގައި އެންމެ ބޮޑަށް ބާރުއަޅުއްވާފައިވާ އެއްކަމެވެ. ބާރުތައް އެއްތަނަކަށް ޖަމާވުމުގެ ސަބަބުން ގައުމުގެ ތަރައްގީއަށް ހުރަސް އެޅެއެވެ. އިންސާފު ގެއްލި، ޚިޔާނާތާއި ކޮރަޕްޝަން އާންމުވެ، ވެރިންނަށް ފާރަވެރިވުމުގެ ފުރުޞަތު ކުޑަވެގެން ދެއެވެ. އިސްލާމްދީނުގައި ވެރިކަމުގެ ބާރުތައް ބެހިފައިވާއިރު، ވެރިން ވާންޖެހޭނީ ރައްޔިތުންނަށް ޖަވާބުދާރީވާ ބަޔަކަށެވެ.

އަމިއްލަވަންތަކަން (ޤައުމިއްޔަތު) ދޫކޮށްލުމަކީ، ބޭރުގެ ނުފޫޒުތަކަށް ހުޅުވި، ދީނީ އަދި ޘަޤާފީ ހަމަތައް ގެއްލިގެންދާ ކަމެކެވެ. ނަތީޖާ އަކީ ގައުމުގެ ތަރައްގީއަށް ހުރަސް އެޅުމެވެ. ދިވެހި ޤައުމިއްޔަތަކީ އިސްލާމްދީނާ ގުޅިފައިވާ އެއްޗެއްކަމުން، އެއަށް އަހައްމިއްޔަތުކަން ދިނުމަކީ ޤައުމުގެ އިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި ލާޒިމުކަމެކެވެ.

ރަލާއި ރިބާ ވަނީ ﷲ ޙަރާމް ކުރައްވާފައެވެ. މިފަދަ ކަންކަމުގެ މައްޗަށް ޤައުމެއްގެ އިޤްތިޞާދު ބިނާކުރުމަކީ، ﷲގެ ބަރަކާތް އެ އިޤްތިޞާދަކުން ނެތިގެންދާނެ ކަމެކެވެ. ރިބާގެ މުޢާމަލާތްތައް އާންމުވުމުގެ ސަބަބުން އިޖްތިމާޢީ އިންސާފު ގެއްލި، އިންސާނުންގެ ދިރިއުޅުމުގެ ފެންވަރު ދަށަށް ގޮސް، ދަރަނިވެރިކަން އިތުރުވެގެންދެއެވެ. ރިޒުޤުގައި ބަރަކާތްލެއްވުން ވަނީ ޙަލާލު ގޮތުގައި މުޢާމަލާތު ކޮށްގެންނެވެ.

ހަމައެކަނި މާއްދީ ތަޢުލީމު ދިނުމަކީ ޤައުމަށް ބޭނުންވާ ހުނަރުވެރި، އަޚްލާޤީ ޖީލެއް ބިނާކުރުމަށް ފުދޭވަރެއް ނޫނެވެ. ދީނީ އަޚްލާޤާއި ރިވެތި ސުލޫކުން ތަރުބިއްޔަތު ދިނުމަކީ ތަޢުލީމުގެ އެންމެ މުހިންމު މަޤްޞަދު ކަމުގައި ވާންޖެހެއެވެ. މިބައި ނެތުމުގެ ސަބަބުން، ތަޢުލީމީ ފެންވަރު ރަނގަޅުވިޔަސް، އިޖްތިމާޢީ މައްސަލަތަކާއި، ޖިނާއީ ކުށްތައް އާންމުވެ، ޤައުމަށް ބޮޑެތި ގެއްލުންތައް ލިބިގެންދެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

"ހަމަކަށަވަރުން، ތިމަންކަލޭގެފާނު ފޮނުއްވުނީ، ރިވެތި އަޚްލާޤު ފުރިހަމަ ކުރެއްވުމަށްޓަކައެވެ."

ދިވެހިރާއްޖެ ތަރައްޤީވެ ކުރިއަރައިގެން ދިއުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ހަމަތަކަށް އެނބުރި ރުޖޫޢަވާން ޖެހެއެވެ. ޢަޤީދާ ސައްޙަވެ، ބައިބައިވުން ދޫކޮށްލައި، އިސްލާމީ ތަރުބިއްޔަތަށް އިސްކަންދީ، ކޮރަޕްޝަނާއި ރިބާގެ މުޢާމަލާތްތައް ނައްތާލުމަކީ އަޅުގަނޑުމެންގެ ޤައުމީ ވާޖިބެވެ. ﷲ އަށް ތަޤްވާވެރިވެގެން މެނުވީ، ދެދުނިޔޭގެ ކާމިޔާބީއެއް ނުލިބޭނެއެވެ.

މާތް ﷲ އަޅުގަނޑުމެން އެންމެންނަށް، އިސްލާމީ އަޚްލާޤާއި އުޞޫލުތަކުގެ މަތީގައި ގައއުމިއްޔަތު ބިނާކުރުމުގެ ހެޔޮ ތައުފީގު މިންވަރު ކުރއްވާށިއެވެ! އާމީން.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay