logo

"ދަނޑުވެރި ނަފާ" ލޯނު އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަލުން ތަޢާރަފްކޮށްފި

profile

އާމިނަތު ޝަޒްލާ - 22 ޖޫން 2026 - 11:33

ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ދަނޑުވެރިންނަށް ލުއިފަސޭހަގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހިންގާ "ދަނޑުވެރި ނަފާ" ލޯނު ޕްރޮގްރާމް، އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އަލުން އެކުލަވާލައި އިފްތިތާޙްކޮށްފިއެވެ.

https://wamco.com.mv/

މިއީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގުޅިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

"ދަނޑުވެރި ނަފާ" ޕްރޮގްރާމަށް މި ބަދަލު ގެނެސްފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްލާމީ ފައިނޭންސިންގގެ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، އެސް.ޑީ.އެފް.ސީ އަކީ ފުރިހަމަ އިސްލާމީ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.

ރާއްޖޭގެ ހީވާގި ދަނޑުވެރިންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ މި ސްކީމުގެ ދަށުން، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ރަހުނަކާ ނުލައި 500,000 ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރާނެއެވެ. އަދި ރަހުނަކާއެކު 1,000,000 ރުފިޔާއާ ހަމައަށް ފައިނޭންސް ލިބޭނެއެވެ. މި ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، މީގެ ތެރޭގައި 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ. މިއީ އަހަރަކު %6 ގެ ރޭޓުގައި ދޫކުރެވޭ، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގައި މިވަގުތު އޮތް އެންމެ ހެޔޮ އަގުގެ ފައިނޭންސިންގއެވެ.

މި ސްކީމް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރިއެރުވުމަށެވެ. މީގެ ތެރޭގައި އާރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ، ވަރޓިކަލް ގާޑްނިންގ، ޕޯލްޓްރީ، ވެލިއު އެޑިޝަން، އަދި އެގްރޮފޮރަސްޓްރީ ފަދަ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، ޖަނަވާރުގެ ދުޅަހެޔޮކަމާ ގުޅުންހުރި ވެޓެރިނަރީ ސަރވިސް އާއި ޕެޓް ސަޕްލައި ފަދަ ޚިދުމަތްތަކަށްވެސް މި ފައިނޭންސިންގގެ އެހީތެރިކަން ލިބިގެންދާނެއެވެ.

އެސް.ޑީ.އެފް.ސީގެ މެނޭޖިންގ ޑިރެކްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ޕްރޮގްރާމް އިސްލާމީ އުސޫލުތަކަށް ބަދަލުކުރުމަކީ ކުދި ވިޔަފާރިތަކަށް ޝަރީޢާ ހަމަތަކުގެ މަތިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް އިތުރު ހިތްވަރެއް ލިބި، ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވެ، ޤައުމުގެ އިޤްތިޞާދަށް އެ ދާއިރާއިން ކުރާ މަންފާ އިތުރުވެގެންދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk