logo

މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފި

profile

އާމިނަތު ޝަޒްލާ - 16 ޖުލައި 2026 - 14:20

މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުން އިތުރަށް ހަރުދަނާކޮށް، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކިއު މެނޭޖްކުރުމުގެ އުސޫލަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް ނިންމައިފިއެވެ.

https://wamco.com.mv/

މި ބަދަލުތަކަކީ އުޅަނދުފަހަރުތަކަށް ވީހާވެސް ފަސޭހަ އަދި އަވަސް ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ގެނެވޭ ބަދަލުތަކެކެވެ.

ގެނެވުނު މުހިންމު އިސްލާހުތަކުގެ ތެރޭގައި، މީގެ ކުރިން އަމަލުކުރަމުން އައި ފަސް ދުވަހުގެ މުއްދަތުގެ "ހޯލްޑް" އުވާލުން ހިމެނެއެވެ. މީގެ ކުރިން "އޭ" ޒޯން އަދި "ސީ" ޒޯންގެ ކިއުއަށް ނޯޓުކޮށްފައިވާ އުޅަނދުފަހަރު ފަސް ދުވަހުގެ މުއްދަތަށް ކިއު އިން ކެންސަލް ނުވާގޮތަށް "ހޯލްޑް" ކުރުމަށް އޮތް ފުރުސަތު މިހާރު ވަނީ މުޅިން އުވާލެވިފައެވެ. ނަމަވެސް، "ޕޯސްޓްޕޯން" ކުރުމުގެ ފުރުސަތު، ކުރިންވެސް އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް މާލޭ ނޯތު ހާބަރުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، އެއް އުޅަނދަކަށް އެއްފަހަރާ އެއް ކިއުއަށް ވުރެ ގިނަ ކިއުތަކުގައި ނޯޓުކުރުމަށް އޮންނަ ފުރުސަތު ވެސް މިހާރު ވަނީ އުވާލާފައެވެ. އެގޮތުން، އުޅަނދެއް "އޭ" ޒޯން، އެކްސްޕްރެސް ޒޯން ނުވަތަ "ސީ" ޒޯން ކިއުގައި ނޯޓުކުރަން އެދޭނަމަ، ނޯޓު ކުރެވޭނީ އެ އުޅަނދަކުން އިޚްތިޔާރުކުރާ ކޮންމެވެސް އެއް ކިއުއެއްގައެވެ. އެއް ދަތުރެއްގެ ތެރޭގައި އެއްފަހަރާ ގިނަ ކިއުތަކެއްގައި ނޯޓުކުރުމުގެ ފުރުސަތެއް މީގެ ފަހުން ނޯންނާނެއެވެ. މި އުސޫލުގެ ބޭނުމަށްޓަކައި "އެއް ދަތުރު" ކަމަށް ބަލާނީ، ނޯތު ހާބަރުގެ ކިއުތަކުން ޖާގަ ދެވި، ކީވޯލަށް އުޅަނދު ކައިރިކޮށް މުދާ އަރުވައި ނިމި، ކީވޯލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު ފުރުމުންނެވެ.

މި އިސްލާހުތަކަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ރޭ 23:59 އިން ފެށިގެންނެވެ.

މި ބަދަލުތަކަކީ މާލޭ ނޯތު ހާބަރުގެ ޚިދުމަތް ހޯދާ އޮޑިވެރިންގެ ހިޔާލާއި ކަންބޮޑުވުންތަކަށް ރިޔާޢަތްކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގެނެވުނު ބަދަލުތަކެކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް، އޮޑިވެރިންގެ ހިޔާލަށް ބިނާކޮށް ޚިދުމަތްތައް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ފަރާތުން ހާމަކުރެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk