
އޭއައި ބޭނުންކޮށްގެން ވިޔަފާރިތައް ތަރައްޤީ ކުރުމާ ގުޅޭ ޚާއްޞަ ތަމްރީނެއް!

އާމިނަތު ޝަޒްލާ - 18 ޖުލައި 2026 - 13:43
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން (އާޓިފިޝަލް އިންޓެލިޖެންސް) އޭއައި ބޭނުންކޮށްގެން ވިޔަފާރިތައް ތަރައްޤީ ކުރުމާ ގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް މޯލްޑިވްސް ބިޒްނަސް ޗޭމްބަރއިން ކުރިއަށް ގެންގޮސްފިއެވެ.
މިއީ މޯލްޑިވްސް ބިޒްނަސް ޗޭމްބަރއިން ވިޔަފާރިތައް އިތުރަށް ތަރައްޤީ ކުރުމަށް ފެށި ސިލްސިލާ ޕްރޮގްރާމުގެ ތެރެއިން އެ ޖަމިއްޔާއިން ބޭއްވި ފުރަތަމަ ސެޝަނެވެ.
މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި މޯލްޑިވްސް ބިޒްނަސް ޗޭމްބަރގެ ރައީސް އަޙްމަދު އަމްޖަދު ވިދާޅުވީ، މި ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި، އެގޮތުން މާލެ އާއި އަތޮޅުތަކުގެ އެކި ކުންފުނިތަކުން ޖުމްލަ 30 އާއި، 40 އާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެއްވީ، އައިޓީ އަދި އޭއައި ދާއިރާގެ ތަޖުރިބާކާރު އިންސްޓްރަކްޓަރެކެވެ.
އޭއައި ބޭނުންކުރުމުގެ މައިގަނޑު މަޤުސަދަކީ މަދު މުވައްޒަފުން ބޭނުންކޮށްގެން، ހަލުވިކަމާއެކު ވިޔަފާރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށާއި، އޭއައި މެދުވެރިކޮށް ވިޔަފާރީގެ އިދާރީ ހިންގުމާއި، އެހެނިހެން މަސައްކަތްތައް ފަސޭހަ އަދި އަވަސް ގޮތެއްގައި ކުރިއަށްގެންދާނެ އުކުޅުތައް ދަސްވި ކަމަށް ބައިވެރިން ބުނެފައިވާ ކަމަށް ވެސް އަމްޖަދު ވަނީ ވިދާޅުވެފައެވެ.
މޯލްޑިވްސް ބިޒްނަސް ޗޭމްބަރަކީ، ވިޔަފާރި ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅުން އިސްނަގައިގެން، އިންޑަސްޓްރީ ކުރިއެރުވުމަށް މިދިޔަ ޑިސެމްބަރު މަހު ރަޖިސްޓްރީ ކުރި ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ މެންބަރުންގެ ގޮތުގައި މިހާތަނަށް ގާތްގަނޑަކަށް 100 އެއްހާ ކުންފުނިން ވަނީ ރަޖިސްޓްރީކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަލަށް ފަށާ މަޝްރޫޢާއެކު ސޯޝަލް ހައުސިން ކިއު ކުޑަވާނެ: ވަޒީރު މުއްޠަލިބު
10 ގަޑިއިރު ކުރިން

ސިހުރު ހެދިކަމުގެ ތުހުމަތުގައި ށ. ފޭދޫ މީހަކު ހައްޔަރުކޮށްފި
10 ގަޑިއިރު ކުރިން

ތިން މަސް ތެރޭ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން އަންގައިފި
10 ގަޑިއިރު ކުރިން

ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި ބިދޭސީއަކު މަރާލި މައްސަލާގައި ޝެފް އާބިދުގެ މައްޗަށް ކުށް ސާބިތުވެއްޖެ
10 ގަޑިއިރު ކުރިން


.gif&w=3840&q=75)