logo
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު

އަލަށް ފަށާ މަޝްރޫޢާއެކު ސޯޝަލް ހައުސިން ކިއު ކުޑަވާނެ: ވަޒީރު މުއްޠަލިބު

profile

އާމިނަތު ޝަޒްލާ - 18 ޖުލައި 2026 - 12:19

ރާއްޖޭގެ ބޯހިޔާވަހިކަމުގެ ބާޒާރުގައި އަތްފޯރާފަށުގައި ގެދޮރު ލިބެން ނެތުމުގެ ސަބަބުން ސޯޝަލް ހައުސިންއަށް އޮތް ޑިމާންޑާއި ކިއު ބޮޑުވެފައިވީ ނަމަވެސް، އަލަށް ފަށާ މަޝްރޫޢުތަކާއެކު އެ ކިއު ކުޑަވެގެންދާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުގެ "އެފޯޑަބަލް ހޯމް އޯނަރޝިޕް" ސްކީމްގެ ދަށުން ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ދިވެހި ފަސް ކުންފުންޏަކާ ހަވާލުކުރުމާ ގުޅިގެން، އެމަނިކުފާނުގެ އަމިއްލަ ލިންކްޑިންގ އެކައުންޓުގައި ޝާއިޢު ކުރެއްވި ލިޔުމެއްގައެވެ.

މި މަޝްރޫޢާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، ދިވެހި 5 ކުންފުންޏަކާ ހަވާލުކޮށްފައިވާ މި 1،000 ހައުސިން ޔުނިޓް ޚާއްސަ ކުރާނީ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ކަމަށެވެ. މީގެ މައިގަނޑު ބޭނުމަކީ މި ތަންތަން އިންވެސްޓްމަންޓް އެސެޓެއްގެ ގޮތުގައި ބޭނުންކުރުން ހުއްޓުވުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަމިއްލައަށް ލޯނު ނަގައިގެން ގެދޮރު ގަނެވޭނެ ފެންވަރު ހުރި އާއިލާތަކުން ވެސް، މާކެޓުގައި އަގުހެޔޮ ބޯހިޔާވަހިކަން ނެތުމުގެ ސަބަބުން ސޯޝަލް ހައުސިން ކިއޫގައި މަޑުކުރަން ޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢު ދިވެހި ކުންފުނިތަކާ ހަވާލުކުރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ކުންފުނިތަކުގެ ޤާބިލުކަން އިތުރުކޮށް، ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ ތަޖުރިބާ ހޯދައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، ރާއްޖޭގައި ބޯހިޔާވަހިކަމަށް އޮތް ޑިމާންޑް ބޮޑުކަމުން، ކުރިއަށް އޮތްތަނުގައި ބޭރުގެ ކުންފުނިތަކުގެ ބައިވެރިވުން ވެސް ބޭނުންވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ސަރުކާރުގެ އެހީތެރިކަމާއެކު އަމިއްލަ ކުންފުނިތަކުން މަސައްކަތް ނިންމުމަށްފަހު އާއިލާތަކަށް އަމިއްލަ މިލްކުވެރިކަން ހޯދައިދިނުމަށް އެކުލަވާލާފައިވާ އައު ނިޒާމެއްގެ ފެށުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފައިވަނީ 2 އަހަރާއި ބައިގެ ތެރޭގައި ނިންމާ ގޮތަށެވެ. ކޮންމެ ކުންފުންޏަކަށް 200 ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 2 ކޮޓަރީގެ 60 ޔުނިޓާއި 3 ކޮޓަރީގެ 140 ޔުނިޓެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ފްލެޓްތަކުގެ އަގުތަކަށް ބަލާއިރު، 2 ކޮޓަރީގެ ފްލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ. އަދި 3 ކޮޓަރީގެ ފްލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާއެވެ. މި ފްލެޓްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ހަމަވާ ފަރާތްތަކަށެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، 2 ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ބޮޑުމިނުގައި 700 އަކަފޫޓު ހުންނާނެއެވެ. އަދި 3 ކޮޓަރީގެ އެޕާޓްމަންޓުތަކުގައި 950 އަކަފޫޓު ހުންނާނެއެވެ. މީގެ އިތުރުން، މި އިމާރާތްތަކުގެ ފިނިޝިންއާއި އިމާރާތުގެ ކުރިމަތީގައި އޮންނަ ޖާގަ ފަދަ ކަންކަން ކުރީގެ މަޝްރޫޢުތަކާ އަޅާބަލާއިރު ފެންވަރު ރަނގަޅުވެފައި ތަފާތުވާނެ ކަމަށް އެ ވުޒާރާއިން ޔަގީންކަން ދެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk