
ތިން މަސް ތެރޭ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން އަންގައިފި

އާމިނަތު ޝަޒްލާ - 18 ޖުލައި 2026 - 12:18
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.
ޕީސީބީން މިދިޔަ އާދިއްތަ ދުވަހު ނެރުނު ސާކިއުލާގައިވާ ގޮތުން، މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ނިޔަލަށް ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކޮށް، އެ ކުންފުންޏަކާ އެކަށީގެންވާ މިންވަރަކަށް މުވައްޒަފުންގެ އަދަދު ކަނޑައަޅަން ޖެހެއެވެ. މިއީ މިއަހަރުގެ އޭޕްރީލް މަހު ޕީސީބީން ނެރުނު ސާކިއުލާއަށް އަމަލުކުރުމަށް ކަނޑައެޅި ސުންގަޑިއެކެވެ.
ސަރުކާރު ކުންފުނިތަކުގެ ނިޒާމާއި މެނޭޖްމަންޓް ހަރުދަނާކުރުމަށްޓަކައި މުވައްޒަފުން މަދުކުރުމަށް، އޭރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ މިދިޔަ އޭޕްރީލް 17 ގައި ޕީސީބީއަށް އަންގަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު، ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރައްވާނެކަން އިޢުލާން ކުރައްވާފައެވެ.
މި އެންގުމާ ގުޅިގެން ބައެއް ކުންފުނިތަކުން މިހާރު ވެސް ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފެނަކަ ކޯޕަރޭޝަނުން ވަނީ އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ޕީސީބީން ބުނި ގޮތުގައި، ކުންފުނިތަކުން މުވައްޒަފުން މަދުކުރަމުންދާ ގޮތް އެ ބޯޑުން ވަރަށް ގާތުން މޮނިޓަރ ކުރާނެއެވެ. މިގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދަށް އަންނަ ބަދަލުތައް ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު ޕީސީބީއަށް ރިޕޯޓު ކުރުމަށް ވެސް ވަނީ އަންގާފައެވެ.
މި ނިންމުމަކީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ކުންފުންޏާ އެކަށީގެންވާ މިންވަރެއްގައި ބަހައްޓައި، ހިންގުމުގެ ޚަރަދު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ޕީސީބީން ފާހަގަކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

އޭއައި ބޭނުންކޮށްގެން ވިޔަފާރިތައް ތަރައްޤީ ކުރުމާ ގުޅޭ ޚާއްޞަ ތަމްރީނެއް!
9 ގަޑިއިރު ކުރިން

އަލަށް ފަށާ މަޝްރޫޢާއެކު ސޯޝަލް ހައުސިން ކިއު ކުޑަވާނެ: ވަޒީރު މުއްޠަލިބު
10 ގަޑިއިރު ކުރިން

ސިހުރު ހެދިކަމުގެ ތުހުމަތުގައި ށ. ފޭދޫ މީހަކު ހައްޔަރުކޮށްފި
10 ގަޑިއިރު ކުރިން

ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި ބިދޭސީއަކު މަރާލި މައްސަލާގައި ޝެފް އާބިދުގެ މައްޗަށް ކުށް ސާބިތުވެއްޖެ
10 ގަޑިއިރު ކުރިން


.gif&w=3840&q=75)