
ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި ބިދޭސީއަކު މަރާލި މައްސަލާގައި ޝެފް އާބިދުގެ މައްޗަށް ކުށް ސާބިތުވެއްޖެ

އާމިނަތު ޝަޒްލާ - 18 ޖުލައި 2026 - 12:16
ހުޅުމާލޭގައި ހިންގާ "ހާންޖީ" ރެސްޓޯރެންޓްގެ ތެރޭގައި ހިނގި މާރާމާރީއެއްގައި ބަންގްލަދޭޝްގެ މީހަކު މަރާލި މައްސަލާގައި، އެތަނުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރި ޕާކިސްތާނުގެ މުހައްމަދު އާބިދުގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހާންޖީ ރެސްޓޯރެންޓްގެ ތެރޭގައި މަސައްކަތް ކުރަމުން ދިޔަ ދެ މީހުންގެ ދެމެދުގައި އުފެދުނު ދެބަސްވުމަކަށް ފަހުގައެވެ. ދައުލަތުން އާބިދުގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވަނީ، އޭނާ ބަންގްލަދޭޝް މީހާއަށް ވަޅިން ހަމަލާދީ މަރާލާފައިވަނީ އެ މީހާގެ ބޮލަށާއި މެޔަށް އަމާޒުކޮށްގެން ކަމަށެވެ.
މި މައްސަލައިގެ ޝަރީއަތުގައި އާބިދު ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އޭނާ ބުނެފައިވަނީ އެ ހަމަލާދެވުނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށާއި، ބަންގްލަދޭޝް މީހާ އޭނާގެ ބޮލުގައި ޖެހުމުން ބޯ ބުރާންތިވެފައި ހުރުމުގެ ސަބަބުން އޭރު ބޭނުންކުރެވުނީ ވަޅިއެއްކަން ވެސް ނޭނގޭ ކަމަށެވެ. ނަމަވެސް، މި މައްސަލައިގެ ދިފާއުގައި އާބިދުގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.
މިދިޔަ ބުދަ ދުވަހު އޮތް އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އަހުމަދު ޝާފިއު ވިދާޅުވީ، އާބިދު އެ އަމަލު ހިންގާފައިވަނީ ގަސްދެއް ނެތި ކަމަށް ބުންޏަސް، ވަޅިއެއް ފަދަ ނުރައްކާތެރި ހަތިޔާރަކުން މީހެއްގެ ހަށިގަނޑުގެ ނާޒުކު ގުނަވަންތަކަށް ހަމަލާދިނުމަކީ ފުރާނަ ގޮސްދާނެ ކަމެއްކަން ތަސައްވުރު ކުރެވޭނެ ކަމެއް ކަމަށެވެ. އަދި އޭނާ ހަމަލާދިނީ ރުޅިވެރިކަމާއެކުކަން މަންޒަރު ދުށް ހެކިންގެ ބަހުން އެނގޭ ކަމަށާއި، އަމިއްލަ ދިފާއުގައި ކުރި ކަމެއް ކަމަށް ބުނާ ވާހަކައަކީ އޭނާ އަމިއްލައަށް އުފަންކުރުވި ވާހަކަތަކެއް ކަމަށް ބުރަވެވޭ ކަމަށް ގާޒީ ކަނޑައެޅުއްވިއެވެ.
މި މައްސަލައިގައި ދެން އޮންނާނީ މަރުވި ބަންގްލަދޭޝް މީހާގެ ވާރިސުންގެ ބަސް ހޯދުމެވެ. ވާރިސުން "މަރަށް މަރު" ހިފަން ބޭނުންވާ ނަމަ އާބިދުގެ މައްޗަށް މަރުގެ އަދަބު އިއްވާނެއެވެ. އެހެން ނޫން ނަމަ އަންނާނީ ޖަލު ހުކުމަކާއި މަރުގެ ދިޔައިގެ އަދަބެކެވެ.
މީގެ އިތުރުން، 2019 ވަނަ އަހަރު ށ. ޅައިމަގު ބޯޓެއްގެ ތެރޭގައި ބަންގްލަދޭޝްގެ ލުތުފަރު މަރާލި މައްސަލައިގައި ވެސް ދާދި ފަހުން ވަނީ ބަންގްލަދޭޝްގެ ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެފައެވެ. އެ މައްސަލައިގައި ވެސް މިހާރު ކުރިއަށްދަނީ ވާރިސުންގެ ބަސް ހޯދުމުގެ މަރުހަލާއެވެ.
ގުޅުން ހުރި ޙަބަރުތައް

އޭއައި ބޭނުންކޮށްގެން ވިޔަފާރިތައް ތަރައްޤީ ކުރުމާ ގުޅޭ ޚާއްޞަ ތަމްރީނެއް!
13 ގަޑިއިރު ކުރިން

އަލަށް ފަށާ މަޝްރޫޢާއެކު ސޯޝަލް ހައުސިން ކިއު ކުޑަވާނެ: ވަޒީރު މުއްޠަލިބު
14 ގަޑިއިރު ކުރިން

ސިހުރު ހެދިކަމުގެ ތުހުމަތުގައި ށ. ފޭދޫ މީހަކު ހައްޔަރުކޮށްފި
14 ގަޑިއިރު ކުރިން

ތިން މަސް ތެރޭ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން އަންގައިފި
14 ގަޑިއިރު ކުރިން


.gif&w=3840&q=75)