logo

އަމާޒަކީ ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުން: ޑރ. ޝާހު

profile

މުޙައްމަދު ފަޟްލޫން - 14 ޖުލައި 2026 - 08:31

ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ގެ އެންމެ އިސް އަމާޒަކީ އެއްވެސް ދަތިކަމެއް ނެތި ރައްޔިތުންނަށް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖެއަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ތަނަވަސްކޮށް، އެ ތަކެތި ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

ބޭސް ލިބުމުގައި ހުރި ދަތިތަކަކީ ޒަމާނުއްސުރެ ހައްލެއް ނުލިބި އޮތް މައްސަލައެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމަށް ދާއިމީ އަދި ފުރިހަމަ ހައްލެއް ހޯދުމަށް ސްޓޭޓް ފާމަރ އިން މަސައްކަތް ކުރަމުންދާ ކަމަށް ޝާހު ވިދާޅުވިއެވެ.

ބޭހުގެ ރަންގަޅު ސްޓޮކެއް ދެމެހެއްޓުމަށާއި ސަޕްލައި ޗެއިން ހަރުދަނާކުރުމަށްޓަކައި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޑިޖިޓަލް ސިސްޓަމްތައް ގާއިމްކުރަމުންދާކަން އޭނާ ހާމަކުރެއްވިއެވެ. މީގެ އިތުރުން، މިހާރު ދިމާވާ ބައެއް ދަތިތަކަށް ވަގުތީ ހައްލެއްގެ ގޮތުން ޕްރިސްކްރިޕްޝަނަށް ބޭސް އޯޑަރު ކުރަމުންދިޔަ ނަމަވެސް، ކުރިމަގުގައި ބޭހަށް ބޭނުންވާނެ މިންވަރު ދުރާލާ އަންދާޒާކޮށް (ފޯކާސްޓްކޮށް)، އެއް އަހަރު ނުވަތަ ދެ އަހަރު ދުވަހުގެ ސްޓޮކް އެއްފަހަރާ އެތެރެކުރުމަށް ރާވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ޝާހު އިތުރަށް ވިދާޅުވީ، ކުންފުނީގެ ވިޔަފާރީގެ ފައިދާއަށްވުރެ ބޮޑަށް އިސްކަންދޭނީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ބޭހެއް މެދުކެނޑުމެއް ނެތި ލިބޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ.

ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންއަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވުޖޫދުކޮށްފައިވާ ކުންފުންޏެކެވެ.

އެސްޓީއޯގެ ދަށުން މީގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި ހުރިހާ ފާމަސީތަކާއި މުވައްޒަފުން މި ހިނގާ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ އެ ކުންފުނީގެ ދަށަށް ރަސްމީކޮށް ބަދަލުކޮށް، މަސައްކަތްތައް ފަށާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk