logo

ހަންކެޑެ ބްރިޖްގެ މަސައްކަތް ނިމުމަކާ ގާތަށް

profile

ޒިދާން މުޙައްމަދު - 08 އޯގަސްޓު 2024 - 12:50

އައްޑޫ ސިޓީ ހަންކެޑެ ބްރިޖްގެ މަސައްކަތް ކުރިއަށްދަނިކޮށް ނަގާފައިވާ ފޮޓޯއެއް

އައްޑޫ ސިޓީ ހަންކެޑެ ބްރިޖްގެ މަސައްކަތް ކުރިއަށްދަނިކޮށް ނަގާފައިވާ ފޮޓޯއެއް

އައްޑޫ ސިޓީ ހަންކެޑެ ބްރިޖްގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެއެވެ.

ެއައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން އެ ސިޓީގައި މިހާރު އަޅަމުންދާ ޑީޓުއަރ ބްރިޖްގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މިޕްރޮޖެކްޓްގެ ކުރިއަށް ހުރި މަސައްކަތުގެ ތެރޭގައި ކްރޭޝް ބެރިއަރ އަދި އެކްސްޕޭންޝަން ޖޮއިންޓް ހަރުކުރުމުގެ އިތުރުން މި މަސައްކަތްކުރުމަށް ވަގުތީގޮތުން އަޅާފައިވާ ވެލިތައް، ބްރިޖްގެ ދަށުން ނެގުން ހިމެނެއެވެ.

ބްރިޖްގެ މައިގަނޑު ހުރިހާ މަސައްކަތްތަކެއް ނިމި މިހާރު ކުރިއަށް ދަނީ ބްރިޖްގެ ދެ ފަރާތުގައި ފެންސް ޖެހުމުގެ މަސައްކަތް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީ ހަންކެޑެ ބްރިޖަކީ، ފަތުރުވެރިކަމަށް ތަރައްޤީކުރަން ކަނޑައަޅާފައިވާ ރަށް، "ހަންކެޑެ" ބޭރުން ހުޅަނގު ދެކުނުގައި ތަރައްޤީކުރާ ބްރިޖެކެވެ. އައްޑޫގެ ލިންކް ރޯޑް މިހާރު އޮތީ ހަންކެޑެ ހުރަސްކޮށެވެ. މި ބްރިޖް މުހިންމުވާ އެންމެ ބޮޑު ސަބަބަކީ، ހަންކެޑެ ކިޔާ ސަރަޙައްދު އެއްކޮށް ފަތުރުވެރިކަމަށް ދޫކޮށްލެވޭނެ ގޮތް ހެދުމެވެ.

ހަންކެޑެ ބްރިޖްގެ ޢަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. 1.4 ކިލޯމީޓަރުގެ މި ބްރިޖަކީ، 4 ލޭނަށް ތަރައްޤީކުރާ ބްރިޖެކެވެ. އައްޑޫ ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ، އެ ސިޓީގެ މަގު ހެދުމަށް ކުރިއަށްގެންދާ ބިޔާ މަޝްރޫޢުއާއި އެކުއެކީގައެވެ.

ސަރުކާރުން އައްޑޫ މަގު ހަދަން ހަވާލުކޮށްފައިވަނީ ތިލަމާލެ ބްރިޖު ހެދުމުގެ މަސައްކަތްވެސް ހަވާލު ކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. އައްޑޫގެ އެތެރޭގެ މަގުތައް ހިމެނޭހެން މުޅި މަޝްރޫޢުގެ އަގު 1.19 ބިލިޔަން ރުފިޔާ ޚަރަދުކުރެއެވެ.

ހަންކެޑެ ބްރިޖްގެ މަސައްކަތް ނިމުމަކާގާތަށް ގޮސްފައިވާއިރު ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ބިންގާވެސް އަޅާފައެވެ. މި މަޝްރޫޢަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މިހާތަނަށް ފެށި އެންމެ ބޮޑު އެއް މަޝްރޫޢެވެ.

tel:+9607331319