logo

ޖައިޝަންކަރުގެ ދަތުރުފުޅުގައި ހަންކެޑެ ބްރިޖް އިފްތިތާހުކޮށްދެއްވާނެ

profile

އާމިނަތު ޝަފާ - 10 އޯގަސްޓު 2024 - 16:46

ހަންކެޑެ ބްރިޖް

ހަންކެޑެ ބްރިޖް

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މާދަމާ އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ހަންކެޑެ ބްރިޖް ނިންމުން އިފްތިތާހުކޮށްދެއްވާނެކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން އެ ސިޓީގައި ތަރައްގީކުރާ ޑީޓުއަރ ބްރިޖްގެ 95 އިންސައްތަ މަސައްކަތް ނިންމާލާފައިވާއިރު މިހާރު ކުރިއަށް ދަނީ ބްރިޖްގެ ދެ ފަރާތުގައި ފެންސް ޖެހުމުގެ މަސައްކަތްތަކެވެ.

އަސްލު ޓީވީއަށް މައުލޫމާތު ދެއްވަމުން މޭޔަރު ނިޒާރު ވިދާޅުވީ މާދަމާ މިނިސްޓަރ ޖައިޝަންކަރު އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫގެ ތަރައްގީއާ ގުޅިފައިވާ މި ބުރިޖު ނިންމުން އިފްތިތާހުކޮށްދެއްވާނެކަމަށާއި މި ބުރިޖުގެ ސަބަބުން އެ ސަރަހައްދަށް ތަރައްގީގެ ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.

"މި ދަތުރުފުޅުގައި އެ ސަރަހައްދުގައި އިންޑިއާގެ އެހީގައި ކުރިއަށްދިޔަ ބިން ހިއްކުމުގެ މަޝްރޫތައް ނިންމުމުގެ މަސައްކަތްތައް ކުރިއަށްދާނެ. އަދި ހަންކެޑެ ބުރިޖު ނިންމުންވެސް އިފްތިތާހުކުރާނެ. އެކަމަކު އާއްމުންނަށް ހުޅުވާނީ ބައެއް އިތުރު ކަންކަން ނިންމުމަށްފަހު. މި ނޫނަސް އައްޑޫގެ ތަރައްގީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ނިންމުންތައް އެބަހުރި".

އައްޑޫ ސިޓީ ހަންކެޑެ ބްރިޖަކީ، ފަތުރުވެރިކަމަށް ތަރައްޤީކުރަން ކަނޑައަޅާފައިވާ ރަށް، "ހަންކެޑެ" ބޭރުން ހުޅަނގު ދެކުނުގައި ތަރައްޤީކުރާ ބްރިޖެކެވެ. އައްޑޫގެ ލިންކް ރޯޑް މިހާރު އޮތީ ހަންކެޑެ ހުރަސްކޮށެވެ. މި ބްރިޖް މުހިންމުވާ އެންމެ ބޮޑު ސަބަބަކީ، ހަންކެޑެ ކިޔާ ސަރަޙައްދު އެއްކޮށް ފަތުރުވެރިކަމަށް ދޫކޮށްލެވޭނެ ގޮތް ހެދުމެވެ.

ހަންކެޑެ ބްރިޖްގެ ޢަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. 1.4 ކިލޯމީޓަރުގެ މި ބްރިޖަކީ، 4 ލޭނަށް ތަރައްޤީކުރާ ބްރިޖެކެވެ. އައްޑޫ ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ، އެ ސިޓީގެ މަގު ހެދުމަށް ކުރިއަށްގެންދާ ބިޔާ މަޝްރޫޢުއާއި އެކުއެކީގައެވެ.

ސަރުކާރުން އައްޑޫ މަގު ހަދަން ހަވާލުކޮށްފައިވަނީ ތިލަމާލެ ބްރިޖު ހެދުމުގެ މަސައްކަތްވެސް ހަވާލު ކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. އައްޑޫގެ އެތެރޭގެ މަގުތައް ހިމެނޭހެން މުޅި މަޝްރޫޢުގެ އަގު 1.19 ބިލިޔަން ރުފިޔާ ޚަރަދުކުރެއެވެ. މި މަޝްރޫޢަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މިހާތަނަށް ފެށި އެންމެ ބޮޑު އެއް މަޝްރޫޢެވެ.

tel:+9607331319