logo

މަޝްރޫއުތައް ހިންގަނީ ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ހެޔޮ ބަދަލު ގެންނަން: ޖައިޝަންކަރު

profile

މަރްޔަމް އުމްނާ އިސްމާޢީލް - 10 އޯގަސްޓު 2024 - 17:47

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އިންޑިއާ އިން ރާއްޖެއަށް އެހީތެރިވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ރައްޔިތުންގެ އާއްމު ދިިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެ އެވެ.

ޖައިޝަންކަރު މިގޮތަށް ވިދާޅުވީ، އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށް ނިންމައި، އެ މަޝްރޫއުތައް ދިވެހި ސަރުކާރާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާއިން އެހީތެރިކަން ދޭއިރު މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާނެ އަސަރުތަކަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ. އަދި އެ މަޝްރޫއުތައް އެ މަގުން ކުރިއަށް ގެންދިއުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ.

ހާއްސަކޮށް، ރާއްޖެ ކަހަލަ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ސާފު ފެން ނުލިބުމުގެ މައްސަލައާއި ރަނގަޅު ނަރުދަމާގެ ނިޒާމެއް ނެތުމުގެ މައްސަލަ އުޅޭއިރު އެ ފަދަ މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ތަސައްލީއެއް ލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ކަންކަމުގައި ވަށާޖެހޭ ހައްލެއް ހޯދައިދިނުމަކީ އެ ގައުމުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. އަދި ރާއްޖޭގައި ސާފު ބޯފެން ކަށަވަރުވުމާއި ނަރުދަމާ ނިޒާމު ގާއިމުކޮށް އެކަންކަން ހިންގުމުގެ ގާބިލުކަން އިތުރުކުރުމަކީ ވެސް އަމާޒެއްކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، މިއަދު ސަރުކާރާ ހަވާލުކުރި މަޝްރޫއުގެ ސަބަބުން ވެސް އެތައް ރައްޔިތުންނަކަށް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"28،000 ދިވެހިންގެ އާއްމު ދިރިއުޅުމަށް ފަސޭހަވެގެންދާނެ" ޖައިޝަންކަރު ވިދާޅުވި އެވެ.

މި މަޝްރޫއު އަކީ ދިވެހި ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި 32،773 މީހުންގެ އާބާދީއަކަށް އަމާޒުކޮށް ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މަސައްކަތްނިމި މިއަދު ސަރުކާރާ ހަވާލު ކުރެއްވި 28 ރަށުގެ މި މަޝްރޫޢުތަކުން، 28،298 މީހުންގެ އާބާދީއަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވިގެންދާނެއެވެ. އެއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން 7 އިންސައްތައެވެ.

އިއްޔެ ރާއްޖެ ވަޑައިގެން ފޮރިން މިނިސްޓްރީގަ ބޭއްވި ރަސްމިއްޔާތުގައި ވެސް ޖައިޝަންކަރު ވިދާޅުވީ އިންޑިއާގެ 'ނެއިބާ ހުޑް ފަސްޓްް ޕޮލިސީ' ގެ ދަށުން އެންމެ އިސްކަމެއް ދޭ އެއް ގައުމަކީ ރާއްޖެ ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ ތަރައްގީއަށް އެކުގައި މަސައްކަތް ކުރުމުގެ މައްޗަށް ކަމަށެވެ. އޭނާ ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއާ އޮތް ގުޅުމުގެ ސަބަބުން ދެ ގައުމަށް ވެސް ކުރިއެރުން ލިބެމުންދާ ކަމަށް ވިދާޅުވެފަ އެވެ

tel:+9607331319